ޚަބަރު

ކުޑަހުވަދޫ މުޒާހަރާ އިތުރަށް ވަރުގަދަކޮށްފި، ސައުންޑް ނެރެ ބޯޑުތަކާއެކު ގިނަ އަދަދެއްގެ އަންހެނުންވެސް ނުކުމެއްޖެ

މުހައްމަދު އިޝާން

ފަރުވާއަށް ބަލި މީހަކު މާލެއަށް ނުގެންދެވި، ލަސްވަމުންދާތީ މަންތާ އެއާލައިނާ ދެކޮޅަށް ދ. ކުޑަހުވަދޫ އެއާޕޯޓް ކައިރީގައި ހޯމަ ދުވަހުން ފެށިގެން ކުރަމުން އަންނަ މުޒާހަރާ އިތުރަށް ވަރުގަދަކޮށްފިއެވެ.

ކުޑަހުވަދޫ ރައްޔިތުން މިއަދު އެރަށު އެއާޕޯޓު ކައިރީގައި މުޒާހަރާ ކުރަމުންދަނީ ސައުންޑް ސިސްޓަމްވެސް ބަހައްޓައިގެންނެވެ. މީގެ ކުރިން އެ މުޒާހަރާގެ ބައިވެރިން ބޭނުންކުރީ ލައުޑްސްޕީކަރެކެވެ.

މިއަދު ކުޑަހުވަދޫގައި ކުރަމުންދާ މުޒާހަރާގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ. އެގޮތުން ގިނަ އަދަދެއްގެ އަންހެނުން ވެސް ވަނީ ބައިވެރިވެފައެވެ.

މިއަދު ކުރަމުންދާ މުޒާހަރާގެ މައުލޫމާތު ދެމުން ކުޑަހުވަދޫ ކައުންސިލްގެ މެމްބަރު އިސްމާއީލް ފާރިޝް "ވަން" އަށް ވިދާޅުވީ، މަންތާ އެއާގެ ސީއީއޯ މުހައްމަދު ހަލީލު އެރަށުގެ ރައްޔިތުންނާ މިއަދު ބައްދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެ ބައްދަލުވުން ބާއްވަން ނިންމާފައިވަނީ މިއަދު ހަވީރު ނަމަވެސް ހަލީލު އަދިވެސް އެރަށަށް އައިސްފައިނުވާ ކަމަށް ފާރިޝް ވިދާޅުވިއެވެ.

"ބަލި މީހުން ނޫފުލޭތީ ހުރި ކަންބޮޑުވުމާއި އެ ނޫން ވެސް ހުރިހާ ރައްޔިތުންގެ ކަންބޮޑުވުން އަހައި މަޝްވަރާކުރަން މިއަދު އަންނާނެކަމަށް ހަލީލް ވަނީ އަންގާފައި. އަދިވެސް ނާދޭ،" ފާރިޝް ވިދާޅުވިއެވެ.

މުޒާހަރާގައި ބައިވެރިން މިއަދު ވެސް ގޮވަމުން ދަނީ މަންތާއަށް އެރަށަށް ދަތުރުކުރުމަށް ދީފައިވާ ހުއްދަ އަތުލުމަށެވެ. މުޒާހަރާގެ ބައިވެރިން ތިބީ މަންތާއާ ދެކޮޅަށް އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑްތައްވެސް ހިފައިގެންނެވެ.

ކުޑަހުވަދޫ ޒުވާނަކު ހާޓްއެޓޭކެއް ޖެހިގެން އިމަޖެންސީގައި މާލެ ފޮނުވަން ޖެހިގެން އެކަމަށް ފްލައިޓެއް ހަމަޖައްސައިދިނުމަށް މަންތާގައި އެދުމުން، އެކަން ހަމަޖައްސައި ނުދިން ކަމަށް ބުނެ ދާލު އެއާޕޯޓު ސަރަހައްދުގައި މިދިޔަ ހޯމަ ދުވަހު ހަވީރުން ފެށިގެން އެ ރަށު ރައްޔިތުން ދިޔައީ މުޒާހަރާކުރަމުންނެވެ.

ދާލު އެއާޕޯޓަށް މިވަގުތު ދަތުރުކުރަމުން އަންނަނީ ހަމަ އެކަނި މަންތާ އެއާއިންނެވެ. ނަމަވެސް މަންތާ އެއާގައި ބޭނުން ކުރާ އޭޓީއާރް މަރުކާގެ ބޯޓަށް ބަލި މީހުނެއް ނޭރުވެއެވެ. މަންތާއިން ބުނީ އެ ބޯޓުތައް ފަރުމާކޮށްފައި ހުންނަނީ ސްޓްރެޗާ އެރުވޭ ގޮތަށް ނޫން ކަމަށެވެ.

މުޒާހަރާއާ ގުޅިގެން އިއްޔެ އެރަށަށް ދިޔަ ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގައިފައެވެ. އަދި އެކަކު ވަނީ ހައްޔަރުވެސްކޮށްފައެވެ. ނަމަވެސް އޭނާ ވަނީ މިއަދު ދޫކޮށްލައިފައެވެ.