ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގި މައްސަލައިގައި ކުރިން ހައްޔަރުކުރި މީހަކު އަލުން ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން އަލުން ހައްޔަރުކޮށްފައި ވަނީ ގ. އުފުރިޔާ، މުހައްމަދު ފައިސަލް، 36އ އެވެ. އޭނާގެ މައްޗަށް ކުރަނީ ޓެރަރިޒަމާއި ހުއްދަ ނޫން ތަނަކަށް ވަނުމާއި މާރާމާރީ އަދި މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރުމަށްފަހު ފައިސަލް ކުރިން ދޫކޮށްލާފައި ވަނީ ހައްޔަރުކުރުމަށް ހޯދި ކޯޓު އަމުރުގައި ބައެއް ކަންކަން އުނިވެފައި ހުރުމުން ހައްޔަރުކުރުމުގެ އިޖުރާއާތު ގޯސްކޮށް އޮތުމުންނެވެ.

ކޯޓު އަމުރުގައިވާ ގޮތުން ފައިސަލްއަކީ ދަނޑަށް ވަދެގަނެ ހަމަނުޖެހުން ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވި މީހެކެވެ. އެގޮތުން ފުލުހުންގެ ބެރިކޭޑް ފަޅާލައި ދަނޑަށް ވަންކަމާއި ޔޯގާ އިވެންޓުގެ ބައިވެރިންގެ ފަހަތުން ދުވެ އިންޒާރު ދިންކަން ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި ސީސީޓީވީ ސްނެޕްޝޮޓްތަކުން އެނގޭ ކަމަށް ކޯޓު އަމުރުގައިވެއެވެ.

އަދި އޭނާއަކީ ޔޯގާ ހަރަކާތާ ދެކޮޅަށް އެއްވި މީހުން މޯޓިވޭޓްކޮށް ދަނޑަށް ވަދެގަތުމަށް ހިތްވަރުދިން މީހެއް ކަމަށް ފުލުހުންގެ ބަޔާންތަކުން އެނގޭ ކަމަށްވެސް އަމުރުގައިވެއެވެ.