ދުނިޔެ

ގެފުޅުގައި އުރަކޮޅު ލެއްވުމަށް އިންގިލާބީ ބޮޑު ބަދަލެއް!

އިމާދު ލަތީފު

ގެފުޅުގެ އުރަކޮޅު ބަދަލުކުރުމަކީ އަހަރަކު އެއްފަހަރު ކުރެވޭ ވަރަށް ޚާއްސަ މަސައްކަތެކެވެ. މިހާތަނަށް އެކަން ކުރަމުން އައީ ކޮންމެ ހައްޖުމަހެއްގެ ނުވަ ވަނަ ދުވަހު ހެނދުނުއެވެ. ހުރިހާ ހައްޖުވެރިން އަރަފާތަށް ދިޔުމުންނެވެ. މިއާދަ މިގޮތަށް ދަމަހައްޓަމުން އަންނަތާ އެތައް އަހަރެއް ފަހުން ސައޫދީ ސަރުކާރުން މިހާރު ވަނީ ގެފުޅުގެ އުރަކޮޅު ބަދަލުކުރާ ދުވަހަށް ވަރަށް ބޮޑު ބަދަލެއް ގެނެސްފައެވެ. ހިޖުރީގޮތުން 1444 ވަނަ އަހަރުގެ ފެށުން ފާހަގަ ކުރުމުގެ ގޮތުން ސައުދީ ސަރުކާރުންވަނީ މުހައްރަމް މަހުގެ އެއްވަނަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އުރަކޮޅު ބަދަލުކޮށްފައެވެ. ދެން ކޮންމެ އަހަރެއްގައިވެސް މިކަން ކުރާނީ މުހައްރަމް މަހުގެ އެއްވަނަ ދުވަހުއެވެ. މިއީ ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒުގެ ނިންމެވުމެކެވެ.

ގެފުޅުގެ އުރަކޮޅަށް އަރަބި ބަހުން ކިޔަނީ ކިސްވާއެވެ. މި އުރަކޮޅު ބަދަލުކުރުމަކީ ޖާހިލިއްޔަ ޒަމާނުން ފެށިގެން ކުރަމުން އަންނަ ކަމެކެވެ. އެކަމަކު އެކި ޒަމާނުގައި މިކަންކުރާ ގޮތާއި ބޭނުންކުރެވޭ ތަކެއްޗާއި މިކަންކުރުމުގެ ވައްޓަފާޅިޔަށް ބޮޑެތި ބޮޑެތި ބަދަލުތައް އައިސްފައިވެއެވެ. އެންމެ ފުރަތަމަ ގެފުޅުގައި އުރަކޮޅެއް ލެއްވީ ޔަމަނުކަރައިގެ ރަސްކަން ކުރެއްވި ހިމްޔަރު ވަންހައިގެ ރަސްކަލެއް ކަމުގައި ބުނެވެއެވެ. އެއީ އީސާއީ ސަނަތުން ފަސްވަނަ ސައްތައިގެ ތެރޭގައެވެ. އޭގެ ފަހުން ޔަމަނުގެ ރަސްރަސްކަލުން މިކަން ކުރެއްވީ އަހަރަކު އެއްފަހަރު ކަހަލަ ގޮތަކަށް މައްކާގެ ގުރައިޝުންގެ ބޮޑުންނާ ގުޅިވަޑައިގެންނެވެ. އިސްލާމްދީން އައިއިރުވެސް މިކަން މިމަގުން ހިނގަމުންދެއެވެ. އިސްލާމުން މިކަމާ ހަވާލުވީ މައްކާ ފަތަހަ ކުރެއްވުމަށްފަހުގައެވެ.

މަދީނާގެ ފުރަތަމަ އިސްލާމީ ޚިލާފަތުގެ ދުވަސްވަރު ސަހާބީން މިކަމަށް ބޭނުންކުރެއްވި ކަމަށް އެނގިފައިވަނީ ޔަމަނުގެ ހުދު ފޮއްޗެވެ. ފަށުވިން ކިސްވާ ހެދުމުގެ ކަންކަން ތައާރަފުވީ އުމަވީންގެ ފުރަތަމަ ޚިލާފަތުގައި މުއާވިޔަތުގެފާނުގެ ދައުރުގައެވެ. އޭރުގެ އާދަޔަކީ އަހަރަކު ދެފަހަރު ކިސްވާ ބަދަލުކުރުމެވެ. އޭރުގެ އާދަޔަކީ ކިސްވާ ބަދަލުކުރާއިރު ބައު ކިސްވާގެ މަތިން އައުކިސްވާއެއް ލެއްވުމެވެ. މިކަން ނިމުމަކަށް ގެންނެވީ އައްބާސީ ޚިލާފަތުގައި ޚަލީފާ އައްނާސިރެވެ. ބައު ކިސްވާގެ މަތީގައި އައު ކިސްވާ ބޭއްވުމުން އޭގެ ބަރުދަން އިތުރުވެ ގެފުޅަށް ގެއްލުންވާކަން ފެނިވަޑައިގެންނެވެ. އައްބާސީ ޚިލާފަތުގައި އަލް މައުމޫނުގެ ދައުރުގައި އަހަރަކު ތިންފަހަރު ކިސްވާ ބަދަލުކުރުމުގެ އާދައެއް ގެންގުޅުއްވިއެވެ. ރަތްކުލައިގެ ދެ ޝޭޑަކާއި ހުދުކުލައެކެވެ. އައްނާސިރު ބޭނުންކުރެއްވީ ފެހިކުލައެވެ.

އައްބާސީންނަށްފަހު ކިސްވާގެ ކުލަ ވަނީ ކަޅުކުލަޔަށް ބަދަލުކޮށްފައެވެ. މިކަމުގެ ސަބަބުތަކާމެދު ތަފާތު އެކި ރިވާތައް ހުރެއެެވެ. މިސްރުގައި ގާއިމުވެފައޮތް ފާތިމީ ދައުލަތް ނިމި، އައްޔޫބީންގެ ވެރިކަން ފެށުނު ހިސާބުން ކިސްވާ ބަދަލުކުރުމަކީ އައްޔޫބީންގެ ޒިންމާއެއްކަމުގައިވެ ކިސްވާ ތައްޔާރުކުރާ ތަނަކީ މިސްރުކަމަށް ހަމަޖެހިގެންދިޔައެވެ. އުސްމާނީ ޚިލާފަތުގެ ޒަމާނުގައިވެސް ކިސްވާ ތައްޔާރުކުރަމުން އައީ މިސްރުގައެވެ. ނަޖުދުގެ ރަސްގެފާނު އަބްދުލްއަޒީޒު އާލްސައޫދު، 1927 ވަނަ އަހަރު ހިޖާޒުކަރަ ފަތަހަ ކުރެއްވުމާ ހަމަޔަށްވެސް ކިސްވާ ތައްޔާރު ކުރަމުން އައީ މިސްރުގައެވެ. އެއީ މިސްރަށް އޮންނަ ވަރަށް ބޮޑު އިއްޒަތަކާއި ޝަރަފެކެވެ. އެންމެ ފުރަތަމަ ދެގައުމު ގުޅިގެން މިމަސައްކަތް ކުރަމުން އައިސް 1962 ގައި ކިސްވާ ތައްޔާރު ކުރުން ސައޫދީ އަރަބިޔާއަށް މުޅިން ބަދަލުވީއެވެ.

އަބްދުލްއަޒީޒު ރަސްގެފާނުގެ ދައުރުގެ ފަހުކޮޅުން ފެށިގެން މިހާތަނަށްވެސް ކިސްވާ ތައްޔާރު ކުރަމުން އަންނަނީ އެކަމަށްޓަކައި ސައޫދީ ސަރުކާރުން މައްކާގައި ގާއިމްކޮށްފައިވާ ޚާއްސަ ފެކްޓަރީއެއްގައެވެ. ޒަމާނާއެކު މިމަސައްކަތް ކުރެވޭ ގޮތަށް ވަރަށް ބޮޑު ބަދަލެއް މިހާރުވަނީ އައިސްފައެވެ. ވަރަށް ބޮޑު ޚަރަދެއް ކޮށްގެން މި ފެކްޓަރީއަށް އަބަދުވެސް އެންމެ ޒަމާނީ ވަސީލަތްތައް ގެނެވެއެވެ. ކޮމްޕިއުޓަރުގެ އެހީގައި ފަހާ އެންމެ ބޮޑު މެޝިން ހުންނަނީވެސް މި ފެކްޓަރީގައެވެ. ފެހުމަށްވުރެ ދިގު މުއްދަތެއް ހޭދަވަނީ ކަސީދާކުރުން ފަދަ މަސައްކަތަށް ކަމަށް ބުނެވެއެވެ. އެކަންކުރަނީ އަދިވެސް އަތުންނެވެ. އިހުގެ ފަންނުވެރިކަން ގެއްލިގެން ނުދާނޭގޮތުގެ މަތިންނެވެ. ބުނެވޭގޮތުގައި ކަސީދާކުރުމަށް އެކަނިވެސް ހައެއްކަމަސް ހޭދަވެއެވެ.

ކިސްވާ އުފެއްދުމުގެ ޚަރަދަކީ ވަރަށްވެސް ބޮޑު ޚަރަދެކެވެ. ކިސްވާ ފެހުމަށާއި ކަސީދާ ކުރުމަށް ރަނާއި ރިހީގެ ބަރަނި ބޭނުންވެއެވެ. ޚާލިސް ފަށުވި ބޭނުންވެއެވެ. ކިސްވާއެއް ތައްޔާރުކުރެވޭއިރު މިޒަމާނުގެ ފައިސާއިންނަމަ ގާތްގަޑަކަށް ހަތް މިލިޔަން ޑޮލަރު ހޭދަވެއެވެ. ހުރިހާ މަސައްކަތެއް ނިމޭއިރު ކިސްވާގެ ބަރުދަންވެސް ގާތްގަޑަކަށް 850 ކިލޯއަށް އަރައެވެ. ކުރިން ދެންނެވި ފެކްޓަރީގައި ކިސްވާގެ ހަތަރު ބައިގެ މަސައްކަތް ނިންމުމަށްފަހު ގެފުޅާ ހަމަޔަށް އެބައިތައް އުފުލައި އުރަކޮޅެއް ގޮތަށް ހަތަރުބިތުން ގުޅުވާލަނީ ކިސްވާ ތައްޔާރުކުރާ ފެކްޓަރީގެ ޚާއްސަ ފަންނުވެރިންނެވެ. އުރަކޮޅު ލެއްވުމުގެ މަސައްކަތަށްވެސް ގާތްގަޑަކަށް ދުއިސައްތައެއްހާ ފަންނުވެރިން ބޭނުންވެއެވެ. އެކަން ކުރަނީ މުޅިންވެސް ސައޫދީ އަރަބިޔާގެ ރައްޔިތުންނެވެ.