ދިވެހިރާއްޖޭގެ ތާރީޚު

ދިވެހި ތާރީޚު: ރަސްކަމެއް އިންގިލާބު ކުރުމުގެ ތެރެއިން އަވަހާރަވި އުއްތަމަފަނޑިޔާރު

އިމާދު ލަތީފު

ދިވެހިރާއްޖޭގެ ރަސްކަމަށް 1903 ގައި އެރި ލޮޅުމެއްގައި މާންދޫގެއިން މުލީގެއަށް ބާރުތައް ފުރޮޅިގެން ހިގައްޖެއެވެ. ހާޖީ އިމާދުއްދީނުގެ ރަސްކަން ނިމި މުހައްމަދު ޝަމްސުއްދީނުގެ ވެރިކަން ފެށިއްޖެއެވެ. ތަފާތު ދެގެޔަކަށްވިޔަސް މިއީ ހުރަވީ ޚާންދާނުގެ ގޮފިތަކެވެ. މާންދޫގެޔަކީ މުސްކުޅި ބަންޑާރައިންގެ ލޯފަން ދޮށީމަނިއްޕުޅުގެ ފަޅިއެވެ. މުލީގެއަކީ މުސްކުޅި ބަންޑާރައިންގެ ނޫރައްދީނު ބަންޑާރައިންގެ ފަޅިއެވެ. ކޮންމެއަކަސް މިބަދަލެއްގެ ފަހަތުގައި ތިބީ އަތިރީގޭ ބޭފުޅުންނާއި އެބޭފުޅުންގެ ވާގިވެރިންނެވެ. ރަސްކަން ފުރޮޅައިލީ ކައިވެނިފުޅަކަށްޓަކައި ހާޖީ އިމާދުއްދީނު މިސްރަށް ފުރާވަޑައިގެންނެވިތަނާއެވެ. އުއްތަމަފަނޑިޔާރަކަށް އޭރު ހުންނެވީ އައްޝައިޚު އަލިދީދީއެވެ. އޭނާ ވިދާޅުވިއެވެ. ތިޔަހެނަކުން ރަސްކަން ބަދަލެއް ނުކުރެވޭނެއެވެ. ދެ ބޭފުޅަކަށް ތަޚުތުގައި ނުތިއްބެވޭނެއެވެ.

ރަސްކަން ފުރޮޅައިލީ ބަޣާވާތަކުންނެވެ. އިސްލާމީ ސަރިޔަތާއި އާޚިރަތުގެ ކަންކަމަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ޒިންމާ ކޮނޑުގައި އެޅިފައިވާ ފަރާތަކީ އުއްތަމަފަނޑިޔާރެވެ. އޭނާގެ ރައުޔު ނުވަތަ ހުކުމް މިމައްސަލައިގައި އެއޮތީ އިއްވަވައިފައެވެ. އެހެންނަމަވެސް އަޑުއެހި ބަޔަކު ނެތެވެ. ދެން އަޑުއިވުނީ އޭގެ ދެތިން ދުވަހެއް ފަހުން ޝައިޚު އަލިދީދީ އަވަހާރަވީ ވާހަކައެވެ. ލިޔާމީހުން ލިޔެފައިވަނިކޮށް ފެނެއެވެ. ޒާތެއްގެ ހުންފުޅެއްގައި އުއްތަމަފަނޑިޔާރު އަވަހާރަވީއެވެ. އަނެއްބަޔަކު ބުނެއެވެ. ހުންފުޅުގެ އަސްލަކީ މާބޮޑަށް ބިރުފުޅުގަތުމެވެ. ކޮންމެއަކަސް އެހާތަނަށް ހަމަ ބަރާބަރު ސިއްހަތެއްގައި ގަދަފަދަކޮށް ހުންނަވައި ވަރަށް ސާބިތުކަމާއެކު ހައްގު ބަސްފުޅު ވިދާޅުވި އުއްތަމަފަނޑިޔާރުގެ ކުއްލި ވަކިވުން ތަހުގީގުކުރި ބަޔަކު ނެތެވެ. ޝައްކުކުރެވޭ ކިތަންމެ ކަމެއް ހުރުމާވެސް އެކުގައެވެ.

ޝައިޚު އަލިދީދީ ފަސްދާނުލެވުނީ މާލޭ ހުކުރުމިސްކިތުގެ ގަބުރުސްތާނުގެ ހުޅަނގު އުތުރު ފަރާތުގައެވެ. ހުރަވީ ބިލްޑިންގޭ ކިޔުނު ބިލްޑިންގެއް ކޮޅަށްޖަހައި އެފަރާތުގައި މަގެއްހަދާންވެގެން ގަބުރުސްތާނުގެ އެފަޅި ކަހައި ސާފުކޮށްލިއިރު ޝައިޚު އަލިދީދީގެ މަހާނަޔާއި އަދިވެސް ކިތަންމެ ކިތަންމެ ތާރީޚީ މަހާނަތަކެއް ވަނީ ނެތިގެންގޮސްފައެވެ. ހުރަވީ ބިލްޑިންގު ތަޅާލައި އެސަރަހައްދުގައި ޕާރކެއް ތަރައްގީ ކުރުމަށްޓަކައި މިހާރު އަނެއްކާވެސް ކޮންނަމުން، ކަހަމުން، ސާފުކުރަމުންދާ މަންޒަރު އެބަފެނެއެވެ. ދެކޭ މީހުން ބުނެއެވެ. މިނިކަށިވެސް ފެނެއެވެ. އެއީ ކާކުތޯ ބަލައި ހޯދުމެއްވެސް ނެތެވެ. އެމަންޒަރު ފެނުނީމާ ހިތުގައި ޖެހުނެވެ. މިއީ އައްޝައިޚު އަލިދީދީގެ ވާހަކަ ލިޔުން މުނާސަބު ވަގުތެކެވެ. އެދީދީގެ މަހާނަޔަށްވެސް އަމާންކަމެއް ނެތީމައެވެ.

ދިވެހިރާއްޖޭގައި އުއްތަމަފަނޑިޔާރުކަން ކުރައްވާ ގިނަ ބޭފުޅުންގެ ނަންފުޅުގެ ފަހަތަށް ކޮންމެވެސް ދީނެއް ލައިފައި ކޮލިނަމެއް ކިޔައެވެ. އެހެންނަމަވެސް ޝައިޚު އަލިދީދީއަށް އެކަހަލަ ނަންފުޅެއް ނެތެވެ. އޭނާ އަވަހާރަވީ އެކަން ކުރުމުގެ ކުރިންނެވެ. ފަނޑިޔާރުންގެ ލިސްޓުން އޭނާގެ ވަނަޔަކީ ސާޅީސްފަހެކެވެ. އެއީ އައްޑުއަތޮޅު މީދޫއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. އެރަށު އެޅަގޭ އަލިދީދީއެވެ. ބައްޕާފުޅަކީ ދިޔަމިގިލީ ޣިޔާސުއްދީނު ރަދުންގެ އިބްރާހިމް ފާމުލަދޭރިކިލެގެފާނަށް ކާފަވިދާޅުވާ އައްނާއިބު ގަނޑުވަރު ހަސަންދީދީއެވެ. ކިޔަވައި ވިދާޅުވީ އުފަން ރަށުންނެވެ. އިބްރާހިމް މަޖްދުއްދީނާއި މޫސާ ބަދުރުއްދީނުގެ އަރިހުންނެވެ. ވަރަށްވެސް އިލްމުވެރި ވަރަށްވެސް މުދައުވެރި ދީލަތި ބޭފުޅެއްމެއެވެ.

ޝައިޚު އަލިދީދީ ކުރެއްވީ އެންމެ ކައިވެނިފުޅެކެވެ. އަނބިކަނބަލަކީ މޫސާ ބަދުރުއްދީނުގެ ދަރިކަނބަލުން ފާތިމާމަނިކެއެވެ. ލިބިވަޑައިގެންނެވީ އެންމެ ދަރިކަނބަލެކެވެ. މަރިޔަމްދީދީއެވެ. މިދަރިކަނބަލުން ހުޅުދޫ އެޅެހިށިގޭ ދޮންމަނިކުއާ ކައިވެނިބައްލަވައިގެން ހުންނަވަނިކޮށް ހައްޖުދަތުރުފުޅެއްގައި މަދީނާގައި އަވަހާރަވީއެވެ. އެއްވެސް ބޭފުޅަކު ނެތެވެ. އެހެންވީމާ ޝައިޚު އަލިދީދީގެ ސީދާ އައުލާދެއް ނެތެވެ. އެހެންނަމަވެސް ޝައިޚު އަލިދީދީގެ އެއްބަފަޔަށާއި އެއްބަނޑަށް ވަރަށް ގިނަ ބޭފުޅުން ތިއްބެވިއެވެ. އެބޭފުޅުންގެ އައުލާދު ގިނަގުނައެވެ. މާލެއާއި އައްޑުއަތޮޅުގައެވެ. އެނޫންވެސް ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައެވެ. އަލިދީދީޔާ އެއްބަފައި ބޭފުޅުންގެ ތެރޭގައި ހުވަދުއަތޮޅު ފިޔޯރީ ދޮންދީދީ އާއި މަރިޔަމްދީދީ އާއި އިސްމާއީލްދީދީ އަދި އައްޑޫ ހިތަދޫ ކުއްދީދީ ހިމެނެއެވެ.

ޝައިޚު އަލިދީދީޔާއި އެއްބަފައި ބޭފުޅުންނަށް މީދޫގައި ތިއްބެވީ ކަޅިހާރު އަހުމަދުދީދީ އާއި އެގޭ ހުސައިންދީދީއާއި އާމިނަތުދީދީއެވެ. އެއްބަނޑަށް މީދޫގައި ތިއްބެވީ އެޅެގޭ މުހައްމަދުދީދީ އާއި އެގޭ އިބްރާހިމްދީދީއާއި އަބްދު ﷲ ދީދީ އާއި ތުއްތުދީދީއެވެ. މިއެންމެހައި ބޭފުޅުންގެ އައުލާދު އެބައޮތެވެ. ޝައިޚު އަލިދީދީ އަވަހާރަވުމުން އެ އައުލާދުގެ ތެރެއިން ބޭފުޅަކަށް ފަނޑިޔާރުކަންދޭން އުޅުނުކަމަށް ބުނެވެއެވެ. އެކަމަކު ޝައިޚު އަލިދީދީ އަވަހާރަވުމުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން އެ ފުރުސަތު އެއިން ބޭފުޅަކު ގަބޫލު ނުކުރެެއްވީއެވެ. މި އާއިލާއިން އެންމެފަހުން ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވީ ޝައިޚު އަލިދީދީއާ އެއްބަނޑު އެއްބަފައި އަބްދު ﷲ ދީދީގެ ހުސައިންދީދީގެ މުހައްމަދު ސައީދުގެ ދަރިކަލުން އަލްއުސްތާޒު އަބްދު ﷲ ސައީދެވެ.