މާލޭގެ ސްކޫލުތަކަށް އަލަށް ވަންނަން އެދުނު ދަރިވަރުންގެ އަދަދު މި އަހަރު ދެ ގުނައަށް އިތުރުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓާ މޫސާ އާދަމް ވިދާޅުވީ ފާއިތުވި އަހަރުތަކުގައި އެވްރެޖުކޮށް މާލޭގެ ސްކޫލުތަކަށް އަލަށް ވަންނަން ހުށަހަޅަނީ ޖުމްލަ 500 އެއްހާ ފޯމު ކަމަށެވެ.

ނަަމަވެސް ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށުމާ ގުޅިގެން މިއަހަރު ރަށްރަށުން މާލެ ސަރަހައްދުގެ ސްކޫލުތަކަށް ވަންނަން ބޭނުންވެގެން ހުށަހެޅި އަދަދު ދެ ގުނަ އިތުރުވެފައިވާ ކަމަށް މޫސަ ވިދާޅުވިއެވެ.

އެގޮތުން ރަށްރަށުން މާލެ ބަދަލުވެ، މި އަހަރު ގްރޭޑު އެކަކަށް ވަންނަން އެކަނި ވެސް 550 ފޯމު ހުށަހަޅާފައިވާ އިރު، އެހެން ގްރޭޑުތަކަށް އަލަށް ބަދަލުވާން ހުށަހެޅި ހާހެއްހާ ފޯމާއެކު، މި އަހަރު މާލެ ސަރަހައްދުގެ ސްކޫލްތަކަށް 1،500 އަށްވުރެ ގިނަ ދަރިވަރުން ބަދަލުވާން ބޭނުންވެގެން ހުށަހަޅާފައިވާ ކަމަށް މޫސާ ވިދާޅުވިއެވެ.

މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި އަހަރު މާލެ ސަރަހައްދުގެ ގްރޭޑު އެކަކަށާއި އެކި ސްކޫލުތަކަށް ބަދަލުވާން ޖުމްލަ 5،260 ފޯމު ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން މިހާތަނަށް 5،100 އަށްވުރެ ގިނަ ފޯމަށް ޖަވާބު ދީފައިވާއިރު، އިއްޔެ އެކަނިވެސް އިތުރު 100 އަށްވުރެ ގިނަ ފޯމު ލިބިފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ދެވަނަ ފިޔަވަހި އާބާދުވެ، ސްކޫލްތަކަށް އަލަށް ވަންނަ ދަރިވަރުންގެ އަދަދު އިތުރުވަމުންދާ އިރު، ސަރުކާރުން އަންނަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްކޫލްތައް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ އޭގެތެރެއިން އަހުމަދު ކާމިލް ދީދީގެ ޕްރައިމަރީ ސްކޫލު އަންނަ މަހުގެ ހަތަރެއްގައި ހުޅުވާނެ ކަމަށެވެ. އަދި ދެވަނަ ފިޔަވަހީގައި އަލަށް އިމާރާތްކުރާ ޖަމީލް ދީދީ ޕްރީ ސްކޫލް ވަރަށް އަވަހަށް ހުޅުވާނެ ކަމަށާއި ސަލާހުއްދީންގެ ސްކޫލްގެ ނަމުގައި އަމީން ކޮންސްޓްރަކްޝަން އިން އިމާރާތްކުރާ ސްކޫލް އަންނަ ޖެނުއަރީގައި ހުޅުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދެ ވަނަ ފިޔަވަހީގައި އިތުރު ހަތަރު ސްކޫލެއް އަޅަން މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ.