ސަރުކާރުގެ ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް ނުވަތަ އެމްޑީޕީގެ ސިޔާސީ މަގުސަދެއް ހާސިލު ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަކި ކުރުމަށް މަޖިލިސް ތަޅުމުގައި އެއްބާރުލުން ނުދޭނެ ކަމަށް އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސައަކާ ގުޅިގެން ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު ހައްޔަރުކުރުމުން، ނާޒިމް ދިފާއުކުރައްވައި ރައީސް ނަޝީދު ގެންދަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރަށް ވަރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުންނެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އިޖުރާއަތްތަކާ ހިލާފަށް ނާޒިމް ހައްޔަރުކުރީ ނުފޫޒު ފޯރުވައިގެން، ސަރުކާރުގެ ތެރޭގައި ތިބި ހަރުކަށި ފިކުރުގެ ބަޔަކު ރުއްސުމަށް ކަމަށެވެ. އަދި ރައީސް ސޯލިހުގެ ވެރިކަން ވައްޓަވާލައްވާނެ ކަމަށް އިންޒާރު ދެއްވުމާއެކު، އެމަނިކުފާނު އަންހެނަކާއެކު ބަދުއަހުލާގީ އަމަލު ހިންގާ ފޮޓޯތަކެއް އެބަހުރި ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ރައީސް ސޯލިހާމެދު އެފަދަ ސާބިތު ނުހިފޭ ވާހަކަތަކެއް ދެއްކުމާ ގުޅިގެން އެމްޑީޕީގެ ޕީޖީ ގްރޫޕު މެމްބަރުންނާއި އާއްމު މެމްބަރުން ހިމެނޭ ގޮތުން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ރައީސް ނަޝީދަށް ވަރަށްބޮޑަށް ފާޑުކިޔަމުންނެވެ. އެބޭފުޅުން މަޖިލީހުގެ މެމްބަރުކަމުންނާއި އެމްޑީޕީން ވަކިކުރުމަށްވެސް ދަނީ ގޮވަމުންނެވެ. އަދި ރައީސް ނަޝީދު މަގާމުން ވަކިކުރުމުގެ މަސައްކަތްތަކެއް ފަށާފައިވާ ކަމަށާއި އެ މަސައްކަތުގެ ދަށުން މަޖިލިސް ތަޅުމުގައި އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމުގެ އިތުރުން އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީއަށް އެ މައްސަަލަ ހުށަހަޅަން މެމްބަރުން މަސައްކަތް ކުރަމުންގެންދާ ކަމަށް ވަނީ އަޑު ފެތުރިފައެވެ.

އެކަމާ ގުޅިގެން "ވަން އޮންލައިން" އަށް ޝިޔާމް މިއަދު ވިދާޅުވީ، މައްޗަންގޮޅި މެދު ދާއިރާގެ މަޖިލިސް މެމްބަރު ކަން ކުރައްވާ ރައީސް ނަޝީދަކީ މާ ކުރިންވެސް މަޖިލިސް ރައީސްކަމުން ވަކިކުރަންޖެހޭ ބޭފުޅެއް ކަމަށެވެ.

ނަމަވެސް އެމްޑީޕީ ނުވަތަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސިޔާސީ ބޭނުމެއް ފުއްދައި ދިނުމަށް މަސައްކަތް ކުރުމަކީ ޕީޕީއެމުން ޝައުގުވެރިވާ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން މަޖިލިސް ރައީސްކަމުގެ މަގާމުން ނަޝީދު ވަކިކުރަން ކުރާ މަސައްކަތެއްގައި ޕީޕިއެމުން އެއްބާރުލުން ނުދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހިންގަމުންދާ ނޭދެވޭ ކަންތައްތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ޝިޔާމް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.