ގަތަރު ވޯލްޑް ކަޕް 2022

ގަތަރު ވޯލްޑްކަޕް 2022: ހަމަހުގެ ދިގު ކޭމްޕަކުން ގަތަރަށް ކުރާނީ ކޮން ފައިދާއެއް؟

އިމާދު ލަތީފު

ދެކުނު ކޮރެޔާގައި 2002 ވަނަ އަހަރުގެ ވޯލްޑްކަޕް ބޭއްވުނުއިރު މުބާރާތަށް ތައްޔާރުވުމާއި ތަމްރީނު ލިބިގަތުމުގެ ގޮތުން އެހާތަނަށް ދުނިޔޭގެ އެއްވެސް ބަޔަކު ކޮށްފައިނުވާ ކަމެއް ދެކުނު ކޮރެޔާއިން ކުރިއެވެ. އެކަމަކީ ފަސްމަސް ދުވަހުގެ ދިގު މުއްދަތަކަށް މުޅި ޓީމު އެކީގައި ކޭމްޕް ކުރުމެވެ. މުބާރާތެއް ބޯމަތިވަމުން އަންނައިރު އެކުގައި ކޭމްޕު ކުރުމަކީ އައުކަމެއް ނޫނެވެ. އެއީ އެންމެންވެސް ކުރާ ކަމެކެވެ. އެކަމަކު އެއީ ގިނަވަގެން ތިން ހަތަރު ހަފުތާއަށެވެ. ދެކުނު ކޮރެޔާއިން ކޭމްޕުކުރީ ފަސްމަހަށެވެ. އެއީ ރިކޯޑެކެވެ. މި ރިކޯޑު ގާއިމްކޮށްގެން ވޯލްޑްކަޕުގައި ދެކުނު ކޮރެޔާއަށް ނެރެވުނު ނަތީޖާވެސް ގޯހެއް ނޫނެވެ. ސެމީފައިނަލަށް ދަތުރުކުރިއެވެ. ޔޫރަޕާއި ދެކުނު އެމެރިކާ ނޫންތަނެއްގެ ބަޔަކަށް ވޯލްޑްކަޕުގައި އެންމެ ކުރިއަށް ދެވުނު ހިސާބަކީ އެއީއެވެ.

އިރުމަތީ އޭޝިޔާގައި ކުޅެގެން ދެކުނު ކޮރެޔާއިން ކުރި އައު ތަޖުރިބާއަށް ވިހި އަހަރު ފަހުން އޭޝިޔާ ބައްރަށް އަނެއްކާވެސް ވޯލްޑްކަޕް އަތުވެއްޖެއެވެ. މިފަހަރު ހުޅަނގު އޭޝިޔާގައެވެ. ގަތަރުގައެވެ. ދެކުނު ކޮރެޔާއިން ކުރި އެންމެހައި ކަންކަން އެތަރުތީބުން އެޔަށްވުރެވެސް މޮޅަށް، ފުރިހަމަޔަށް ކުރުމަށް ގަތަރުން ބޭނުންވެއެވެ. ހަމައެކަނި ވޯލްޑްކަޕް އިންތިޒާމް ކުރުމުގެ ކަންކަމުގައެއް ނޫނެވެ. ގަތަރުގެ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތަކާއި ކޭމްޕުކުރުމާއި މިހެންގޮސް ހުރިހާ ކަމެއްވެސް ބައްޓަން ކުރެވިފައިވަނީ ދެކުނު ކޮރެޔާ މިސާލަކަށް ބަލައިގެން އެމީހުންގެ ފޮތަށް ތަބާވެގެންނެވެ. އޭގެތެރޭގައި ހަމަސް ދުވަހަށް އެކުގައި ކޭމްޕު ކުރުންވެސް ހިމެނެއެވެ. މިހާރުވެސް ގަތަރުގެ ޓީމު އެއޮތީ ކޭމްޕުކޮށްގެންނެވެ. އަސްކަރީ ޕްލެޓޫނެއް ފަދައިންނެވެ.

މުޅިއެކު ހަތާވީސް ކުޅުންތެރިންގެ ސްކޮޑަކާއެކު ފެލިކްސް ސަންޗޭޒްގެ ޓީމު ކޭމްޕުކުރީ ހުސްވި ޖޫންމަހުގެ ތެރޭގައެވެ. ސަންޗޭޒަކީ ސްޕޭނުގެ ބާސެލޯނާގެ ޔޫތު ޓީމުގެ ކުރީގެ ކޯޗެވެ. މި ކޭމްޕު ތަރުތީބު ކުރެވިފައިވަނީ އެކިއެކި ފިޔަވަހިތަކެއްގެ މަތީގައެވެ. އެންމެ ފުރަތަމަ ފިޔަވަހި ބޭއްވުނީ ސްޕޭނުގައެވެ. އެއަށްފަހު އޮސްޓްރިޔާގައެވެ. މި ފިޔަވަހީގައި ހަތަރު ގައުމެއް ބައިވެރިވާ ޚާއްސަ މުބާރާތެއްގައިވެސް ގަތަރުން ވާދަކުރާނެއެވެ. އޭގެތެރޭގައި މޮރޮކޯ އާއި ގާނާ ހިމެނެއެވެ. މިދެގައުމަކީވެސް ގަތަރު ފަދައިން މިފަހަރުގެ ވޯލްޑްކަޕުން ފެންނާނެ ޓީމުތަކެވެ. ހަތަރުވަނަ ޓީމަކީ ޖެމެއިކާއެވެ. ޖެމޭކާއަކީ ކޮލިފައިވި ޓީމެއް ނޫނެވެ. އަޖުމަ ބަލައިލުމަށާއި ޓީމުގެ ފެންވަރު ވަޒަންކޮަށްލުމަށްޓަކައި މިއީ ގަތަރަށް ވަރަށްވެސް މުހިއްމު މުބާރާތެކެވެ.

ވޯލްޑްކަޕުގައި ގަތަރު ހިމެނެނީ ގްރޫޕް އޭގައެވެ. ގަތަރުގެ އެންމެ ފުރަތަމަ މެޗަކީ ނޮވެމްބަރު އެކާވީހުގައި އިކުއެޑޯރާ ދެކޮޅަށް ކުޅޭ މެޗެވެ. އެހާތަނަށް އެކުގައި ކޭމްޕުކޮށް އެކިއެކި މަރުހަލާތައް ކަޑައްތުކޮށްގެން ޓީމުގެ ފިޓްނަހާއި މެންޓަލިޓީ އެންމެ އެދެވޭ ހިސާބަށް ގެންދެވޭނޭ ކަމަށް ކޯޗު ފެލިކްސް ސަންޗޭޒް ހީކުރެއެވެ. އެހެންނަމަވެސް ތަޖުރިބާކާރުންގެ ގިނަބަޔަކު މި ޚިޔާލާއި ދެކޮޅެވެ. އެމީހުންގެ ރައުޔުގައި ހަމަހަކީ މާދިގު މުއްދަތެކެވެ. އެހާދުވަހަށް އެކުގައި ތިބުމާއި އާއްމު ދިރިއުޅުމުގެ ކަންކަމާއި އެކަހެރިވެގެން ތިބުމާއި ވަރުގަދަ ވާދަވެރިކަން އެކުލެވޭ މެޗުތަކެއް ނުލިބުންފަދަ ކަންކަމަކީ ނަފްސާނީގޮތުން ކުޅުންތެރިންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނޭ ކަންކަމެވެ. މިގޮތަށް ޚިޔާލުފާޅުކުރާ މީހުންގެ ތެރޭގައި ގަތަރުގެ ސުޕަރ ލީގަށް ނިސްބަތްވާ ތަޖުރިބާކާރުންވެސް ހިމެނެއެވެ.

ވޯލްޑްކަޕުގެ ހަމަސްކުރިން ގަތަރުގެ ގައުމީ ޓީމު ކޭމްޕު ކުރީމާ އެކަމުގެ ދެރަކަން އެންމެ ބޮޑަށް ފެންނާނީ ގަތަރުގެ ސުޕަރ ލީގުންނެވެ. އައު ސީޒަނުގެ ފުރަތަމަ ހަތް މެޗު ކޮންމެ ކުލަބަކުންވެސް ފުރިހަމަކުރަން ޖެހޭނީ ގައުމީ ޓީމަށް ސެލެކްޓް ކުރެވިފައިވާ އެއްވެސް ކުޅުންތެރިޔަކު ނެތިއެވެ. އައްދުހައިލް ކުލަބުގެ ފޯވާޑު އަލްމާޒް އަލީޔާއި އައްސާދުގެ ވިންގަރ އަކްރަމް އަފީފު ފަދަ ކުޅުންތެރިން ނެތިއެވެ. މިއީ ގިނަބައެއްގެ ކަންބޮޑުވުމެކެވެ. ކޭމްޕުގެ ދުވަސްވަރު ގައުމީ ޓީމުން އެކުވެރިކަމުގެ ކިތަންމެ ގިނަ މެޗު ކުޅުނަސް މޮޅުވުމުގެ އުފަލާއި ބަލިވުމުގެ ހިތާމައިގެ ތަޖުރިބާ އެހާބޮޑެއް ނުވާނެއެވެ. އެކަށީގެންވާގޮތަށް އެތަޖުރިބާ ކުރެވޭނީ ލީގުގެ ވާދަވެރި މެޗުތަކުންނެވެ. ތަޖުރިބާކާރުން ބުނަނީ އާއިލާޔާއި ބައްދަލުނުވެ، އެކުވެރިންނާއި ބައްދަލުނުވެ ހަމަސްދުވަހު އެކަހެރިވެގެން ތިބީމާ ކުޅުންތެރިން މޮޔަވެދާނޭ ކަމުގައެވެ.

އޮސްޓްރިޔާގައި ކުޅުމަށް ހަމަޖެހިފައިވާ ހަތަރު ގައުމުގެ އެކުވެރިކަމުގެ މުބާރާތުގެ އިތުރަށް ދެން ގަތަރުން ރާވާފައިވަނީ ޔޫރަޕުގެ އެކި ލީގުތަކުގެ އެކި ފަންތީގެ ކުލަބްތަކާއެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށެވެ. މިފަދަ މެޗުތައް އިންތިޒާމްކުރުންވެސް ގަތަރަަށް އެހާ ފަސޭހައެއް ނޫނެވެ. އޭގެ ސިއްރަކީ އިންސާނީ ހައްގުތަކުގެ މައްސަލައިގައި ގަތަރާދޭތެރޭ ޔޫރަޕުގެ އާއްމުންގެ ރައުޔު ވަރަށް ބޮޑަށް ގޯސްވެފައި އޮތުމުންނެވެ. ހުސްވި ޖޫންމަހުގެ ތެރޭގައި އިނގިރޭސިވިލާތުގެ ވޮޓްފަޑާއެކު އޮސްޓްރިޔާގައި އެކުވެރިކަމުގެ މެޗެއް ކުޅެން ހަމަޖެހުނެވެ. އެކަމަކު ވޮޓްފަޑުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން މިކަމާދެކޮޅަށް އަޑުއުފުލައި އިހުތިޖާޖުކުރަން ފެށީމާ އެ މެޗުވަނީ ކެންސަލްކޮށްފައެވެ. ހީކުރެވޭ ގޮތުން މިކަހަލަ ކިތަންމެ މެޗެއް އަދިވެސް ކެންސަލް ކުރާނެއެވެ.