ޚަބަރު

އަގުހުރި އިނާމުތަކާއެކު އެސްޓީއޯގެ "ބެކް ޓު ސްކޫލް" ޕްރޮމޯޝަން ފަށައިފި

ރިފާ ހަލީލު

އަގުހުރި އިނާމުތަކާއެކު އެސްޓީއޯގެ "ބެކް ޓު ސްކޫލް" ޕްރޮމޯޝަން މިއަދު ފަށައިފިއެވެ.

އެސްޓީއޯއިން މިއަދު ބުނީ ސްކޫލްތަކުގެ ދިރާސީ އާ އަހަރާ ގުޅުވައިގެން މިއަދުން ފެށިގެން މިމަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަން ޕީޕަލް ޗޮއިސްގެ އިތުރުން ރީޖަނަލް ފިހާރަތަކުގައިވެސް ކުރިއަށްދާނެ ކަމަށެވެ.

މި ޕްރޮމޯޝަންގެ ދަށުން ހިންގާ ލަކީޑްރޯގައި ބައިވެރިވުމަށް ރީޓެއިލްކޮށް އަދި ހޯލްސޭލްކޮށް ޑެވޮންޑޭލް، ހެޕީ ކައު ޗީޒް، އަދި އައި ވީ ކިރު ގަންނަ ފަރާތްތަކަށް ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި ޕްރޮމޯޝަން ނިމުމުން ރީޓެއިލް ތިން ނަސީބުވެރިން އަދި ހޯލްސޭލް ތިން ނަސީބުވެރިން ހޮވާނެއެވެ.

މި ޕްރޮމޯޝަންގެ ދަށުން ރީޓެއިލްގެ ނަސީބުވެރިންގެ ތެރެއިން އެއްވަނަ އަށް ހޮވޭ ފަރާތަކަށް 5000 ރުފިޔާގެ ޕީކަބޫ ގިފްޓު ވައުޗާއެއް ލިބޭނެއެވެ. ދެވަނައަށް ހޮވޭ ފަރާތަކަށް 2500 ރުފިޔާގެ ޕީކަބޫ ވައުޗަރެއް އަދި ތިންވަންއަށް ހޮވޭ ފަރާތަކަށް 1500 ރުފިޔާގެ އަސްރަފީ ބުކްޝޮޕް ގިފްޓް ވައުޗާއެއް ލިބޭނެއެވެ.

ހޯލްސޭލްގެ ނަސީބުވެރިންގެ ތެރެއިން އެއްވަނައަށް ހޮވޭ ފަރާތަކަށް ހުށަހަޅާފައިވަނީ 327 ލީޓަރުގެ ޗެސްޓް ފްރީޒާއެކެވެ. ދެވަނައަށް ހޮވޭ ފަރާތަކަށް ރަސަލް ހޮބްސެގެ ފެންކައްކާ ޖަގަކާއި މައިކްރޯވޭވް އަވަނަކާއި ޕްރެޝަރު ކުކަރެއް ލިބޭއިރު، ތިންވަނަ ނަސީބުވެރިޔާއަށް ލިބޭނީ ރަސަލް ހޮބްސްގެ ފެންކައްކާ ޖަގަކާއި މައިކްރޯވޭވް އަވަނެކެވެ.

އެސްޓީއޯއިން ބުނީ، ރީޓެއިލް ކަސްޓަމަރުންގެ ތެރެއިން ޑެވޮންޑޭލް އެއް ލީޓަރު ކިރު ޕެކެޓް އަދި ގަންނަ ކޮންމެ ހިކި ކިރު ޕެކެޓަކަށް ޑެވޮންޑޭލް ލޯގޯ ޖެހި ޖޯޑެއް ލިބޭނެ ކަމަށެވެ. މި ޖޯޑަކީ ލިމިޓެޑް އެޑިޝަން ޖޯޑު ތަކެއްކަމުން ސްޓޮކް ހުސްވަންދެން ކަސްޓަމަރުންނަށް ދޫކުރަމުން ގެންދާނެ ކަމަށް ބުންޏެވެ.