ޚަބަރު

ހަނިމާދޫ މަގުތަކުގައި ތާރު އަޅައި ނިންމައިފި

ހދ. ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން، މަގުތަކުގައި ތާރު އަޅައި ނިންމާލައިފިއެވެ.

އެމްޓީސީސީން މިއަދު ބުނީ، އެ މަޝްރޫއުގެ ދަށުން 46,466 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅާފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 16،518 އަކަ މީޓަރުގެ ސަރަހައްދެއްގައި ހިނގާ ސަރަހައްދެއް ގާއިމުކުރުމާއި 38،916 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުއްވާ ސަރަހައްދެއް ގާއިމުކުރުން ހިމެނެއެވެ. އަދި 19،679.7 އަކަ މީޓަރުގެ ސަރަހައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 76.09 މިލިއަން ރުފިޔާއަށެވެ.