ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ކުރިއަށްދަނިކޮށް ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޝައިހް އާދަމް ނިޝާން ބިން އަލީ އާދަމްގެ ބަންދުގެ މުއްދަތު ދަމަހައްޓަން ހައިކޯޓުން ދެންމެ ހުކުމްކޮށްފިއެވެ.
ހުސްވި ޖުލައި މަހުގެ 21 ވަނަ ދުވަހު ހިނގި ހަމަނުޖެހުމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ޝައިހް ނިޝާން ހައްޔަރުކުރީ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެ ފަހަރު ކްރިމިނަލް ކޯޓުން އޭނާ ބަންދުކުރީ ތިން ދުވަހުގެ މުއްދަތަށެވެ. ނަމަވެސް އޭގެ ފަހުން އެ މުއްދަތު އިތުރުކޮށް ހުސްވި ޖުލައި މަހުގެ 19 ވަނަ ދުވަހު އިތުރު 16 ދުވަހަށް ބަންދުކުރިއެވެ.
އެ މައްސަލައިގައި ޝައިހް ނިޝާނަށް ތުހުމަތުކުރަނީ ހަމަނުޖެހުން ހިންގުމުގައި އިސް ދައުރެއް އަދާކޮށްފައިވާ ކަމަށެވެ.
ޝައިހްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގައި އެދިފައި ވަނީ، އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި ހުރިހާ އަމުރެއް ބާތިލުކުރުމަށް ކަނޑައަޅައި ދިނުމަށެވެ.
އިސްތިއުނާފީ ނުކުތާގައި ޝައިހުގެ ފަރާތުން ބުނެފައި ވަނީ، އޭނާގެ މައްޗަށް ފުލުހުން ތުހުމަތުކުރާ މައްސަލަތަކަށް ބާރުދޭ ހެކި ނެތް ކަމަށެވެ. އެގޮތުން ފުލުހުން ހުށަހެޅި އިންޓެލް ރިޕޯޓުގައި ގާނޫނުގައި ބުނާ ޝަރުތުތައް ހަމަނުވާ ކަމަށް ބުނެފައިވެއެވެ.
ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަދައްކަމުން ޝައިހު ވިދާޅުވީ، އެ މައްސަލައިގެ ކަންތައްތަކާއި ވީޑިއޯ ފުޓޭޖުތަކަށް ބެލުމުން އެ މައްސަލައިގައި ކަންހިނގާފައިވާ ގޮތް ވަރަށް ރަނގަޅަށް ސާފުވާނެ ކަމަށެވެ. އެ ދުވަހުގެ އެއްވުމުކީ ސުލްހަވެރި އެއްވުމެއް ކަމަށާއި އެ އެއްވުމުގައި މަސައްކަތް ކުރެއްވީ، ދީނީ ގޮތުން އެކަމުގެ ހުކުމާއި ކަމުގެ ހަގީގަތް ބަޔާންކޮށްދިނުމަށް ކަން އެނގޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެކުރިންވެސް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ދީނީ އެތައް ހަރަކާތްތަކެއް ހިންގާފައިވާނެ ކަމަށާއި ނަމަވެސް މިފަދަ މައްސަލައެއް މިހާތަނަށް ދިމާނުވާ ކަމަށްވެސް ޝައިހް ވިދާޅުވިއެވެ. އެހެންކަމުން އެ ކަންތައްތަަކަށް ރިއާޔަތް ކުރައްވައި ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފުގައި އެދިފައިވާ ގޮތަށް ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށްދިނުމަށް އެދޭ ކަމަށް ވިދާޅިވިއެވެ.
ނަމަވެސް ދެފަރާތުގެ ހުށަހެޅުންތަކަށް ރިއާޔަތްކޮށް މި މައްސަލަ ބެއްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ނިންމީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ފަނޑިޔާރުނުްގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހުސެއިފާ މުހައްމަދެވެ. އެ ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ، އިސްފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑީޔާރު ހުސެއިން ޝަހީދެވެ.
ޚަބަރު
ޚަބަރު
ޚަބަރު