މަލްޓިނޭޝަނަލް ކުންފުނިތަކުން ރާއްޖެއަށް ލިބެންވާ ޓެކްސް ހަމައަށް ލިބޭކަން ކަށަވަރުކުރުމަށް ނިއުޒިލޭންޑުގެ ތަޖުރިބާކާރެއް ހަމަޖައްސާފައިވާ ކަމަށް ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން، ފަތުހުﷲ ޖަމީލު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 12 އަހަރު ފުރުމާ ގުޅިގެން ޓެކްސް ކޮމިޝަނަރު ނެރުއްވި ބަޔާނުގައި ވިދާޅުވީ ރާއްޖޭން ނަފާ ހޯދާ މަލްޓިނޭޝަނަލް ކުންފުނިތަކުން ރާއްޖެއަށް ލިބެންވާ ޓެކްސް ހަމައަށް ލިބޭކަން ކަށަވަރުކުރުމުގެ މުހިންމުކަން ބޮޑުވެފައިވާ ކަމަށެވެ.
އަދި އެކަމަށްޓަކައި "ޓެކްސް އިންސްޕެކްޓާސް ވިތައުޓް ބޯޑާސް" ޕްރޮގްރާމުގެ ދަށުން ޓްރާންސްފާ ޕްރައިސިން އޮޑިޓާ ގުޅޭ ނިއުޒިލޭންޑުގެ ތަޖުރިބާކާރެއް ހަމަޖައްސާފައިވާ ކަމަށާއި މީރާގެ އޮޑިޓަރުންނާ ގުޅިގެން އެ މަސައްކަތްތަށް މިހާރު ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
ކޮމިޝަނަރު މިހެން ވިދާޅުވި އިރު މިދިޔަ އޭޕްރީލް މަހާ ހަމައަށް ރިސޯޓު ކުލިން އެކަނިވެސް ދައުލަތަށް 17 ބިލިއަން ރުފިޔާ ނުލިބި އެބަ އޮތެވެ. އެ ފައިސާ ހޯދުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުންވެސް މީރާއަށް ވަނީ ލަފާ ދީފައެވެ.
އެ ފައިސާ ހޯދުމަށްޓަކައި މީރާއިން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި "ނޭމް އެން ޝޭމް"ގެ ނަމުގައި ޓެކްސް ބަޔާން ހުށަނާޅައި ނުވަތަ ޓެކްސް ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު، އަމީނީމަގުގައި ހުންނަ މީރާގެ ޓެކްސްޕޭޔާ ސާވިސް ސެންޓަރުގައި ހާމަކުރަންވެސް ވަނީ ފަށައިފައެވެ.
ދައުލަތަށް ޓެކްސް ނުދައްކާ ފަރާތްތަކާމެދު މީރާއިން އަޅަން ނިންމާފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި:
ފަތުހުﷲ ވިދާޅުވީ ޓެކްސް ދައްކާ ފަރާތްތަކުން ޓެކުހާބެހޭ އިލްތިޒާމުތައް އަދާކުރާ މިންވަރު އިތުރުކޮށް، އުސޫލުތަކާ އެއްގޮތަށް އަމަލުކުރުން އިތުރުކުރުމަށް އަންނަ އަހަރު ގިނަ ކަންތައްތަކެއް ހަމަޖެހިފައިވާ ކަމަށެވެ.
"މެދުފަންތި އާއި ބޮޑެތި ވިޔަފާރިތަކުގެ ކޮމްޕަލަޔަންސް އިތުރުކޮށް، އެ ފަރާތްތަކުން އަދާކުރަންޖެހޭ އިލްތިޒާމުތައް ފުރިހަމައަށް އަދާކުރުމުންދާކަން ކަށަވަރުުކުރުމުގެ ގޮތުންވެސް ހާއްސަ މަސައްކަތްތަކެއް ކުރުމަށްވަނީ ރާވާފައި. އަދި ނުލިބިވާ ފައިސާ ހޯދުމުގެ ގޮތުންވެސް އިތުރު މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފަ" ފަތުހުﷲގެ ބަޔާނުގައިވެއެވެ.