ދައުލަތުން "ބްލޮކް ގްރާންޓް" ގޮތުގައި ދޭ ހިލޭ އެހީގެ ދަށުން ކައުންސިލްތަކަށް އަންނަ އަހަރު 1.7 ބިލިއަން ރުފިޔާ ދޭން ނިންމައިފިއެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 2019 ވަނަ އަހަރު ގެނައި އިސްލާހުގެ ދަށުން، އެ އަހަރަކަށް ފާސްކުރާ އާމްދަނީގެ މަދުވެގެން ފަސް ޕަސެންޓް އަދި ކައުންސިލްތަކުގެ އިހުތިސާސުގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 ޕަސެންޓު ކައުންސިލްތަކަށް ދޫކުރަންޖެހެއެވެ.
އެ އިސްލާހުގެ ދަށުން ލާމަރުކަޒީ ގާނޫނުގެ ދަށުން އެންމެ ފުރަތަމަ ކައުންސިލްތަކަށް ބްލޮކް ގްރާންޓް ދޫކުރަން ފެށީ 2020 ވަނަ އަހަރުގައެވެ. ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލަތަކަށް ފައިސާ ބަހާ ގޮތަކީ ރަށު ކައުންސިލްތަކަށް 72 ޕަސެންޓް، އަތޮޅު ކައުންސިލްތަކަށް ނުވަ ޕަސެންޓް އަދި ސިޓީ ކައުންސިލްތަކަށް 19 ޕަސެންޓެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ނެރެފައިވާ ބަޖެޓާ ބެހޭ ސާކިއުލާއެއްގައި ވަނީ އަންނަ އަހަރު ހިލޭ އެހީގެ ގޮތުގައި ކައުންސިލްތަކަށް ދޭން ލަފާކުރާ އަދަދުތައް އާއްމުކޮށްފައެވެ.
އެގޮތުން އެންމެ ބޮޑު އަދަދު ކަނޑައަޅާފައިވަނީ މާލެ ސިޓީ ކައުންސިލަށެވެ. އެއީ 166 މިލިއަން ރުފިޔާއެވެ. ދެވަނަ އަށް އެންމެ ބޮޑު އަދަދެއް ދެނީ އައްޑޫ ސިޓީ ކައުންސިލަށެވެ. އައްޑޫ ސިޓީ ކައުންސިލަށް 75 މިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ދޭ އިރު، ފުވައްމުލަކު ސިޓީ ކައުންސިލަށް 48 މިލިއަން ރުފިޔާ ދޭން ވަނީ ނިންމައިފައެވެ. އަދި ކުޅުދުއްފުށި ސިޓީ ކައުންސިލަށް ދޭން ނިންމާފައިވަނީ 36 މިލިއަން ރުފިޔާއެވެ.
އެ ސާކިއުލާގައި ބުނެފައިވާ ގޮތުން ކައުންސިލްތަކަށް ދައުލަތުން ބްލޮކް ގްރާންޓްގެ ގޮތުގައި ދޭ ހިލޭ އެހީގެ އަދަދުތައް އަންނަ އަހަރުގެ ބަޖެޓުގައި މުރާޖައާ ކުރާނެއެވެ. އަދި ކައުންސިލްތަކަށް ބަޖެޓު ފައިނަލް ކުރާނީ އަންނަ އަހަރުގެ ބަޖެޓު ފާސްކުރުމުން، އެ ބަޖެޓުގައިވާ އަދަދުތަކަށް ރިއާޔަތްކޮށްގެން ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން ކައުންސިލްތަކުން 2023 ވަނަ އަހަރުން 2025 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ތަފުސީލު އަންނަ މަހުގެ 15ގެ ކުރިން ހުށަހަޅަން މިނިސްޓްރީން ވަނީ އަންގައިފައެވެ.
މިއަހަރަށް ފާސްކުރި ބަޖެޓުގައި ބްލޮކް ގްރާންޓްގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ކައުންސިލްތަކަށް ދޭން ހިމަނާފައިވާ އިރު، އޭގެ ތެރެއިން މިހާތަނަށް ކައުންސިލްތަކަށް ދޫކޮށްފައިވަނީ 850 މިލިއަން ރުފިޔާއެވެ.