އަންހެނުންނަކީ ފިތުރީ ގޮތުންވެސް އަދި ތޮބީއީ ގޮތުންވެސް ޒީނަތްތެރިވުމަށް ލޯބިކުރާ ބައެކެވެ. އުޅޭތަނާއި ލާ އަންނައުނާއި ތިމާގެ ހަށިގަނޑުވެސް އަބަދުވެސް ރީތިކޮށް، ނަލަކޮށް، މީރުވަސް ދުވާނެހެން ބެހެއްޓުމަށް ކޮންމެ އަންހެނަކު ވެސް ލޯބި ކުރާނެއެވެ. ގޭތެރޭގައިވެސް ގެއިން ބޭރުގައި ވިޔަސް، ކޮންމެ ތަނެއްގައި ވިޔަސް، އެމީހުންގެ މިޒާޖުގެ ގޮތުން ރީތިވުމަށާއި ރީތި ކުރުމުގެ އާދަ ހިފިފައިވާ ބައެކެވެ.
ހާއްސަކޮށް ގައިގެ ހަންގަނޑާއި މޫނު ރީތިކޮށް، އޮމާންކޮށް، ތާޒާކަންމަތީ ބެހެއްޓުމަށް އަންހެނުން ހާއްސަ ސަމާލުކަމެއް ދެއެވެ. ވިޔަފާރިވެރިންގެ ބާޒާރުތަކުންނާއި މުދާ އުފައްދާ ތަންތަނުންވެސް މިކަމަށް ދޭ ސަމާލުކަން ހާމަވާނެއެވެ. ބާޒާރުގައި އަބަދުވެސް އަންހެނުންނަށް ހާއްސަ ޒީނަތްތެރިވުމުގެ ކޮންމެވެސް އާ ވައްތަރެއްގެ ސާމާނު ގެންގުޅޭނެއެވެ. އެކި މޫސުމާ ގުޅޭ، އެކި ހަންގަނޑުތަކާ ގުޅޭ ގޮތުން ގެންނަ އެއްޗެއްސާއި އެކިކަހަލަ ބޭނުންތަކަށް ހުންނަ އެއްޗެހި ތަފާތި އަގުތަކުގައި ވިއްކައެވެ. އަދި މިތަކެތި ގަތުމަށް އަބަދުވެސް މީހުން ތިބެނީ ކެތްމަދުވެފައެވެ.
ޒީނަތްތެރިވުމަށާއި ރީތިކަމަށް ލޯބިކުރާ، އެކަންތަކަށް ހާއްސަ ސަމާލުކަން ދޭފަރާތްތަކަށް މިފަދަ 'އާޓިފިޝަލް' އުފެެއްދުންތަކަށްވުރެ، ގުދުރަތީ ތަކެތިން، އަމިއްލައަށް ގޭގައި އިނދެ، ސާމާނު ތައްޔާރުކޮށްގެން ބޭނުން ކުރުމަކީ މާބޮޑަށްވެސް ފައިދާ ހުރި ކަމެކެވެ. ބާޒާރުން ބޮޑު އަގު ދީފައި ގަނެގެން އަންނަ ފޭސްޕެކް ނުވަތަ މޫނުގައި އަޅާ މާސްކު، މޫނު ދޮންނަ، މޫނު ސާފުކުރާ، އޮށާޅަތަކަށް ފަރުވާއަކަށް ހާކާ ކްރީމްތައް، އަތާއި ފައިގެ އިނގިލިތަކާއި ނިޔަފަތިތަކާއި ހަންގަނޑަށް ފަރުވާ ދިނުމަށް ބޭނުން ކުރާ އެކިކަހަލަ މަސާޖުތެޔޮތަކާއި ކްރީމްތަކާއި ދޮންނަ ފުޅިތައްވެސް ތައްޔާރު ކޮށްފައި ހުންނާނީ އެކިކަހަލަ ގުދުރަތީ މާއްދާތައް އެއްކޮށްގެންނެވެ. އެހެންނަމަަވެސް މިފަދަ ގިނަ ތަކެތީގައި އެކިކަހަލަ ގިނަ ކެމިކަލްތައްވެސް ހުރެއެވެ.
އެހެންކަމުން ބާޒާރުން ބޮޑު އަގު ދީފައި ތަފާތު އެއްޗެހި ގަތުމަށްވުރެ، ގޭގައި އިނދެ އަމިއްލައަށް ސާމާނު އެއްކޮށްގެން، ވަގުތުން ތާޒާކަމާއެކު ބޭނުންކޮށްލާފަދަ 'މާސްކް'، ކްރީމް ފަދަ އެއްޗެހި ތައްޔާރުކޮށްގެން ބޭނުން ކުރުމުގެ އަޖުމަ ބަލައިލަމާ ހެއްޔެވެ. ސަލާމަތް ކުރެވޭ ފައިސާއާއެކު ގައިގެ ހަމަށްވެސް އާރޯތާޒާކަމަކާއި ރައްކާތެރިކަމާ އެއްވަރަށް ހިތްގައިމު ރީތިކަމެއްވެސް ލިބޭނެއެވެ.
ތިރީގައި މިހިމަނާލަނީ މިފަދައިން ގޭގައި ތިބެގެން ފަސޭހަކަމާއެކު ތައްޔާރުކޮށްގެން ބޭނުން ކުރެވިދާނެ، އަދި ބޭނުން ކުރުމުގެ ނަތީޖާ ނުހަނު ފުރިހަމަ ބައެއް ތަކެއްޗާއި އެތަކެތި ބޭނުން ކުރާނެ ގޮތްތަކެވެ.
ރީނދޫ މިއީ ހޯދާކަށް އެއްވެސް ދަތިކަމެއް ހުރި ބާވަތެއްހެެނެއް ހިއެއް ނުވެއެވެ. ކާތަކެތީގެ ކުލައާއި ރަހައަށް މީގެ ހަމަ ވަރަށް ކުޑަކުޑަ އެތިކޮޅަކުން އަސަރު ފޯރުވާއިރު، ހޫނުފެންފޮދަކަށް މީގެ އެންމެ ދެއިނގިލިން ނެގޭވަރުގެ ކުޑައެތިކޮޅެއް އަޅައިގެން ކަރުތެރެ ދޮވެލުމަކީ، ރޯގާއާއި ޓޮންސިލް (ކަރުދުޅަވުމަށް)އަދި ކަރުތެރެ ދަވައިން ސާފުކޮށްލުމަށްވެސް އެއްވަނައެވެ. މިކަމުން ސާބިތުވަނީ މީގެ ވަރަށް ކުޑަ އެތިކޮޅަކުންވެސް އަސަރު ފޯރާނެ ކަމެވެ.
މިއީ ހުރިހާ ގޮތަކުންވެސް މީގެ ކުލައެކޭ އެއްގޮތަށް ރަންފަދަ އެއްޗެކެވެ. ރަހައާއި ފައިދާއަށް ބެލިކަމުގައިވިޔަސްވެހެވެ.
މި ރަހައަކީ ރަން ފަދަ ރަހައެއް ކަމުގައި ވާއިރު، މި ރަހައިން ތިބާއަށް ލިބޭނެ ފައިދާތަކަށް ބަލާފައި ވެއެވެ. ފުރަތަމަ ކަމަކަށް ރީނދުލަކީ އެންޓި ބެކްޓީރިއަލް ޕްރޮޕަޓީސްގެ އިތުރުން އެންޓިއޮކްސިޑެންޓްސް ވެސް މުއްސަނދި އެއްޗެކެވެ. މިއީ ދިއްލާފައިވާ ހަންގަނޑެއް ހޯދުމަށް ބޭނުންވާ އުފެއްދުންތަކެއް ކަމަށް ޒީނަތްތެރިވާ ތަކެތި އުފެއްދުމުގެ މާހިރުން ބުނެއެވެ. މީގެ އިތުރުން ރީނދުލަކީ ކަރުކިއުމިން ހިމެނޭ ބާވަތަކަށް ވާއިރު މިއީ ފުއްޕާފައި ހުންނަ ތަންތަނާއި މޫނުގައި ނަގާ ބިހިކަހަލަ ތަކެތިން ސަލާމަތްވުމަށް އެހީތެރިވެދޭ އެންޓި-އިންފްލެމެޓަރީ އޭޖެންޓެކެވެ. އަދި ރީނދުލަކީ އަނދިރިވެ، ކުލަމަރުވެފައިވާ ހަންގަނޑު ނައްތާލުމުގެ އިތުރުން ޒުވާންކޮށް ފެންނަ ގޮތަށް ހެދުމަށް އެހީތެރިވެދޭ އެއްޗެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
ކިރުތައްޓަކަށް ސައިސަމުސަލެއްގެ ރީނދޫ އެއްކޮށްގެން ބުއިމަކީ ދިފާއީ ނިޒާމާއި އެތެރޭގެ ސިއްހަތު އިތުރުކުރުމަށް އެހީތެރިވެދޭ ކަމެކެވެ. ނަމަވެސް ހަމުގެ ސިއްހަތު ރައްކާތެރި ކުރުމަށް ރަނގަޅަށް އެހީތެރިވެދޭނީ ތައްޔާރުކޮށްގެން ބޭނުން ކޮށްލެވޭ ފޭސްޕެކަކުންނެވެ.
ފޭސް ޕެކެއް ހެދުމަށްޓަކައި ސައިސަމުސަލެއްގެ ރީނދޫ، ޗިކްޕީ(ބޭސަން) ފުށާއި ކިރު އެއްކޮށްލާށެވެ. ނުވަތަ ސައިސަމުސަލެއްގެ ރީނދުލާއި ސައިސަމުސާ މާމުއި އަދި ދެސަމުސާ ކިރު އެއްކޮށްލާށެވެ. ސާފުފެނުން މޫނު ދޮވެ، ރީތިކޮށް ހިއްކާށެވެ. އަދި ފޭސްޕެކް އެޅުމަށްފަހު 15 މިނިޓާއި 20-25 ވަރަކަށް މިނިޓަކަށްފަހު މޫނު ދޮވެލާށެވެ. ތާޒާ، ޒުވާން އަދި އެހާމެ އަލިއަލި މޫނަކަށް މަރުހަބާއެވެ.
މާމުޔަކީ އޭގެ އިތުރު ތައާރަފަކަށް ބޭނުން ނުވާވަރަށް ސިއްހަތަށް ފައިދާ ހުރި، އޭގެ ބޭނުމާއި ހާއްސަކަން އެނގޭނެ ބާވަތެކެވެ. ކަނޑައިގެންދާ ތަންތަން، ކުރަކިވެ ފާރުވެފައިވާ ހަންގަނޑު، ކެވޭ އެއްޗަކުން މެއިން ދިލަނަގައި ރިއްސަން ފެށުމުން ބޭނުން ކޮށްލަން ހަމަ އެންމެ ރަނގަޅު އަދި ނަތީޖާވެސް އެހާ އަވަހަށް ފެންނަ އެއްޗެކެވެ. ސިއްހަތަށް ވަރަށްވެސް ފައިދާ ހުރި ބޭހަކަށްވެސް ފުދޭ މާމުއި މޮއިސްޗަރާއެއްގެ ގޮތުގައި ބޭނުން ކުރެވޭނެއެވެ. މާމުއީގައި އެކުލެވޭ އެންޓިބެކްޓީރިއަލް އާއި ބްލީޗިންގ މިންވަރުގެ ސަބަބުން ހަމުގެ އަލިކަން ގެނެސްދީ، ހަމަށް ތާޒާކަމާއި އާރޯކަން ގެނެސް، ހަންގަނޑު ޒުވާންކޮށް ވާންކޮށްދެއެވެ. އަދި އޮށާޅަ ނެގުމާއި ބިހިތަކާއި ހަމުގައި ހަރުލާފައި އެކި ކަހަލަ ހުންނަ ނުސާފު ތަކެތި ދޮވެދީ، ރީތިކޮށްދެއެވެ.
އެލޯވެރާ، ލުނބޯހުތް އަދި މާމުއި، ކޮންމެ ވައްތަރަކުން އެއްސަައިސަމުސާ، އެއްކުރުމަށްފަހު ހަންގަނޑުގައި އުނގުޅާށެބެ. އަދި 10 މިނެޓް ވަންދެން ބެހެއްޓުމަށްފަހު ހޫނު ފެނުން ދޮވެލާށެވެ. ފުރަތަމަ ފަހަރަށްވެސް ތަފާތެއް ފެންނާނެއެވެ. އަދި ގަވާއިދުން ބޭނުންކުރުމުން ގަބޫލުނުކުރެވޭފަދަ ނަތީޖާތަކެއް ފެންނަން ފަށާނެއެވެ.
އިސްތަށިގަނޑުން ފެށިގެން ފައިގެ ފައިތިލަޔާއި ހަމަޔަށް ބޭރުފުށުން އެއްވެސް އުނދަގުލެއް ކުރިމަތިވެއްޖެނަމަ ކާށިތެލުން އެކަމަށް އެހީތެރިވެދެއެވެ! ގައިގެ ހަމާމެދު އަޅައިނުލައި ފަރުވާކުޑަކޮށް، ދޫކޮށްފިނަމަ، ވަރަށް އަވަހަށް ކުރަކިވެ، މައްސަލަތައް ދިމާވެ، ހަލާކުވެދާނެއެވެ. ކެހުމާއި ފާރުވުމާއި ކުރަކިވުމާއި އަދިވެސް އެހެނިހެން އެތައް މައްސަލަތަކެއް ކުރިމަތިވެދާނެ އެވެ. ސައިބޯނިފަދަ ތަކެތި ބޭނުން ކުރުމަށްފަހު މޮއިސްޗަރައިޒް ކުރުމަކީ ވެސް އިންތިހާއަށް މުހިންމު ކަމެކެވެ. ކާށި ތެލަކީ މޮއިސްޗަރައިޒް ކޮށްދިނުމަށް ޔަގީންކަން އޮތް މަޝްހޫރު އެއްޗެކެވެ. އޭގައި އެންޓިއޮކްސިޑެންޓްސް އާއި ފެޓީ އެސިޑް އެކުލެވިގެންވުމުން ބިހިނެގުމާއި ހަންގަނޑު ކުރަކިކުރުމުން ރައްކާތެރިކޮށްދެއެވެ. އަދި މޮޅު މޮއިސްޗަރައިޒާ އާއި ކްލީންސަރ އަދި ސަންސްކްރީންގެ ގޮތުގައި ވެސް މަސައްކަތް ކުރެއެވެ. މި ހުރިހާ އެއްޗެއް އެއްކޮށްލުމުން، ދުޅަހެޔޮ އަލިވެފައިވާ، ތާޒާ، ޒުވާން ހަންގަނޑެއް ލިބިގެންދެއެވެ.
ކޮންމެ ބާވަތެއްގެ އެއްޗެއް ތައްޔާރުކުރިކަމުގައި ވިޔަސް މޮއިސްޗަރައިޒާއެއްގެ ގޮތުގައި އެއަކަށް ކާށިތެޔޮކޮޅެއް ބޭނުން ކުރެވިދާނެއެވެ.
ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ކޮފީ ސްކްރަބްތައް އިޝްތިހާރު ކުރާ ބައެއް ޕޯސްޓްތައް ފެނިފައި ވެދާނެ އެވެ. މިކަން ފާހަގަ މިކޮށްލީ ހަންގަނޑަށް ފަރުވާ ދިނުމަށް ބޭނުންކުރާ މާއްދާއެއްގެ ގޮތުގައި ކޮފީގެ އަގު ބޮޑުވަމުންދާތީ އެވެ. ކޮފީއަކީ އޭގައި އެތައް ވައްތަރެއްގެ ހަމާ ގުޅޭ، ހަމުގައިވާ ކަޅުލައްތަކާއި ކުދި ބިހިތަކާއި މަރުވެފައިވާ ހަންކޮޅުތަކުން ސަލާމަތްކޮށްދީ ރައްކާތެރިކޮށްދޭން އެހީތެރިވެދޭ ބާވަތެކެވެ.
އެއް ސަމުސާ ކޮފ އާއި އެއް ސަމުސާ މާމުއި އެއްކޮށްލުމަށްފަހު، މޫނާއި ކަރުގައި އުނގުޅާށެވެ. ކޮފީ ރަނގަޅަށް ގިރެންދެން މާމުޔާއެކު އެއްކުރަން ސަމާލުވާންޖެހޭނެއެވެ. މިމާސްކުން އަބަދުވެސް ބޭނުންވާ ގޮތަށް އަލި، ތާޒާ، ދިލައާއިމިލައެއް ނެތް ސާފު ހަންގަނޑެއް ލިބިގެންދާނެއެވެ. މި މާސްކް މުޅި ހަށިގަނޑުގައި އުނގުޅައިވެސްލެވިދާނެއެވެ.
އެއް ސައިސަމުސާ ކޮފީއާއި އެއް ސައިސަމުސާ ކާށިތެލާއި ބައި ސައިސަމުސާ ފޮނިތޮށިފުށް އެއްކޮށް އޮމާން ޕޭސްޓަކަށް ވަންދެން އެއްކުރާށެވެ. އަދި އެއްކުރެވުނު ޕޭސްޓް، މޫނާއި ހަންގަނޑުގައި އުނގުޅުމަށްފަހު ގާތްގަނޑަކަށް 15 މިނެޓް ވަންދެން އަރާމުކޮށްލާށެވެ. އެއަށްފަހު ތާފަނާ ފެނުން ނުވަތަ ފިނިފެނުން ދޮވެލާށެވެ.
ބައި ތަށި ކޮފީއަށް ތިން ވަރަކަށް ސަމުސާ ކިރު އެއްކޮށް، ރަނގަޅު ބޯޕޭސްޓަކަށް ވަންދެން އެއްކުރާށެވެ. މި މިކްސްޗަރ ފޭސް ޕެކެއްގެ ގޮތުގައި 10-15 މިނެޓް ވަންދެން ބޭނުންކޮށް ހޫނުފެނުން ދޮވެލާށެވެ. މި ފޭސް މާސްކުން ހަމުގެ މަރުވެފައިވާ ސެލްތަކުން ސަލާމަތްވެ، އަލި، ތާޒާ ހަންގަނޑެއް ގެނެސްދޭނެއެވެ.