އިސްލާމިކް މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ ކޮމިޓީ ހަރަކާތްތެރިކުރުވަން ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެވެ.
އިސްލާމްދީނުގައި ޔޯގާއަށް އޮންނަ ހުކުމާ ގުޅޭގޮތުން އެކިއެކި ފަރާތްތަކުން ތަފާތު ވާހަކަތައް ދައްކަމުންދާ ދަނޑިވަޅެއްގައި ޝަހީމް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދީނީ ގޮތުން ބައިބައިވުމުގެ ފުރުސަތު ނުދެއްވުމަށް އިސްލާމިކް މިނިސްޓްރީއަށް ގޮވާލާ ކަމަށެވެ.
"ރާއްޖޭގެ ފަތުވާ ކައުންސިލް އެކްޓިވް ކުރުމަށް ތަކުރާރުކޮށް ގޮވާލަން. ގައުމު ދީނީ ގޮތުން ބައިބައިވުމަށް ޖާގަ ނުދެއްވާ" ޝަހީމް ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ހަރަކާތެއް ބާއްވަން ޔޫތް މިނިސްޓްރީން ނިންމުމުން އެކަމާ ވަރަށް ގިނަ އިލްމުވެރިން ވަނީ ދެކޮޅު ހަދައިފައެވެ. ނަމަވެސް އެ ހަރަކާތް ކުރިއަށް ގެންދަން ޔޫތް މިނިސްޓްރީން ނިންމިއެވެ.
އެހެންވެ ބަޔަކު ވަނީ ޔޯގާ ހަރަކާތް ބޭއްވި ގަލޮޅު ދަނޑަށްވަދެ ހަމަނުޖެހުން ހިންގައިފައެވެ. އެ ހަމަނުޖެހުމާއެކު ޔޯގާއާ މެދު އިސްލާމީ ޝަރީއާގައި ބަޔާންކުރައްވާފައިވާ ގޮތް އޮޅުންފިލުވަން ވަރަށް ގިނަ ބަޔަކު ވަނީ އެދިފައެވެ. އަދާލަތު ޕާޓީގެ ގިނަ އިލްމުވެރިންނާއި ސަލަފު ޖަމިއްޔާގެ އިލްމުވެރިން ބުނެފައިވަނީ ޔޯގާއަކީ ހަރާމް ކަމެއް ކަމަށެވެ.
ޔޯގާ ހަމަނުޖެހުމާ ގުޅިގެން 21 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ ދޫކޮށްލައިފައެވެ.
ޝަހީމް ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ވެސް ފަތުވާ މަޖިލިސް ޒިންމާ އަދާކުރަމުން ނުގެންދަވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ޝަހީމް ވިދާޅުވެފައިވަނީ، ދީނީ ކަންކަމުގައި ރަސްމީ ފަތުވާދިނުމަށް ގާނޫނަކުން އުފައްދާފައިވާ ފަތުވާއާ ބެހޭ އެންމެ މަތީ މަޖިލިސް ޕްރެލައިޒްކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ. އަދި ދައުލަތުގައި ފަތުވާގެ ރަސްމީ ހަރުދަނާ ނިޒާމެއް ގާއިމް ކުރަން ޖެހޭ ކަމަށެވެ.
ޝަހީމު ވިދާޅުވެފައިވަނީ، ކުރީގެ ސަރުކާރުން ގާނޫނަކުން ފަތުވާ ކައުންސިލް އުފައްދައި މެމްބަރުން އައްޔަންކުރި ކަމަށެވެ. އަދި އެ މެމްބަރުންގެ ދައުރު ހަވަމުވުން އާ މެމްބަރުން އައްޔަންނުކުރާތާ އެތަކެއް އަހަރެއްވެފައިވާ ކަމަށެވެ.