ކުޅިވަރު

ވޯލްޑްކަޕްގެ އެއްމަސްކުރިން އަނެއްކާވެސް ނޭމާރގެ އައު ސަރިޔަތެއް ފަށަނީ!

އިމާދު ލަތީފު

ބްރެޒިލްގެ ފުޓްބޯޅަ ސުޕަރސްޓަރ ނޭމާރ އެގައުމުގެ ސަންތޯޝްގައި ހުރެފައި ސްޕޭނުގެ ބާސެލޯނާއަށް ބަދަލުވިތާ ނުވަ އަހަރު ވެއްޖެއެވެ. އެއީ އެދުވަސްވަރުގެ އެންމެ މަޝްހޫރު ޓްރާންސްފަރއެވެ. މި ޓްރާންސްފަރގައި ވަރަށް ގިނަ އޮޅުވާލުންތަކާއި މަކަރާއި ހީލަތުގެ ކަންކަން ހިމެނޭކަމަށް ވަނީ ޝައްކު ކުރެވިފައެވެ. ނަތީޖާއެއްގެ ގޮތުން އެކި މައްސަލަތައް އެކި ކޯޓުތަކަށް ހުށައެޅި އެކިދުވަސްވަރު އެކިއެކި ސަރިޔަތްތައް ވަނީ ހިންގިފައެވެ. އަދިވެސް މިކަން ނިމުމަކަށް ނާދެއެވެ. އަނެއްކާވެސް އައު ސަރިޔަތެެއްގެ ވިލާގަނޑު ވަނީ ދަމާލައިފައެވެ. މިއަހަރުގެ އޮކްޓޫބަރު ސަތާރައިން ފެށިގެން ދެ ހަފުތާގެ މުއްދަތަކަށް ސަރިޔަތުގެ އައުބުރެެއް ވަނީ ތާވަލް ކުރެވިފައެވެ. އޮޅުވާލުމާއި މަކަރުގެ މި މައްސަލައިގައި ނޭމާރގެ މައްޗަށް ދައުވާކުރެވޭއިރު ވޯލްޑްކަޕް ފެށެން އޭރު އޮންނާނީ އެންމެ މަހެކެވެ.

ފްރާންސްގެ ކުލަބެއް ކަމަށްވާ ޕެރިސް ސެންޓް ޖަރމޭން، ޕީއެސްޖީއަށް މިހާރު ކުޅެމުންދާ ނޭމާރގެ އިތުރުން އަދިވެސް ކިތަންމެ ބައެއްގެ މައްޗަށް މި މައްސަލައިގައި ދައުވާކުރެވެއެވެ. އޭގެތެރޭގައި ނޭމާރގެ މައިންބަފައިންވެސް ހިމެނެއެވެ. އަދި ބާސެލޯނާ ފުޓްބޯޅަ ކުލަބުގެ ރައީސްކަން ކުރިން ކޮށްފައިވާ މީހުންގެ ތެރެއިން ސަންޑްރޯ ރޮސެލްއާއި ޖޮސެޕް ބާރޓޮމެއުވެސް ހިމެނެއެވެ. މި ދައުވާއެއް ކުރަނީ ބްރެޒިލްގެ އިންވެސްޓްމަންޓް ފަންޑެއް ކަމަށްވާ ޑިއައިއެސްގެ ފަރާތުންނެވެ. އެމީހުންގެ ދައުވާއަށް ނޭމާރވެސް އަދި ދައުވާކުރެވޭ އެހެން އެންމެންވެސް އިންކާރުކުރެއެވެ. ދޮގުކުރެއެވެ. ޑީއައިއެސްގެ ފަރާތުން ކުރާ ދައުވާއަކީ ބާސެލޯނާއިން ސަންތޯޝްއަށް ދިން ފައިސާގެ އަސްލު އަދަދުގެ ސާޅީސް އިންސައްތަ ހޯދުމަށް ކުރާ ދައުވާއެކެވެ.

ސަންތޯޝްގައި ހުރެފައި ބާސެލޯނާއަށް ނޭމާރ ސޮއިކުރީ 2013 ވަނަ އަހަރުއެވެ. ދެކުލަބުންވެސް ބުނެފައިވަނީ މި ޓްރާންސްފަރގެ ޖުމްލަ އަދަދަކީ 57.1 މިލިޔަން ޔޫރޯކަމުގައެވެ. އޭރު ނޭމާރގެ ކަންކަމާއި ހަވާލުވެގެން އޭނާއަށް ޚަރަދުކުރަމުން އައީ ޑީއައިއެސްއިންނެވެ. އެއްބަސްވެވިފައި އޮތީ މި ޓްރާންސްފަރގެ ތެރެއިން ބާސެލޯނާއިން ސަންތޯޝްއަށްދޭ އަދަދުގެ ސާޅީސް އިންސައްތަ ޑީއައިއެސްއަށް ދިނުމަށެވެ. ޓްރާންސްފަރގެ ޖުމްލަ އަދަދު ބޮޑުވިޔަސް ސަންތޯޝްއަށް އޭގެތެރެއިން ލިބުނީ 17.1 މިލިޔަން ޔޫރޯ ކަމަށް ދެ ކްލަބުންވެސް ބުނެއެވެ. އެގޮތުން މި އަދަދުގެ ސާޅީސް އިންސައްތަ ކަމަށްވާ 6.8 މިލިޔަން ޔޫރޯ ޑީއައިއެސްއަށް ވަނީ ދީފައެވެ. އެކަމަކު ޑީއައިއެސްއިން ބުނަނީ ސަންތޯޝްއަށް ލިބުނު ހަގީގީ އަދަދު އެއަށްވުރެ މާބޮޑުކަމަށާއި މިކަމުގައި ވަރަށް ބޮޑަށް އޮޅުވާލާފައިވާ ކަމަށެވެ.

އުމުރުން މިހާރު ތިރީސް އަހަރުވީ ނޭމާރގެ ކޮންމެ ޓްރާންސްފަރއެއްވެސް ހަމަ މިގޮތަށް ބޮޑު މައްސަލަޔަކަށް ވެފައިވެއެވެ. ގާނޫނީގޮތުން އެތައް އެތައް ދައުވާއަކަށް މަގުފަހިވެގެން ގޮސްފައިވެއެވެ. އެގޮތުން 2017 ވަނަ އަހަރު އޭނާ ބާސެލޯނާއިން ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވި ޓްރާންސްފަރގެ ކަންކަންވެސް ދިޔައީ މިޒާތަށެވެ. ބާސެލޯނާޔާއި ނޭމާރގެ މެދުގައި އެތައް އަހަރަކަށް ގާނޫނީ މައްސަލަތަކެއް ދެމިގެން ދިއުމަށްފަހު ހުސްވި އަހަރުގެ ތެރޭގައި މި މައްސަލަ ކޯޓުން ބޭރުގައި ވަނީ ހައްލުކޮށްފައެވެ. އެއީ ބާސެލޯނާއާއެކު ނޭމާ ހަދާފައިއޮތް ކޮންޓްރެކްޓް 2016 ވަނަ އަހަރު އައުކުރިއިރު ބާސެލޯނާއިން ނޭމާރއަށް އެޑްވާންސްގެ ގޮތުންނާއި އެހެނިހެންގޮތް ގޮތުން ދީފައިވާ އެތަކެއް މިލިޔަން ޔޫރޯ އަލުން ހޯދުމަށް ބާސެލޯނާގެ ފަރާތުން ކުރި ދައުވާއެކެވެ.

ބާސެލޯނާގައި ހުރެފައި ޕީއެސްޖީއަށް ނޭމާރ ބަދަލުވި ޓްރާންސްފަރ އަކީ ދުނިޔޭގެ ފުޓްބޯޅަ ތާރީޚުގައިވެސް މިހާތަނަށް އެންމެ ބޮޑު ޓްރާންސްފަރއެވެ. އޭގެ ޖުމްލަ އަގަކީ 222 މިލިޔަން ޔޫރޯއެވެ. ނޭމާރގެ އަތުން ބާސެލޯނާ އަތުލީ މިޔާ ގުޅުންހުރި ފައިސާއެއް ނޫނެވެ. އެއީ ބާސެލޯނާޔާއެކު ހެދި އެއްބަސްވުމުގެ ދަށުން ވަކިކަންކަމެއް ކުރުމަށް ޝަރުތުކޮށްފައި ފައިސާތަކެއް ދީފައިވާތީ އެ ޝަރުތުތަކާ ނޭމާރ ޚިލާފުވުމުން ބަދަލުގައި ދޭންޖެހުނު ފައިސާއެވެ. އެންމެ ފުރަތަމަ ނޭމާރ އުޅުނީ އެއްވެސް އެއްޗެއް ނުދީ ބޯދަމައިގަތުމަށެވެ. އެކަންވާން ނެތީމާ އެންމެފަހުން ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރީއެވެ. މިކަމުގައިވެސް ނޭމާރގެ މައިންބަފައިންގެ ދައުރެއް އޮތްކަމަށް ބުނެވެއެވެ. ސަންތޯޝްގައި ހުރެފައި ބާސެލޯނާއަށް ބަދަލުވިއިރުވެސް އެމީހުންގެ ބޮޑު ދައުރެއް އޮތްފަދައިންނެވެ.

ޕީއެސްޖީއަށް ބަދަލުވުމަށްފަހު އެ ހިނގި ކަންކަމަށްވުރެ ސަންތޯޝްއިން ބާސެލޯނާއަށް ބަދަލުވިއިރު ހިންގާފައިވާ ކަންކަމުގެ ސީރިއަސްކަން ބޮޑެވެ. ބާސެލޯނާގެ މައްޗަށް އެކަމުގައި ދައުވާކުރީ ޑީއައިއެސްގެ ފަރާތުން އެކަންޏެއް ނޫނެވެ. ސްޕޭނުގެ ކަމާބެހޭ އިދާރާތަކަށްވެސް ބާސެލޯނާއިން އޮޅުވާލާފައިވާތީ 2016 ވަނަ އަހަރު ކޯޓުން ކުރި ހުކުމަކާ ގުޅިގެން ސްޕޭނުގެ ފުޓްބޯޅަ އިދާރާތަކަށް 5.5 މިލިޔަން ޔޫރޯގެ ޖޫރިމަނާއެއް ދައްކަން ބާސެލޯނާއަށް ޖެހުނެވެ. އަދި މި ޓްރާންސްފަރ ހިންގިއިރު ބާސެލޯނާގެ ރައީސްކަމުގައި ހުރި ސަންޑްރޯ ރޮސެލްއަށް މަގާމުން އިސްތިއުފާދޭންވެސް މަޖްބޫރުވިއެވެ. މަނީ ލޯންޑްރިންގެ ސީރިއަސް އެހެން މައްސަލައެއްގައި ތަންކޮޅެއް ފަހުން 20 މަސްދުވަހަށް އޭނާ ޖަލަށްވެސް ލެވުނެވެ.