ސިޔާސީ

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީއަށް ހުށަހަޅަނީ

1

އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް، އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީއަށް ހުށަހެޅުމުގެ މަސައްކަތް ފަށައިފި އެވެ. އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރަކު ވަނީ މިކަން ދާދި ދެންމެއަކު "ވަން" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެއްދުމުގެ މަސައްކަތް ފަށައިފައި މި ވަނީ، ރޭގެ ވަގުތެއްގައި އެމަނިކުފާނު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިސްތަށިފުޅުގައި ބޮޑެތި ތުހުމަތުތަކެއް އަޅުއްވައިފައިވަނިކޮށެވެ. ރައީސް ނަޝީދުގެ މި ތުހުމަތުތައް އައިސްފައި ވަނީ، އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި އެމަނިކުފާނުގެ ކޮއްކޮ، ނާޒިމް އަބްދުއްސައްތާރު ހައްޔަރުކުރުމާއި ގުޅިގެންނެވެ. ނާޒިމް ހައްޔަރުކުރުމުގެ ކުރީ ދުވަހު ރައީސް ނަޝީދު ވަނީ، ނާޒިމް ހައްޔަރުކޮށްފި ނަމަ ސަރުކާރު ވައްޓައިލާން މަސައްކަތް ފަށާނެ ކަމުގެ އިންޒާރު ދެއްވައި ބައެއް ވަޒީރުންނާއި މަޖިލިސް މެންބަރުންނަށް ވެސް މެސެޖު ކުރައްވައިފަ އެވެ.

"ވަން" އަށް މިއަދު މައުލޫމާތުދެއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވިދާޅުވީ، ޕާޓީގެ ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން، ގައުމުގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ އިސްތަށިފުޅުގައި ޒިނޭގެ ތުހުމަތު އެޅުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ރައީސް ނަޝީދު އެކަން ކުރައްވައިފައި ވަނީ އެއްޖިއްސުން ގުޅުން ހިންގުމުގެ ތުހުމަތުގައި އެމަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ހައްޔަރުކުރުމުން އެކަމުގެ ޖަޒުބާތުގައި ޖެހިވަޑައިގެން ބަދަލުހިފުމުގެ ރޫހެއްގައިކަން އެންމެނަށް ވެސް ސާފުކޮށް އެނގޭ ކަމަށެވެ.

"ނާޒިމް ހައްޔަރުކޮށްފި ނަމަ ސަރުކާރު ވައްޓާލާނެ ކަމަށް ބުނެ ރައީސް ނަޝީދު އެބަހުރި މީހުންނަށް މެސެޖު ކޮށްފަ. ޕާޓީގެ ރައީސް ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކު، މަޖިލިސް ރައީސް ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކު ގައުމުގެ ރައީސުލްޖުމްހޫރިއްޔާ ޒިނޭ ކޮށްފިއޭ ބުނީމަ އެއީ ކުޑަކަމެއް ނޫން. މިއީ ކުޅޭ ކުޅިވަރަކަށް ދޫކޮށްލެވޭނެ ކަންކަމެއް ނޫން. ގައުމީ މަޖިލިސް މެންބަރުންނަށް މިހާރު ޕާޓީގެ ރައީސަށް އިތުބާރެއް ނެތް. ނަޝީދުގެ ބަސްމަގު އެހުރި ގޮތުން މުޅި ޕާޓީ ބަދުނާމުވެ އަގު ވެއްޓިއްޖެ." ވަން އާ ވާހަކަދެއްކެވި އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލަ މިއަދު ނޫނީ މާދަމާގެ ވަގުތެއްގައި ވައްދާނެ ކަމަށެވެ. އަދި ގައުމީ މަޖިލިސް ބޭއްވޭނީ މަދުވެގެން 10 މެންބަރުންގެ ސޮޔާ އެކު އެކަމަށް އެދި ހުށަހެޅުމުން ކަމަށްވެސް ވިދާޅުވިއެވެ.

ބަންގަދޭޝަންގެ ރައްޔިތެއް ކަމަށްވާ، އެމްޑީ އަލަމް ގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އިއްޔެ ވަނީ ނާޒިމްގެ ބަންދަށް ހަތް ދުވަސް ޖަހައިފައެވެ.

ފުލުހުން ނާޒިމް ހައްޔަރުކުރީ އއ. އަތޮޅުގައި އޮންނަ މާޔާފުށި ކިޔާ ރިސޯޓަކުންނެވެ. ނާޒިމް ހައްޔަރުކުރުމާއި ގުޅިގެން އެމްޑީޕީގެ ރަސްމީ ވަޓްސްއެޕް ގުރޫޕުތައް ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އެއީ ރައީސް ނަޝީދު، ރައީސް ސޯލިހަށް ޒިނޭގެ ސީރިއަސް ތުހުމަތުތަކެއް ކުރެއްވުމާއި ގުޅިގެންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް ގްރޫޕަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވަނީ، ރައީސް ސޯލިހު ބަދުއަހުލާގީ އަމަލު ހިންގަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ލިބިފައިވާ ކަމަށެވެ. އަދި ރައީސް ސޯލިހު ބަދުއަހުލާގީ އަމަލު ހިންގީ އާއިލީ ގޮތުން ވަރަށް ގާތް ރަހުމަތްތެރިއެއްގެ ކުއްޖަކާއެކީގައި ކަމަށްވެސް ވިދާޅުވެފައިވެއެވެ.

"ރައީސުލްޖުމްހޫރިއްޔާ ބަދުއަހުލާގީ އަމަލު ހިންގާ ފޮޓޯތައް ފުލުހާ ހިއްސާކުރަންވީތޯ.؟ ކޮންމެވެސް މީހެއް އެބަހުރި ރައީސުލްޖުމްހޫރިއްޔާ ބަދުއަހުލާގީ މަންޒަރު ފެންނަށް ހަތަރު ފޮޓޯއެއް އަޅުގަނޑަށް ފޮނުވާފައި." ނަޝީދު ވިދާޅުވިއެވެ.

އެ ތުހުމަތުތަކާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ރޭ "ވަން" އަށް ވިދާޅުވީ، ރައީސް ސޯލިހު އެފަދަ ކަމެއް ކުރައްވާފައި ނުވާނެކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ.

ބަދުއަހުލާގީ ހިންގިކަމަށް ބުނެ ރައީސް ސޯލިހަށް ކުރި ތުހުމަތަކަށް ރައްދު ދެއްވައި އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ، ނާޒިމް ހައްޔަރު ކުރުމުން ޖަޒުބާތުގައި ޖެހިވަޑައިގެން ނަޝީދު އަސާސެއް ނެތް ވާހަކަތަކެއް އެމްޑީޕީގެ ގައުމީ މަޖިލިސް ގްރޫޕްގައި ދައްކައިގެން ނުވާނެ ކަމަށެވެ. ތުހުމަތެއް އޮތްނަމަ ކަމާބެހޭ ފަރާތަށް ހުށަހަޅަން ވެސް ފައްޔާޒު ވަނީ އެދިވަޑައިގެންފައެވެ.