ދިވެހި ޕްރިމިއާ ލީގު

ގްރީން ސްޓްރީޓްސުން ލީގުގެ ގަދަ ހަތަރެއް ޔަގީންކޮށްފި

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް، ކްލަބު ގްރީން ސްޓްރީޓްސްއިން ލީގުގެ ގަދަ ހަތަރެއް ޔަގީންކޮށްފިއެވެ.

ގައުމީ ދަނޑުގައި މިރޭ ބޯ ވިއްސާރައިގައި ކުޅުނު މެޗު ގްރީންއިން ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗާއެކު ގްރީނުން ސީޒަން ނިންމާލީ 30 ޕޮއިންޓާ އެކުގައެވެ. ކުޅުނު 21 މެޗުގެ ތެރެއިން، ގްރީން ސްޓްރީޓްސް ވަނީ ނުވަ މެޗު ކާމިޔާބުކޮށްފައެވެ. ތިން މެޗު އެއްވަރުވި އިރު، ނުވަ މެޗުން ވަނީ ބަލިވެފައެވެ.

ލީގުގައި މާދަމާ ހަވީރު ޔުނައިޓަޑް ވިކްޓަރީ އާއި ކްލަބު ވެލެންސިއާ ކުޅޭ މެޗުން ޔުނައިޓަޑް ވިކްޓަރީ މޮޅުވެ، ނުވަތަ މެޗުން އެއްވަރުވެއްޖެ ނަމަ، ގްރީން ސްޓްރީޓްސްއަށް ތިން ވަނައިގައި ލީގު ނިންމާލެވޭނެއެވެ. މި ވަގުތު 29 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތް ވެލެންސިއާ މޮޅުވެއްޖެނަމަ، ތިން ވަނަ ލިބޭނީ އެ ޓީމަށެވެ.

މިރޭގެ މެޗުން ބަލިވި ޓީސީ، މިސީޒަންގެ ދިވެހި ލީގު ނިންމާލީ 28 ޕޮއިންޓާ އެކުގައެވެ. ލީގުގައި މާދަމާ ހަވީރު ޔުނައިޓަޑް ވިކްޓަރީ ކުޅޭ މެޗުން އެ ޓީމު މޮޅުނުވެއްޖެނަމަ، ޓީސީއަށް ފަސް ވަނަ ކަށަވަރުވާނެއެވެ.

ވާރޭގެ ސަބަބުން ޗަކަ ހެދިފައި އޮތުމުން ހަމަލާތައް މަދުކޮށް މިރޭގެ މެޗު ފުރަތަމަ ކޮޅުގައި ފެނުނު އިރު، ގްރީން ސްޓްރީޓްސްއިން ލީޑު ނެގީ މެޗުގެ 59 ވަނަ މިނެޓުގައި އެ ޓީމުގެ ޑިފެންޑަރު މުހައްމަދު ސައިފް ޖެހި ގޯލުންނެވެ. ގްރީން ސްޓްރީޓްސްއަށް ލިބުނު ހިލޭޖެހުމަކުން އަންސަރު އިބްރާހިމް (އަންކޮ) ގޯލާ ދިމާލަށް ހުރަސްކޮށްލި ބޯޅަ، ގޯލުގެ ހުރަސް ދަނޑީގައި ޖެހި ޕެނަލްޓީ އޭރިޔާ ތެރެއަށް ވެއްޓުމުން ސައިފް ވަނީ ރީބައުންސްގައި ބޯޅަ ގޯލަށް ވައްދާލާފައެވެ.

މެޗުގެ 75 ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްގެ ދެވަނަ ގޯލު ޖެހިއެވެ. އެ ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މުހައްމަދު ޖައިލަމް (އޮގީ) އެވެ. ޓީސީގެ އޭރިޔާ ތެރެއަށް ވަދެ، އަންކޮ ފޮނުވާލި ބޯޅަ ޓީސީގެ ގޯލްކީޕަރު، ސުޖަން ދިފާއުކުރި ނަމަވެސް، ރީބައުންސްގައި ނުކުތް ބޯޅަ ކޮންޓުރޯލް ކޮށްލުމަށްފަހު، އޮގީ ވަނީ ގޯލުގެ ތެރެއަށް ބޯޅަ އަމާޒުކޮށްލައިފައެވެ.

މެޗުގެ އިތުރު ވަގުތުގައި ޓީސީ އަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، އެ ޓީމަށް ގޯލު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި މުހައްމަދު މުސްލިހު (މުއްޓި) އެވެ.