Close
ލައިފް ސްޓައިލް

ކެއުމެއްގެ މިންހެޔޮކޮށްލުމަށް ޑައެޓިޝަން ޑރ. އާސިޔާގެ ނަމޫނާ "މިންހަމަ"

މަރިޔަމް ޝަފާ އިބްރާހިމް

2

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ ކޮންމެ މީހަކުވެސް ވަރަށް ބޭނުންވާނެ އަދި އެހާމެ މުހިންމު ކަމެއްވެސް މެއެވެ. އުމުރުން ފާއިތުވަމުންދާ އަހަރުތަކާއެކު ހަށިގަނޑަށް އަންނަ ބަދަލުތަކާމެދު ސަމާލުވާން ޖެހޭނެއެވެ. އިންސާނާގެ ހަށިގަނޑަކީ ވަކި އުސޫލުތަކަކާއި ހަމަތަކެއްގެ މަތިން ބައްޓަންވެ ބިނާވާ އެއްޗަކަށްވާތީ، އެހަށިގަނޑަށް ބޭނުންވާ ހަކަތައާއި ބުންވަރު ދިނުމަށް އެއަށް އަޅައިލައި، ބަލަހައްޓަން ޖެހެއެވެ. އިންޖީނެއް ހިންގުމަށް އެއިންޖީނަކާ އެކަށީގެންވާ މިނެއްގައި، އެއަށް ބޭނުންވާ ބާވަތެއްގެ ތެޔޮ އަޅާ އުސޫލުން ހަށިގަނޑަށްވެސް، އެކަށީގެންވާ، ހެޔޮމިންވަރެއްގެ ކެއުމެއް ބޭނުންވެއެވެ.

ކެއިން ބުއިމަށްވެސް އެންމެ ރަނގަޅު ގަޑިތަކެއް ހުރެއެވެ. ގިނަފަހަރު ދިމާވާ މައްސަލައަކީ ގަޑިން ގަޑިއަށް ކެއުމަށް ސަމާލުކަން ނުދެވުމާއެކު، ކެއުމުގައި އެކަށީގެންވާ ވަރަށްވުރެ ގިނައިން ސަރުބީއާއި ތެޔޮފަދަ ބާވަތްތައް ހިމެނުމެވެ. އެކަށީގެންވާ ދުޅަހެޔޮ، މިންހެޔޮ ކެއުމެއް، ކެއުމަށް އެންމެ ރަނގަޅު ގަޑިތަކުގައި ބޭނުންކުރާކަމުގައި ވާނަމަ، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ނުހަނު ފަސޭހަވެއެވެ.

ކަސްރަތު ކުރުމަކީ ހަމަކޮންމެހެންވެސް ކުރަންޖެހޭ އަދި ދުޅަހެޔޮ ސިއްހަތަކަށްޓަކައި ވަރަށްވެސް މުހިންމު ބޭނުންތެރި ކަމެކެވެ. އެހެންނަމަވެސް ކަސްރަތު ކުރުމަށް އުނދަގޫ ކަމަށްވާނަމަ އެންމެ މުހިންމު ކަމަކަށް ކެއުމުގެ މިންތަކާއި އުސޫލުތައް ހަރުދަނާކޮށް، ބަލަހައްޓައި، އެއަށް ސަމާލުވާން ޖެހޭކަން ގައިމެވެ.

ރެއާއިދުވާލުގެ ވަގުތުތައް ނުހަނު ބުރަކޮށް އުޅެން ޖެހޭ އަންހެނުން، ކުދިންކޮޅު ގޮވައިގެން ވަޒީފާ އަދާކުރަމުން އަދި ގޭތެރޭގެ އެހެނިހެން ޒިންމާވެސް އަދާ ކުރަމުން އަންނަ އަންހެނުން، ވަޒީފާއާއި ގޭތެރޭގެ ބުރަ ދިރިއުޅުމާއެކުވެސް، މިންހެޔޮ ކެއުމެއް ކާނަމަ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ ވަރަށް ފަަސޭހަ ކަމެކެވެ. ތިރީގައި މިހިމަނައިލަނީ އައިޖީއެމްއެޗް، އޭއެމްޑީސީ، ފަދަ ތަންތަނުގެ ސީނިއާ ޑައެޓީޝަން، ޑރ.އާސިޔާ އަބްދުއްރަހުމާނު، ބައެއްކަހަލަ މައިގަނޑުކެއުން، 'މިންހަމަ' ކެއުމަކަށް ތައްޔާރު ކުރައްވާފައިވާ ގޮތުގެ ނަމޫނާއެކެވެ.

މައިގަނޑު ކެއުމެއް މިންހެޔޮ ކުރުމަށްޓަކައި ދެބައެއް ފުރިހަމަ ކުރަން ޖެހެއެވެ. ފުރަތަމަ ބަޔަކީ ގޮވާން ނުވަތަ ފަލަމަޑީގެ ބާވަތެވެ. އޭގެ ތެރޭގައި ބަތް، ރޮށި، ޕާން، ބަނަސް، ނޫޑުލްސް، ޕާސްތާ ފަދަ ކޮންމެ އެއްޗެއްވެސް ބޭނުން ކުރެވިދާނެއެވެ. ނޫނީ ހަމައެކަނި ފަލަމަޑީގެ ބާވަތެއްވެސް ހިމެނިދާނެއެވެ.

ދެން މައިގަނޑު ކެއުމެއް މިންހެޔޮ ކުރުމަށްޓަކައި ހަމަކުރަން ޖެހެނީ މަހުގެ ބާވަތެކެވެ. އޭގެ ތެރޭގައި ކަނޑުމަސް، ފަރުމަސް، މޫދުކާނާ، ދަޅުމަސް، ވަޅޯމަސް، ބިސް، ކުކުޅު، ގެރިބަކަރި ނޫނީ މުގުގެ ބާވަތްތައްވެސް ހިމެނިދާނެއެވެ. މިދެބާވަތަށް މޯލްޑިވްސް ފުޑް ބޭސްޑް ޑައެޓްރީ ގައިޑްލައިންސްގައި ހިމެނޭ ކޮންމެވެސް އެއްބާވަތެއް އެއްކޮށްލީމަ އެއޮތީ މައިގަނޑު ކެއުމެއް މިންހެޔޮ ކުރެވިފައެވެ.

ތިރީގައި މިހިމަނައިލަނީ ޑރ.އާސިޔާ އަބްދުއްރަހީމްގެ އެހީތެރިކަމާއެކު ލިޔެފައިވާ، މިންހެޔޮ ކެއުންތަކެއް ތައްޔާރުކޮށްލާނެ ގޮތްތަކެވެ.

މިންހަމަ ކެއުމެއް ތައްޔާރު ކުރުމަށް/ ކެއުމެއްގެ މިންހެޔޮ ކުރުމަށް

ދެފޮތި ބްރައުން ޕާން، ދަޅުމަސްކޮޅެއް މޮޑެފައި އެޅުމަށްފަހު ޓޯސްޓް ކޮށްލާފައި އެއާއެކު ކިރުތަށްޓެއް ބޯއިރު އޭގެ މައްޗަށް ކުޑަ ކޮކޯކޮޅެއް އަޅައިގެން ބޭނުން ކުރެވިދާނެއެވެ. ކޮކޯ ބޭނުން ކުރާން ކޮންމެހެން ނުޖެހުނު ނަމަވެސް މިންހެޔޮ ކޮށްލުމަށް ބޭނުން ކޮށްލީއެވެ. މީގައި މިހިމެނެނީ ގޮވާމަކަށް ޕާން، މަހުގެ ބާވަތުން މަސްދަޅުން މަސްކޮޅެއް އަދި އެހެން ބައިގެ ކެއުމަކަށް ކިރު.

އޯޓްސް ރޮށްޓާއެކު ބިސްގަނޑެއް،
އޯޓްސް ރޮށްޓަކީ ގޮވާމުގެ ބާވަތް، ބިހަކީ މަހުގެ ބާވަތް، އަދި މިއާއެކު ބައިވަރު މުރަނގަފަތް އަޅައިގެން މިންހެޔޮ ކެއުމެއް ތައްޔާރު ކުރެވިދާނެއެވެ. މިފަހަރު ތިންވަނަ ބައި ހަމަކުރުމަށް ބޭނުން މިކުރީ މުރަނގަފަތެވެ.

ކޯންފްލެކްސް ކަހަލަ އެއްޗެއް ހެނދުނުގެ ނާސްތާގައި ބޭނުންނަމަ ކިރާއެކު ބޭނުން ކުރާއިރު، ބިސް، ޗިކްޕީސް ކަހަލަ އެއްޗެއް ބޭނުން ކުރެވިދާނެއެވެ.

މެންދުރުގެ ކެއުމުގައި ހިމެނުމަށް ބަތް ކާން ބޭނުންވާ ފަރާތްތަކުން ބްރައުން ހަނޑުލާއި އާދައިގެ ހަނޑޫ އެއްކޮށްގެން ބަތްކޮޅެއް ކައްކާށެވެ. ފިޔާ، ލޮނުމެދު، ގިތެޔޮމިރުސް، އިނގުރުފަދަ ތަކެތި ކުޑަކުޑަ ޒައިތޫނި ތެޔޮފޮދެއްގައި ހަނާކޮށްގެން މަސްކޮޅެއް ހެދިދާނެއެވެ. މިގޮތަށް މަސްކޮޅެއް ހަނާ ކުރެއްވުމަށް ކަނޑުމަސް، ކަންނެލިމަސް ފަދަ ކޮންމެ މަހެއްވެސް ބޭނުން ކުރެވިދާނެއެވެ. އަދި ރޯކެބެޖުކޮޅެއް ކޮށައިގެން ކެއުމުގައި ހިމެނިދާނެއެވެ. މިފަދަ ކެއުންތައް ތައްޔާރު ކުރުމުގައި އެއްވެސް ވަރަކަށް ކާށިކިރު، ހަވާދުގެ ބާވަތެއް ނާޅާނެއެވެ. އަދި ބޭނުން ކުރި ޒައިތޫނި ތެޔޮ ފޮދު ނޫން އެހެން އެއްވެސް ތެލެއް އެޅުން ރަނގަޅެއް ނޫނެވެ.

އެހެން ވައްތަރަކަށް ބަތްކޮޅެއް ހަދަން ބޭނުންވާނަމަ ބްރައުން ބަތާއެކު މުރަނގަ ފަތް މިލުވާފައި މިއާއެކު ކުކުޅު ސުރުވާ ކޮޅެއް ބޭނުން ކުރެވޭނެއެވެ. އަދި މިލުވާފައި ހުރި މުރަނގަ ފަތްކޮޅެއް ބޭނުން ކުރެވިދާނެއެވެ. ރަތް ހަނޑުލާއި އާދައިގެ ހަނޑުލުގެ ބަތާ އެއްކޮށްގެންވެސް މަސްކޮޅަކާއެކު ބޭނުން ކުރެވިދާނެއެވެ. އެހެންނަމަވެސް މިފަދަ އެއްވެސް އެއްޗަކަށް ތެޔޮ، ކާށިކިރު، ހަވާދުގެ ބާވަތްތައް އެޅުމުން އެއީ މިންހެޔޮ ކެއުމަކަށް ނުވާނެއެވެ.

ވަރަށް ބުރަކޮށް އުޅޭ ފަރާތްތަކަށް އެއްކޮށް ހުރިހާ އެއްޗެއް ކައްކައިލެވިދާނެއެވެ. ޕޮޓެއް ނުވަތަ ކުޑަ ތެއްޔަކަށް ފެން އެޅުމަށްފަހު ފެނުގެ ތެރެއަށް ކުކުޅުކޮޅަކާއި ބައިވަރު ތަރުކާރީއާއެކު ކުޑަ ރަތްހަނޑޫ ކޮޅެއް އަޅާފައި، ކެކި ނިމެން ގާތްވުމުން ނޫނީ ކެކިނިމުމުންވިޔަސް އިތުރަށް ތަރުކާރީ އެޅުމުން މިކެއުން ތައްޔާރު ކުރެވުނީއެވެ.

ބަތާއެކު ގަރުދިޔަ ބޭނުން ކުރާނަމަ ގަރުދިޔައިގެ މަސް ބޭނުން ކުރެވިދާނެއެވެ. ގަރުދިޔަ މަސް ކާން އުނދަގޫނަމަ ވަޅޯމަސް، ދަޅުމަސް ބޭނުން ކުރެވޭނެއެވެ.

ހަމައެހެންމެ ބަތް ކާން ބޭނުން ނުވާ ފަރާތްތަކަށް ކިނޯއާ ކޮޅަކާއެކު ކުކުޅުކޮޅެއް ފިހެގެން، ސްޕިނަޗްއާއެކީ ބޭނުން ކުރެވިދާނެއެވެ. ނޫނީ ކުސްކުސްކޮޅެއް، ބައިވަރު ތަރުކާރީ އާއި ކުކުޅުކޮޅެއް އަޅައިގެން ތައްޔާރު ކުރެވިދާނެއެވެ.

ޕާސްތާ ހެދުމަށް މަސްދަޅު އަޅާނަމަ، މިންކުރުމަށް، ކޮންމެ މީހަކަށް ޖޯޑެއްގެ ޕާސްތާއަށް މަސްދަޅެއްގެ ތިންބައިކުޅަ އެއްބައިގެ ރޭޓުން ތަކެތި ހަމަކޮށް މިއަށް ރަހަ ރަނގަޅު ކުރުމަށް، ގާނާފައި ހުރި ކެރެޓާއި ކޮށާފައި ހުރި ޓޮމާޓޯފަދަ ތަރުކާރީ އަޅާށެވެ. މިންހަމަ، ދުޅަހެޔޮ ކެއުމަކަށް ތެޔޮ، ކާށިކިރު، ހަވާދު، ޕޭސްޓްގެ ބާވަތްތައް ނުހިމެނޭނެއެވެ. ޕާސްތާކެއްކުމުގައި ތަރުކާރީ ގިނައިން ބޭނުން ކުރުމުން ޕާސްތާ ވަރަށް މީރުވެގެންދާނެއެވެ.

އާދައިގެ މައިގަނޑު ކެއުމެއް، މިންހެޔޮ ކެއުމަކަށް ބަދަލު ކުރާނަމަ ކުރިންވެސް ބުނެފައި އެވާ ގޮތަށް ތިން ބައެއް ފުރިހަމަ ކުރަން ޖެހެއެވެ. އެގޮތުން ފުރަތަމަ ބަޔަކީ ގޮވާން ނުވަތަ ފަލަމަޑީގެ ބާވަތެވެ. ދެވަނައަށް މަހުގެ ބާވަތްތަކެވެ. މިދެބާވަތަށް މޯލްޑިވްސް ފުޑް ބޭސްޑް ޑައެޓްރީ ގައިޑްލައިންސްގަ ހިމެނޭ ކޮންމެވެސް އެއްބާވަތެއް އެއްކޮށްލީމަ އެއޮތީ މައިގަނޑު ކެއުމެއް މިންހެޔޮ ކުރެވިފައެވެ. ކިރު، ޗީޒް ފަދަ ތަކެތި ހިމެނެނީ މިބައިގައެވެ.

ކޮންމެއަކަސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މިންހަމަ ކެއުންތަކެއް ތައްޔާރު ކުރުމަށް، ހާއްސަކޮށް މައިގަނޑު ކެއުމެއް ފަސޭހަކަމާއެކު މިންހަަމަކޮށްލުމަށް ޑރ. އާސިޔާ އަބްދުއްރަހީމް، "ވަން" އަށް ދެއްވި މައުލޫމާތާއެކު ހިމަނާފައި އެވާ ކެއުން ތައްޔާރުކޮށްލުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ޑރ،އާސިޔާގެ ފޭސްބުކް ޕޭޖު 'މިންހަމަ'އަކީ މިގޮތަށް މިންހެޔޮ ކެއުން ތައްޔާރުކުރުމަށް އެހީވާ ޕޭޖެކެވެ.
ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މިންހެޔޮ، މިންހަމަ ކެއުމެއް ކޮންމެހެންވެސް މުހިންމެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟