Close
ޚަބަރު

ފަތުވާ މަޖިލިސް ބާރުވެރިކުރުވަން ޖެހޭ: ނާޒިމް

މުހައްމަދު އިޝާން

ސިޔާސީ ޕާޓީތަކުގެ ލީޑަރުން ދީނީ ކަންކަމުގައި ފަތުވާ ނެރެގެންނުވާނެކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސް، ރައްޔިތުން މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ޔޯގާއަކީ ހިންދޫ ދީނުގެ އަޅުކަމެއްކަމެއް ކަމަށާއި މުސްލިމުންނަށް ޔޯގާ ހަރާންވާނެކަމަށް ބުނެ ހޯމަ ދުވަހު އަދާލަތު ޕާޓީގެ އިލްމުވެރިން ވަނީ ފަތުވާއެއް ނެރެފައެވެ. އެ ފަތުވާއާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެފައިވަނީ، ޔޯގާއަކީ ޝިރުކެއް ކަމަށް ދަންނަ ބޭކަލުންގެ އިޖުމާއެއް ނެތް ކަމަށެވެ.

ޔޯގާއަކީ މުސްލިމުންގެ މައްޗަށް ހަރާމް ކަމެއް ކަމަށް ރާއްޖޭގެ 100 އަށްވުރެ ގިނަ ޝެއިހުން ވެގެން ވަނީ މިއަދު ފަތުވާއެއް ވެސް ނެރެފައެވެ.

ސިޔާސީ ލީޑަރުން ޔޯގާއާ ގުޅޭގޮތުން ދީނީ ޝިއާރު ފާޅުކުރަމުންދާތީ މިއަދު ނާޒިމް ކުރެއްވި ޓުވީޓެއްގައި ވަނީ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ބާރު ކަނޑުވާލާފައި އޮތް އޮތުމާމެދު ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.

"ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ބާރު ކަނޑުވާފައި އޮތްއޮތުން ނިމުމަކަށް އަންނަން ޖެހޭ. ސިޔާސީ ލީޑަރުން ދީނީ ފަތުވާ ނެރުމުގެ ބަދަލުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް ބާރުވެރިކޮށް އެތަނުން ރައްޔިތުންނަށް ދީނީ ކަންކަން ސާފުކޮށްދޭން ޖެހޭ." ނާޒިމް ވިދާޅުވިއެވެ.

ފަތުވާ މަޖިލީހުގެ ބާރު ކެނޑިފައިވާ މައްސަލަ ނާޒިމް ފާހަގަކުރެއްވިއިރު. އެ މައްސަލަ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ވެސް ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ. ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން އެ މައްސަލަ ޖޫން މަހުގެ 28 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅުއްވީ، މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި އެ ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އާދަމް ޝަރީފު އުމަރުއެވެ.

އާދަމް ޝަރީފު ހުށަހެޅުއްވި އެ މައްސަލައިގައި ވިދާޅުވެފައިވަނީ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަކީ ރާއްޖޭގައި ދީނީ ގޮތުން ހިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި ސަރުކާރަށާއި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި ފިގުތީ އާ މައްސަލަތަކުގެ ދިރާސާތައްކޮށް އެކަންކަމާ ގުޅޭ ދީނީ ލަފާ ފޯރުކޮށްދިނުމަށްޓަކައި އުފައްދާފައިވާ މަޖިލީހެއް ކަމަށެވެ.

މީގެ އިތުރުން އިސްލާމީ ފަތުވާ ދޭ އެންމެ މަތީ ކޮމިޓީ ހަރަކާތްތެރިކުރުވަން ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ ގޮވާލައްވައިފައެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ހަރަކާތެއް ބާއްވަން ޔޫތް މިނިސްޓްރީން ނިންމުމުން އެކަމާ ވަރަށް ގިނަ އިލްމުވެރިން ވަނީ ދެކޮޅު ހަދައިފައެވެ. ނަމަވެސް އެ ހަރަކާތް ކުރިއަށް ގެންދަން ޔޫތް މިނިސްޓްރީން ނިންމިއެވެ.

އެހެންވެ ބަޔަކު ވަނީ ޔޯގާ ހަރަކާތް ބޭއްވި ގަލޮޅު ދަނޑަށްވަދެ ހަމަނުޖެހުން ހިންގައިފައެވެ. އެ ހަމަނުޖެހުމާއެކު ބައެއް ޔޯގާއާ މެދު އިސްލާމީ ޝަރީއާގައި ބަޔާންކުރައްވާފައިވާ ގޮތް އޮޅުންފިލުވަން ވަރަށް ގިނަ ބަޔަކު ވަނީ އެދިފައެވެ. އަދާލަތު ޕާޓީގެ ގިނަ އިލްމުވެރިންނާއި ސަލަފު ޖަމިއްޔާގެ އިލްމުވެރިން ބުނެފައިވަނީ ޔޯގާއަކީ ހަރާމް ކަމެއް ކަމަށެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން 21 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ ދޫކޮށްލައިފައެވެ.