ޑެންގޫ ހުން ޖެހިގެން އަހަރު ނުފުރޭ ކުޑަކުއްޖަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.
ޑެންގޫ ހުން ޖެހިގެން މީގެ ތިން ދުވަސް ކުރިންވެސް ދެ ކުޑަކުއްޖަކު އައިސީޔޫއަށް ލި އެވެ. އަދި ބަލީގައި މި އަހަރު އެއް ކުއްޖަކު ވަނީ މަރުވެފައެވެ.
އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑެންގޫ ހުން ޖެހިގެން ރޭގެ ވަގުތެއްގައި އަހަރު ނުވާ ކުޑަކުއްޖަކު އައިސީޔޫއަށް ލާފައިވާ ކަމަށެވެ. އަދި އެ ކުއްޖާ ހޮޑުލާއިރު ލޭ އަންނާތީ ލޭވެސް އަޅަންޖެހުނު ކަމަށް ވިދާޅުވިއެވެ.
ޑރ. ފައިސަލް ވިދާޅުވީ ކުރިން އައިސީޔޫއަށް ލީ ދެ ކުދިންގެ ހާލު ރަނގަޅުވަމުންދާ ކަމަށާއި މިހާރު އެ ދެކުދިން ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ހުޅަނގު މޫސުމުގެ ވިއްސާރަ ފެށުނު ފަހުން ޑެންގޫ ޖެހޭ މީހުން އިތުރުވެފައިވާ އިރު، މަދިރި އާލާވިޔަ ނުދިނުމަށާއި ހެފިޔަ ނުދިނުމަށް ޑރ. ފައިސަލް އިލްތިމާސްކުރައްވައެވެ.
ޑެންގީ ހުން ޖެހުމުން އެންމެ ހާލު ދެރަވަނީ ޝޮކު ޖެހި، ލޭ އަންނާތީއެވެ. އަދި އެ ބަލީގެ އެންމެ ނުރައްކާ ބޮޑީ ކުޑަކުދިންނަށާއި މާބަނޑު މީހުންނަށާއި އުމުރުން ދުވަސްވީ މީހުންނަށެވެ.