އަންނަ އާދީއްތަ ދުވަހު ސްކޫލުތައް ހުޅުވޭ އިރު، ހުރިހާ ދަރިވަރުންނަށް ފޮތްތައް ހަމަޔަށް ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު މިއަދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ރަށްރަށަށް މިހާރު ފޮނުވާލާފައިވާ ކަމަށެވެ.
ފޮތްތައް ފޯރުކޮށްދިނުމުގައި ލަސްވީ ބައެއް ފޮތްތައް އަލުން ތައްޔާރުކުރަން ޖެހުމުންނާއި މޫސުން ގޯސްވެ ކަނޑު ދަތުރުފަތުރަށް ބުރޫ އެރުމުގެ ސަބަބުން ރަށްރަށަށް ފޮތްތައް ފޮނުވުގައި ދަތިތަތަކާ ކުރިމަތިލާން ޖެހުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް އަންނަ ހޮނިހިރު ދުވަހަށް ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް ބޭނުންވާ ފޮތްތައް އެ ރަށަކަށް ލިބޭނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ދަރިވަރުންގެ ފޮތްތައް ފޮނުވާފައި ހުންނާނީ ކޮންމެ ދަރިވަރަކުވެސް މިދިޔަ އަހަރު ކިޔެވި ސްކޫލަށް ކަމަށާއި އެހެންކަމުން ސްކޫލު ބަދަލުވާ ދަރިވަރުންގެ ބެލެނިވެރިން އެކަމަށް ސަމާލުކަން ދީގެން ދަރިވަރު ކުރިން ކިޔެވި ސްކޫލުން އެ ދަރިވަރެއްގެ ފޮތްތަށް ނެގުމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ގްރޭޑް 9-10 ގެ ދަރިވަރުންގެ ޓެކްސްޓު ފޮތުގެ ބަދަލުގައި ހުންނާނީ އޮންލައިން ފޮތްތަކެއް ކަމުން، އެ ފޮތްތަށް ވެސް ސްކޫލު މެދުވެރިކޮށް ދަރިވަރާ ހަވާލުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މިހާރު ސްކޫލުތަކަށް ބޭނުންވާ ޓީޗަރުންވެސް ހަމަވެފައިވާ ކަމަށެވެ. އެގޮތުން މިފެށޭ ދިރާސީ އަހަރަށް ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލުތަކުގައި ޖުމްލަ 8،365 ޓީޗަރުން ކިޔަވައި ދޭނެ ކަަމަށެވެ. އޭގެތެރޭގައި ރާއްޖޭގެ 6،006 ދާއިމީ ޓީޗަރުންނާއި 1693 ބިދޭސީ ޓީޗަރުންނާއި 666 ރިލީފް ޓީޗަރުން ހިމެނޭ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު