ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ފޮޓޯތަކެއް ލިބިވަޑައިގެންފައިވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތު ތަހުގީގުކުރުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ގޮވާލައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް ގްރޫޕަށް ރައީސް ނަޝީދު މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ރައީސް ސޯލިހު ބަދުއަހުލާގީ އަމަލު ހިންގާ ފޮޓޯތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެ ފޮޓޯތައް ފުލުހުންނާ ހިއްސާ ކުރަންވީތޯ ވެސް ނަޝީދު އެއްސެވިއެވެ.

"އަދި ރައީސް ސޯލިހްގެ ބަދުއަހްލާގީ އަމަލު ހިންގާ ފޮޓޯތައް ފުލުހުން ފޮރުވީތޯ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ރައީސް ސޯލިހު ބަދުއަހުލާގީ އަމަލު ހިންގާފައިވަނީ އާއިލީ ގޮތުން ވަރަށް ގާތް ރަހުމަތްތެރިއެއްގެ ކުއްޖަކާއެކު ކަމަށެވެ.

އެކަމާ ގުޅިގެން ޕީޕީއެމް/ޕީއެންސީއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ރައީސް ސޯލިހު ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ފޮޓޯތަކެއް ނަޝީދުގެ އަތްފުޅުގައި ހުރިކަމަށް ވިދާޅުވާ ވިދާޅުވުމުގެ ހަގީގަތް ހޯދައި ރައްޔިތުންނަށް ހާމަކުރަން ޖެހޭ ކަމަށެވެ. އަދި އެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ފުލުހުން ކުރިއަށް ގެންދިއުމަށް ވަނީ ގޮވާލައިފައެވެ.

"އެ މައްސަލައިގެ ތަހުގީގަކީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ހިންގާ ތަހުގީގަކަށް ހެދުމަށްޓަކައި، ވަގުތީ ގޮތުން ނަމަވެސް ތަހުގީގު ނިމެންދެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަދި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުވެސް މަގާމުން އެކަހެރިވުމަށް ގޮވާލަން،" އިދިކޮޅު ކޯލިޝަނުން ބުންޏެވެ.

އެކަމާ ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިވަގުތަކީ ގައުމާއި ރައްޔިތުންގެ ހައްގުގައި ރައީސް ސޯލިހު އިސްތިއުފާ ދެއްވަންވީ ވަގުތު ކަމަށެވެ.

"މީ އާދައިގެ ތުހުމަތެއް ނޫން. ތުހުމަތު ކުރައްވަނީ އާދައިގެ ބޭފުޅެއްވެސް ނޫން. މައްސަލައިގެ ހަގީގަތަށް ވާސިލުވުމަށް ތަހުގީގަށް ޖާގަ ދެއްވާފައި ސޯލިހު އިސްތިއުފާ ދެއްވުމަށް ގޮވާލަން،" އަދުރޭ ވިދާޅުވިއެވެ.

ރައީސް ސޯލިހު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ވިދާޅުވެ ނަޝީދު ކުރެއްވި ތުހުމަތުތައް ސަރުކާރުން ވަނީ ދޮގުކޮށްފައެވެ.

ރައީސްގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭ "ވަން" އަށް ވިދާޅުވީ، ރައީސް ސޯލިހު އެފަދަ ކަމެއް ކުރައްވާފައިނުވާނެކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ، ރައީސް ސޯލިހު އެފަދަކަމެއް ކުރާ މަންޒަރު ފެންނަ ފޮޓޯއެއް ވެސް ނުހުންނާނެ ކަމަށެވެ.