ގާނޫނުއަސާސީގެ އިތުރުން ގާނޫނުތަކުން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމުގެ ޒިންމާތަކާބެހޭގޮތުން ސުވާލު ކުރުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލައިފިއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ އެ ފުރުސަތު ހުޅުވާލާފައިވަނީ އޮންލައިންކޮށް ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން ސުވާލުތައް [email protected] އަށް މެއިލް ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ފޮނުވާ މެއިލްތަކުގެ ތެރެއިން ޕްރޮސިކިއުޓާ ޖެނެރަލްގެ ސީދާ ޖަވާބެއް ނުވަތަ ރައުޔެއް ދެއްވަންޖެހޭނަމަ، ޕީޖީ ހުސެއިން ޝަމީމު ޖަވާބު ދެއްވާނެ ކަމަށާއި ސީދާ ވަކި ޖަވާބެއް ނުދެއްވި ނަމަވެސް އެ އޮފީހުގެ މަސައްކަތްތައް ބައްޓަން ކުރުމުގައި، މި އީމެއިލް މެދުވެރިކޮށް ހިއްސާ ކުރެވޭ ކަންކަމަށް ޕީޖީ ރިއާޔަތް ކުރައްވާނެ ކަމަށްވެސް ބުނެފައިވެއެވެ.
މި ކަމަކީ އޮފީހުގެ މަސައްކަތްތަކާއި ޖިނާއި އަދުލުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގައި އާއްމުންގެ ހިޔާލާއި މަޝްވަރާ އާއި ބައިވެރިވުން އިތުރު ކުރުމަށް ޕީޖީ ހުސެއިން ޝަމީމު އިސްނެންގެވުމުގެ މަތިން ފެއްޓެވިކަމެއް ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.