އިދިކޮޅު މައި ޕާޓީ ޕީޕީއެމް އާއި ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ އިތުރުން ސަލަފް ޖަމިއްޔާއަކީ ސިޔާސީ ޕާޓީތަކެއް ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްްޖެއެވެ.

މިނިސްޓަރު މަހުލޫފު މިހެން ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރަކަށް ހުންނެވި ޑރ. އަހުމަދު ޒިޔާދު ބާގިރު ޔޯގާ ހެދުމާ ގުޅޭ ގޮތުން ވިދާޅުވަމުން ގެންދަވާ ވާހަކައަށް ރައްދުދެއްވައި ކުރެއްވި ޓުވީޓެއްގައެވެ.

ޔޯގާގެ މައްސަލައިގައި ޑރ. ޒިޔާދު ވިދާޅުވީ، އިސްލާމް ދީނުގައި ދެ އިލާހަކަށް އަޅުކަންކުރުމަކީ އޮންނަ ކަމެއް ނޫން ކަމަށެވެ. އަދި ޔޯގާއަކީ ބުދު ދީނުގެ އިލާހަށް އަޅުކަން ކުރުން ކަމުގައި އެ ދީނުގެ ފާދިރީން ބުނާއިރު، އެ މީހުންނަށްވުރެ

ދިވެހިންގެ ތެރޭގައި އުޅޭ ބައެއް މީހުންގެ ހާލަތު ދެރަ ކަމަށެވެ.

އެކަމަށް ރައްދުދެއްވައި މަހުލޫފް ކުރެއްވި ޓުވީޓުގައި ވަނީ، ޔާމީންގެ ސަރުކާރުގައި ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ހަރަކާތުގެ ވީޑިއޯއެއް ހިއްސާކުރައްވައިފައެވެ. އަދި ވިދާޅުވީ، ބުދު ދީނުގެ ފާދިރީންނަށްވުރެ ބައެއް ދިވެހިންގެ ހާލު ދެރަ ކަމަށް ޑރ. ޒިޔާދު ވިދާޅުވާއިރު، އެއީ 2015 އިން 2018 އަށް ސަރުކާރު ބައިވެރިވެގެން ޔޯގާ ދުވަސް ފާހަގަކުރަމުން ދިޔައިރު ހުންނެވި އިސްލާމިކް މިނިސްޓަރުގެ މިއަދުގެ ބަސް ކަމަށެވެ.