ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

ފުލުހުން މިއަދު ބުނީ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އިސްކަންދަރު ބިލްޑިން މަލްޓި ޕާޕަސް ހޯލުގައި ކަމަށެވެ. އަދި ފުލުހުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ ގާޒީ އަބްދުއްނަސީރު ޝަފީގެވެ.

ހުވާކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޖުމްލަ 82 ފުލުހުން ހުވާކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ 26 ފިރިހެން ފުލުހުންނާއި 16 އަންހެން ފުލުހުންގެ އިތުރުން ސްޕެޝަލް ކޮންސްޓަބްލަރީ އަންހެން 20 ފުލުހުންނާއި ސްޕެޝަލް ކޮންސްޓަބްލަރީ ފިރިހެން 20 ފުލުހުންނެވެ. ހުވާކުރުމަށްފަހު ހުވާގެ އިގުރާރުގައި އެފަރާތްތައް ވަނީ ސޮއިކޮށްފައެވެ.

ފުލުހުންނަށް ހުވާލައި ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ޕީޕަލް ޑައިރެކްޓްރޭޓެޑް ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ނާފިޒު އާއި ހިއުމަން ރިސޯސް ޑިވަލޮޕްމަންޓުގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު މުސްލިމުގެ އިތުރުން ހިއުމަން ރިސޯސް ޑިވެލޮޕްމަންޓްގެ އިސްވެރިން ބައިވެރިވިއެވެ.