މަރުކަޒީ ބޭނުންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ވެރިފަރާތުން ހަވާލުނުވެ ހުރި 19،000 އަށްވުރެ ގިނަ ޑޯމަންޓް އެކައުންޓު ހުރިކަން ހާމަވެއްޖެއެވެ.

ޑޯމެންޓު އެކައުންޓަކީ ބޭންކުތަކުގައި ހުޅުވާފައި ހުންނަ އެކައުންޓުތަކުގެ ތެރެއިން އެއްވެސް މުއާމަލާތެއް ނުކުރާތާ ފަސް އަހަރުވެފައިވާ އެކައުންޓުތަކެވެ. ފަސް އަހަރުވަންދެން އެކައުންޓަކުން މުއާމަލާތެއް ނުކޮށްފި ނަމަ ބޭންކުން އެ އެކައުންޓުގެ ވެރިފަރާތަށް ލިޔުމަކުން އެކަން އަންގާނެއެވެ. އަދި ވެރިފަރާތުން އެ ލިޔުމަށް ޖަވާބުނުދީފިނަމަ ބޭންކުން އެފަދަ ފަރާތްތަކުގެ ލިސްޓު ގެޒެޓުކޮށް އެކައުންޓު އަލުން އެކްޓިވްކުރުމަށް ނުވަތަ އެކައުންޓުގައި ހުރި ފައިސާ ނެގުމަށް އިތުރު 60 ދުވަހުގެ މުއްދަތެއް ދޭނެއެވެ.

ނަމަވެސް އެ މުއްދަތުގައި ވެރިފަރާތުން އެ އެކައުންޓުތައް އެކްޓިވް ނުކޮށްފިނަމަ ނުވަތަ ބޭންކުން އެ ފައިސާ ނުނަގައިފި ނަމަ ބޭންކުން އެ އެކައުންޓުތައް އުވާލުމަށްފަހު އެކައުންޓުގައި ހުރި ފައިސާ ހަވާލުކުރާނީ އެމްއެމްއޭ އަށެވެ.

އެކައުންޓުތައް އުވާލައި އޭގައި ހުރި ފައިސާ، އެމްއެމްއޭއާ ހަވާލުކުރުމަށްފަހުވެސް ވެރިފަރާތުން އެދިއްޖެ ނަމަ އެ ފައިސާ އަނބުރާ ދޭންޖެހޭނެ ކަމަށް ކަމަށް ރާއްޖޭގެ ބޭންކިންއާ ބެހޭ ގާނޫނުގައި ވަނީ ބުނެފައެވެ.

އެމްއެމްއޭ އިން މައުލޫމާތު ދޭ ގޮތުގައި އެ ބޭންކާ ހަވާލުކޮށްފައި ހުންނަ މިފަދަ އެކައުންޓުތަކުގައި ހުންނަ ފައިސާ ނެގުމުގެ އިހުތިޔާތު އޭގެ ވެރިފަރާތަށް ކޮންމެ ވަގުތެއްގައިވެސް އޮންނާނެއެވެ. އެ ފައިސާ ނަގަން ބޭނުން ނަމަ 'ޑޯމަންޓް އެކައުންޓުގައިވާ ފައިސާ ނެގުމަށް އެދި ހުށަހަޅާ ފޯމު' ފުރުމަށްފަހު އެކައުންޓު ހުޅުވި ބޭންކަށް ލުމުން އެ ފައިސާ އެމްއެމްއޭ އިން ދޫކުރާނެއެވެ.

އެމްއެމްއޭ އިން ބުނީ އެ ފައިސާ އެ ކަސްޓަމަރެއްގެ އެހެން އެކައުންޓަކަށް ނުވަތަ އެހެން ފަރާތެއްގެ އެކައުންޓަކަށް ޓްރާންސްފާ ކުރެވޭނެ ކަމަށެވެ. އަދި ނަގުދު ފައިސާ އިން ދޫކުރާނީ އެކައުންޓުގައި ހުރި ފައިސާގެ އަދަދު 8،000 ރުފިޔާ ނުވަތަ 500 ޔޫއެސް ޑޮލަރަށްވުރެ އިތުރުނުވާނަމަ ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ.

ރާއްޖޭގައި ހިންގާ ބޭންކުތަކުގައި ހުރި މިފަދަ އެކައުންޓުތަކުގައި ހުރި ފައިސާ އެމްއެމްއޭއާ ހަވާލުކުރުމަށް ފަހުވެސް ވެރިފަރާތުން ހަވާލުނުވެ ހުރި މިފަދަ 19،476 އެކައުންޓު ހުރިކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. މި އެކައުންޓުތަކުގެ ތެރޭގައި އެންމެ ގިނައީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ހުޅުވާފައި ހުރި އެކައުންޓުތަކެވެ.

  • ބީއެމްއެލް: 8،131 ޑޯމެންޓު އެކައުންޓު
  • ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި): 5،601 ޑޯމެންޓު އެކައުންޓު
  • މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ): 2،277 ޑޯމެންޓު އެކައުންޓު
  • ބޭންކް އޮފް ސިލޯން (ބީއޯސީ): 1،436 ޑޯމެންޓު އެކައުންޓު
  • ހަބީބް ބޭންކް: 1،319 ޑޯމެންޓު އެކައުންޓު
  • މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ): 431 ޑޯމެންޓު އެކައުންޓު
  • އެޗްއެސްބީސީ: 281 ޑޯމެންޓު އެކައުންޓު

އެމްއެމްއޭގައި ހުރި މިފަދަ ޑޯމަންޓު އެކައުންޓުތަކުގެ ތެރޭގައި ރާއްޖޭގެ އެންމެ ބޮޑެތި ބައެއް ކުންފުނިތަކާއި ވިޔަފާރިވެރިންގެ އަމިއްލަ އެކައުންޓުތަކާއި އާއްމުންގެ އެކައުންޓުތައް ހިމެނެއެވެ. މި އެކައުންޓުތަކުގެ ތެރޭގައި މަރުވެފައިވާ މީހެއްގެ އެކައުންޓެއް ވާނަމަ އެ ފައިސާ ހޯދަން އޭނާގެ ވާރިސަކަށް އެދެވޭނެއެވެ. ނަމަވެސް އެ ހާލަތުގައި އެ ފައިސާ ހޯދުމަށް އެދެވޭނީ ކޯޓު މެދުވެރިކޮށް ކަމަށާއި އެފަދަ ހާލަތެއްގައި އަމަލުކުރާނީ ކޯޓު އަމުރާ އެއްގޮތަށް ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

މި އެކައުންޓުތަކުގައި ހުރި ފައިސާ އެމްއެމްއޭއާ ހަވާލުކުރާތާ ފަސް އަހަރުތެރޭގައި ވެރިފަރާތުން ހަވާލު ނުވެއްޖެ ނަމަ އެ ފައިސާ ދެން ހަވާލުކުރާނީ ފިނޭންސް މިނިސްޓްރީއަށެވެ. މިނިސްޓްރީއާ ހަވާލުކުރުމަށްފަހުވެސް ވެރިފަރާތުން ބޭނުންވެއްޖެ ނަމަ އެ ފައިސާ އޭގެ ވެރިފަރާތަށް ރައްދުކޮށްދޭން ޖެހެއެވެ.