ޚަބަރު

އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސް ބައިވެރިވެވަޑައިގެންފި

މުހައްމަދު އިޝާން

އިންޑިއާގެ މުމްބާއީގައި ބޭއްވި އިންޑިއާ–މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންފިއެވެ.

ރައީސްގެ އަރިހުގައި އިންޑިއާއަށް ވަޑައިގެންނެވި ވަފުދުގައި ހިމެނިވަޑައިގަންނަވާ ސަރުކާރުގެ އިސްބޭފުޅުންނާއި ރާއްޖޭގެ ވިޔަފާރިވެރިންވެސް އެ ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ކޮންފެޑެރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީ (ސީއައިއައި) އިންތިޒާމުކުރި އިންޑިއާ–މޯލްޑިވްސް ބިޒްނަސް ފޯރަމަކީ ދެ ގައުމުގެ އިސް ވިޔަފާރިވެރިން އެއްތަނަކަށް އެއްވެ، މަޝްވަރާކޮށް ދެ ގައުމުގެ ދެމެދު ވިޔަފާރި އާއި އިގްތިސޯދު ގުޅުންތައް ކުރިއަރުވައި އިތުރުކުރުމަށް ބޭއްވި ފޯރަމެއް ކަމަށެވެ.

މުމްބާއީގައި ބޭއްވި އިންޑިއާ މޯލްޑިވްސް ބިޒްނަސް ފޯރަމްގެ އިތުރުން އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމްގައިވެސް ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ނިއުދިއްލީގައި ބޭއްވި ފޯރަމްގައި އެމަނިކުފާނު ވަނީ ތަގްރީރު ކުރައްވައިފައެވެ.

ރައީސް މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.