އެ މަނިކުފާނާއި އެ މަނިކުފާނުގެ އާއިލާއަށް ޖެއްސުންކޮށް ފުރައްސާރަކޮށް އަނިޔާވެރިވި ފަރާތްތަކަށް މައާފުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން ވިދާޅުވެއްޖެއެވެ.
ފުރަތަމަ ޑިމޮކްރެޓިކް ރައީސްގެ ގޮތުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު 2008 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި އިރު، އެ މަނިކުފާނުގެ ނައިބު ރައީސްއަކީ ރައީސް ވަހީދެވެ. ނަމަވެސް ފެބްރުއަރީ 2012 ގައި ރައީސް ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމާއެކު ރައީސް ވަހީދު ވެރިކަމާ ހަވާލުވެ ވަޑައިގަތުމުން، ބަޣާވާން ކުރެއްވީ ކަމަށް ބުނެ ރައީސް ވަހީދަށް ރައީސް ނަޝީދާއި އެމްޑީޕީން ގެންދަނީ ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުންނެވެ.
އެކަންކުރި މީހުންނަށް މައާފުކުރައްވާ ކަމަށް ރައީސް ވަހީދު ވިދާޅުވެފައި މިވަނީ، ރައީސް ނަޝީދު ކަހަލަ ކޮންޓްރޯލުން ނެއްޓިފައިވާ ބޭފުޅަކާއެކު ވެރިކަން ކުރެއްވުމަށް ރައީސް ވަހީދަށް އުނދަގޫފުޅުވާނެ މިންވަރު މިއަދު އިހުސާސް ކުރެވޭ ކަމަށް ބުނެ، ރައީސް ވަހީދަށް ބާޣީ އެކޭ ގޮވުމުން ދެރަވެ އެކަމަށް މައާފުކޮށްދިނުމަށް އެދި މީހަކު ކުރި ޓުވީޓަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ވަހީދު ވިދާޅުވީ، ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމަށްފަހު އުފެއްދެވި ދޮގު ނެރޭޓިވް ގަބޫލުކޮށް އެ މަނިކުފާނާއި އާއިލާއަށް އަނިޔާވެރި ބަސްތަކާއި އަމަލުން ރައްދު ދެއްވި ހުރިހާ ފަރާތްތަކަށް މައާފުދެއްވާ ކަމަށެވެ.
"އަޅުގަނޑުގެ ރައީސް ކަމުގައި އެއްވެސް ފަރާތަކަށް ނުހައްގުން އަނިޔާއެއް ލިބުނު ނަމަ މައާފު ކުރެއްވުންވެސް އެދެމެވެ،" ރައީސް ވަހީދުގެ ޖަވާބުގައި އެދިވަޑައިގެންފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު