ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން ޗެރީ ނެރޭ ގައުމަކީ ތުރުކީވިލާތް ކަމަށް ދަނޑުވެރިކަމާއިބެހޭ ސައިޓެއް ކަމަށްވާ އެޓްލަސްބިގުން ބުނެފިއެވެ. ދުނިޔޭގެ ބާޒާރަށް ތުރުކީވިލާތުން ކޮންމެ އަހަރަކުވެސް ގާތްގަޑަކަށް ހަތްލައްކަ ޓަނުގެ ޗެރީ ނެރެއެވެ. މުޅިދުނިޔެއިން އަހަރަކު އުފައްދާ ޗެރީގެ މިންވަރަކީ 2.6 މިލިޔަން ޓަނެވެ.
ޗެރީ އުފެއްދުމުގައި ދެވަނަޔަށް އެންމެ ފާހަގަކުރެވޭ ގައުމަކީ އެމެރިކާއެވެ. އެމެރިކާއަށްވެސް ތުރުކީއާ ގާތެއް ނުކުރެވެއެވެ. އެމެރިކާއިން ދުނިޔޭގެ ބާޒާރަށް ނެރެނީ އަހަރަކު ގާތްގަޑަކަށް ތިންލައްކަ ޓަނެވެ. އެއީ ތުރުކީގެ އުފެއްދުމުގެ ދެބައިކުޅަ އެއްބަޔަށްވުރެވެސް މަދު މިންވަރެކެވެ. ލިސްޓުގެ ތިންވަނަ ލިބެނީ ދެކުނު އެމެރިކާގެ ގައުމެއްކަމަށްވާ ޗިލީއަށެވެ. ޗިލީން އަހަރަކު އުފައްދަނީ ގާތްގަޑަކަށް ދެލައްކަ ޓަނެވެ.
ދެކުނު އޭޝިޔާގެ ގައުމުތަކުގެ ތެރެއިން އިންޑިޔާއަށް އަހަރަކު އުފެއްދެނީ ގާތްގަޑަކަށް އެގާރަހާސް ޓަނެވެ. ޕާކިސްތާނު އުޅެނީ އެއަށްވުރެވެސް މާފަހަތުގައެވެ. ޕާކިސްތާނުގެ މިންވަރަކީ އަހަރަކު ދެހާސް ޓަނެވެ.
ޗެރީގެ ވިޔަފާރީގައި ދުނިޔޭގެ މޮނޮޕޮލީ ތުރުކީވިލާތަށް ލިބިފައިވާއިރު ތުރުކީގެ އަވަށްޓެރިންގެ ތެރެއިން އީރާނާއި ސީރިޔާއާއި އަޒަބައިޖާނާއި އާމީނިޔާއާއި ގްރީސްއަކީވެސް ދުނިޔޭގެ ބާޒާރަށް ގިނައަދަދެއްގެ ޗެރީ ނެރޭ ގައުމުތަކެވެ. އިނގިރޭސި ބަހުން މިކިޔާ ޗެރީގެ އަސްލު ގުޅިފައި އޮންނަކަމަށް ބުނެވެނީވެސް ތުރުކީއާއެވެ. ޗެރީގެ އަސްލަކީ ކުރީޒަމާނުގައި ޗެރާސަސްއޭ ކިޔުނު ތުރުކީގެ އަވަށެއް ކަމަށް ބުނެވެއެވެ.