މަރާލާނެ ކަމަށް ބުނެ، ގދ. ގައްދޫ/ އަޅިފަަށުވިގެ މުހައްމަދު ޔަޒީން އޭނާގެ މަންމަ، ގދ. ގައްދޫ/ އާޒާދުގެ ސާރިޔާ ހުސެއިން ދީދީއަށް ބިރު ދެއްކި މައްސަލައިގައި އޭނާގެ މައްޗަށް ކުރި ބިރު ދެއްކުމުގެ ކުށުގެ ދައުވާ ސާބިތެއް ނުވިއެވެ.
މިކަން ހިނގާފައިވާ ކަމަށް ދައުވާގައި ބުނެފައި ވަނީ 2018 ވަނަ އަހަރުގެ އޮކްޓޫބަރު 19 ވަނަ ދުވަހު މ. މިއިވިލް ދެވަނަ ފަންގިފިލާގައި ހިނގި ޒުވާބެއްގައެވެ.
މި ކުށަށް ޔަޒީން އިންކާރު ކޮށްފައިވާތީ ޝަރީއަތަށް ވަނީ ހެކިން ހާޒިރުކޮށްފައެވެ. އެގޮތުން ޔަޒީދުގެ މައްޗަށް އެކުށް ސާބިތުކުރުމަށް ދައުލަތުން ތިން ހެއްކެއް ހުށަހެޅިއެވެ. ނަމަވެސް ދިފާއުގައި ހެއްކެއްގެ ގޮތުގައި ޔަޒީން ހުށަހެޅީ އޭނާގެ މަންމައެވެ.
މި މައްސަލައިގައި ދައުލަތުން ހުށަހެޅި ތިން ހެކިންގެ ތެރެއިން ގދ. ގައްދޫ/ އަޅިފަޝުވިގެ އާއިޝަތު ޔުސްރާ ޝަރީއަތުގެ މަޖިލީހުގައި ބުނެފައި ވަނީ މި މައްސަލަ ވަރަށް ގިނަ ދުވަސް ވެފައިވާތީ ހެކިބަސްދޭން ބޭނުންނުވާ ކަމަށެވެ.
މ. ކޮޅުފުށި/ ފަޅޯމާގޭ، ސޮބީބް ހެކިބަސް ދެމުން ބުނެފައި ވަނީ ޔަޒީންއާއެކު އެގޭގައި އޭނާވެސް ދިރިއުޅުނު ކަމަށާއި ލާރީގެ މައްސަލައިގައި ރުޅިވެރިކަމުގެ ބަހެއް ބުނެވިފައި އޮވެދާނެ ކަމަށާއި ނަމަވެސް އެ ބަސް މިހާރު ހަނދާން ނެތް ކަމަށެވެ. އަދި ޔަޒީން އޭނާގެ މަންމައަށް މަރުގެ އިންޒާރު ދިންކަން ނޭނގޭ ކަމަށާއި ހަނދާން ނެތް ކަމަށްވެސް ބުންޏެވެ.
ގއ. ގެމަނަފުށި/ ހަބަރު، އިލިޔާސް ޝުއައިބު ހެކިބަސް ދޭން ބޭނުން ނޫން ކަމަށް ބުނެފައިވާތީ އޭނާގެ ހެކިބަހެއް ނުނަގައެވެ.
ޔަޒީންގެ ދިފާއީ ހެތްކެއްގެ ގޮތުގައި ހުށަހެޅި އޭނާގެ މަންމަ ޝަރީއަތުގެ މަޖިލީހުގައި ބުނެފައި ވަނީ މި މައްސަލައިގައި ދައުވާކުރަންވެސް އަދި ހެކިބަސް ދޭންވެސް ބޭނުންނުވާ ކަމަށެވެ.
މި މައްސަލައިގައި ކުރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ، ޔަޒީން އޭނާގެ މަންމައަށް މަރާލާނެ ކަމަށް ބުނެ ބިރުދައްކާފައިވާކަން ސާބިތުވެފައިނުވާތީ ޔަޒީންގެ މައްޗަށް ކުރި ބިރުދެއްކުމުގެ ކުށުގެ ދައުވާ ސާބިތުނުވާ ކަމަށެވެ.
ޚަބަރު
ޚަބަރު