ސްކޫލުތަކުގެ ބެލެނިވެރިން ބޭނުންވާ ނަމަ ބޮޑު ޗުއްޓީ އަލުން ބަަދަލުކުރުމަށް ސަރުކާރުން ވިސްނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ބޮޑު ޗުއްޓީ ބަދަލުކުރުމާ މެދު އާއްމުންގެ ހުރި ކަންބޮޑުވުންތައް ސޯޝަލް މީޑިއާ އިން ފެންނަ ކަމަށާއި ނަމަވެސް ރަސްމީކޮށް އެކަމާ ގުޅޭ ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

ނަމަވެސް ޗުއްޓީ ބަދަލުކުރަން ބޭނުންވެގެން ރަސްމީ ސިފައެއްގައި އެދިއްޖެނަމަ އެކަން ކުރުމާ މެދު ސަރުކާރުން ވިސްނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކުރިން ސްކޫލު ބޮޑު ޗުއްޓީ ދިމާވަނީ ކޮންމެ އަހަރެއްގެ ފަހުކޮޅަށެވެ. ނަމަވެސް 2020 ވަނަ އަހަރު ކުރިމަތިވި ކޮވިޑުގެ ބަލިމަޑުކަމުގައި ސްކޫލުތައް ބަންދުކޮށް ދިގުލައިގެން ދިއުމާއި އޯ ލެވެލް އިމްތިހާނު ބާއްވާ ތާރީހު ފަސްވެގެން ދިއުމުން ސްކޫލުތަކުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ދިރާސީ އާ އަހަރު ފަށާ މުއްދަތު ބަދަލުކުރީއެވެ.

މިބަދަލާއެކު ސްކޫލު ބޮޑު ޗުއްޓީ ޖޫން ޖުލައި ވިއްސާރައާ ދިމާވުމުގެ ސަބަބުން މޫސުން ގޯސްވެ ޗުއްޓީގެ ބޭނުން ނުހިފޭ ކަމަށް ބުނެ ބައެއް ބެލެނިވެރިންނާއި ޓީޗަރުން ވަނީ ސޯޝަލް މީޑިއާގައި އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިނިސްޓަރު ވިދާޅުވީ ޖޫން ޖުލައިގެ މޫސުމަށް ބެލުމަށްފަހު، ހާލަތު ރަނގަޅު ނޫނިއްޔާ ބަދަލުކުރެވިދާނެ ކަމަށާއި ނަމަވެސް އެއީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. ސަބަބަކީ ޗުއްޓީ ބަދަލުކޮށްފި ނަމަ ދަރިވަރުންގެ ކިޔެވުމުން ހަ މަސް ގެއްލި މިހާރު ތިބި ދަރިވަރުންގެ ވަގުތުތައް ބޭކާރުވެގެން ދިއުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.