ޚަބަރު

ދެވަނަ ކުއާޓަރުގައި ދައުލަތަށް ލިބުނު އާމްދަނީ އަންދާޒާއަށްވުރެ 50 ޕަސެންޓް އިތުރު

މުހައްމަދު އިޝާން

ނިމުނު ކުއާޓަރުގައި ލިބުނު އާމްދަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އަންދާޒާކުރި ވަރަށްވުރެ 50 ޕަސެންޓް އިތުރުވެއްޖެއެވެ.

މީރާއިން އިއްޔެ އާންމުކުރި މި އަހަރުގެ ދެވަނަ ކުއާޓަރު ރިޕޯޓުން ދައްކާ ގޮތުން، އެ ކުއާޓަރުގައި ދައުލަތަށް 5.29 ބިލިއަން ރުފިޔާ ލިބުނެވެ. މި އަހަރަށް ފާސްކުރި ބަޖެޓުގައި ދެވަނަ ކުއާޓަރުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ 3.52 ބިލިއަން ރުފިޔާއެވެ.

މިރާއިން ބުނީ، ދައުލަތަށް އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ޓެކްސްގެ ގޮތުގައި ދެއްކި ފައިސާއިން ކަމަށެވެ. އެގޮތުން ޓެކްސްގެ ގޮތުގައި 3.98 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، އޭގެ ތެރެއިން 2.4 ބިލިއަން ރުފިޔާއަކީ ޖީއެސްޓީގެ ގޮތުގައި ލިބުނު ފައިސާއެވެ.

އިންކަމް ޓެކްސްގެ ގޮތުގައި ދައުލަތަށް 1.8 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، ގްރީން ޓެކްސްގެ ގޮތުގައި 254.7 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 219.4 މިލިއަން، ރިސޯޓުތަކުގެ ކުލީގެ ގޮތުގައި 500 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ދެވަނަ ކުއާޓަރުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 211.50 މިލިއަން ޑޮލަރު ލިބިފައިވެއެވެ. އެއީ މުޅި ކުއާޓަރުގައި ލިބުނު އާމްދަނީގެ 61.3 ޕަސެންޓެވެ.