މޯލްޑިވްސް ނެޝަނަލް ޕާޓީގެ (އެމްއެންޕީ)ގެ ގައުމީ ހިންގާ ކައުންސިލަށް މެންބަރުން ހޮވަން ހުޅުވައިލި ފުރުސަތުގައި އެ އިންތިހާބަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، 180 މަގާމަކަށް އިންތިހާބަކާ ނުލައި މެމްބަރުން ހޮވިއްޖެއެވެ.

އެމްއެންޕީގެ ގައުމީ ހިންގާ ކައުންސިލް އިންތިހާބާބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ޕާޓީގެ އިންތިހާބާބެހޭ ކޮމިޓީގެ ރައީސް އަހުމަދު އަމްޖަދު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ގައުމީ ހިންގާ ކައުންސިލްގެ 185 މަގާމަކަށް ކުރިމަތިލުމަށް ހުޅުވާލި ކަމަށެވެ.

އެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު 185 މަގާމަށް ޖުމްލަ 196 މެމްބަރުން ކުރިމަލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެ މަގާމުތަކުގެ ތެރެއިން 180 މަގާމަށް ކުރިމަތިލާފައިވަނީ އެންމެ މެންބަރަކު ކަމަށްވުމުން އިިންތިހާބީ ގަވާއިދުގައިވާގޮތުގެ މަތިން އެ 180 މަގާމަށް މިހާރު މެމްބަރުން އިންތިހާބު ކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ވޯޓު ލާނީ ފަސް މަގާމަކަށް މެމްބަރުން ހޮވުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެއީ ވިމެންސް ވިންގުގެ ލީޑަރުގެ މަގާމާއި ޔޫތު ވިންގުގެ ލީޑަރުކަމުގެ މަގާމާއި ނޮޅިވަރަމް ދާރިގާގެ އަޕާނޯތްރީޖަން ހދ. ރައީސް ކަމުގެ މަގާމާއި ހޮޅުދޫ ދާއިރާގެ ނޯތު ރީޖަން ނ. ނައިބުރައީސް ކަމުގެ މަގާމާއި ތުޅާދޫ ދާއިރާގެ ނޯތު ރީޖަން ބ. ގެ ރައީސް ކަމުގެ މަގާމެވެ.

އަމްޖަދު ވިދާޅުވީ އިންތިހާބުގައި ވާދަކުރާ ފަރާތްތަކަށް ކެމްޕެއިން ކުރުން ހުސްވި މަހުގެ ފަހަކުން ފެށިގެން މިމަހުގެ ފަސްވަނަ ދުވަހުގެ ރޭ 12:00 އާ ހަމައަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ވޯޓުލުން ކުރިއަށްދާނީ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން 4:00 އަށް ކަމަށާއި ވޯޓުލާ ނިމުމުން އެމަރުކަޒަކުން ވޯޓު ގުނައި ވަގުތީ ނަތީޖާ އިއުލާން ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ވޯޓުލާނިމޭތާ 24 ގަޑިއިރުގެ ތެރޭގައި ވަގުތީ ނަތީޖާ އިއުލާން ކުރާނެ ކަމަށާއި ހަތް ދުވަހުގެ ތެރޭގައި ދާއިމީ ނަތީޖާ އިއުލާން ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.