ޔޯގާއަކީ ހިންދޫ ދީނުގެ އަޅުކަމެއް ކަމަށާއި އެއީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫން ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ބުނުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަމަށް ރައްދު ދެއްވައިފިއެވެ.

އަދާލަތު ޕާޓީން ރޭ އާންމުކުރި "އިސްލާމީ ފިގުހުވެރިންގެ މީޒާނުގައި ޔޯގާ" ކަރުދާސްގައި ބުނީ، ޔޯގާއާ މެދު މައިގަނޑު ތިން ރައުޔެއް އޮންނަ ކަމަށެވެ. އޭގެ ތެރެއިން ދެ ރައުޔުގައި ޔޯގާ ހަރާމް ކަމަށެވެ. އަދި އަނެއް ރައުޔުގައި ވަނީ ޔޯގާ ހުއްދަ ކަމަށެވެ.

ޔޯގާއަކީ ހަރާމްކަމެއް ކަމަށް ޖުމްހޫރީ އިލްމުވެރިން ބަޔާންކުރާ ރައުޔަށް ތާއީދުކޮށް އަދާލަތު ޕާޓީން ބުނީ، ޔޯގާގެ ހަރަކާތްތަކާއި އަމަލުތަކުގެ ތެރޭގައި އިސްލާމީ އަގީދާއާ ފުށުއަރާ ޝިކުރުގެ އަމަލު ހިމެނޭ ކަމަށެވެ. އަދި ހިންދޫ ކަލާނގެއަށް ދެންނެވުމާއި ހިންދޫ ކަލާނގެ މަތިވެރި ކުރުން ވެސް ހިމެނޭ ކަމަށެވެ.

"އެއްވެސް ޝައްކެތްނެތްގޮތުގައި މާތްﷲ އާ އެހެން މަހުލޫގަކާއި ބައިވެރިކުރުން ނުވަތަ އެއްފަދަ ކުރުމަކީ ޝިރުކުގެ އަމަލެކެވެ. އަދި ބާތިލް ކަލާނގެއެއް މަތިވެރި ކުރުމަކީ ޝިރުކުގެ ތެރެއިން ވާކަމެއް. އަދި އިރަށް ބޯލަނބައި މާތްﷲ އަށް ދޭ ގަދަރު ދިނުމަކީވެސް ޝިރުކެއް. މިހުރިހާ ކަމެއް ޔޯގާގެ ތެރޭގައި ހިމެނިގެންވޭ. މާތްﷲ ވަނީ އެއިލާހަށް ޝިރުކު ކުރުން ވަރުގަދައަށް މަނާކުރައްވާ ނަހީކުރައްވާފައި،" އަދާލަތު ޕާޓީން ބުންޏެވެ.

އެކަމަށް ރައްދު ދެއްވައި އެމްޑީޕީގެ ރައީސްކަންވެސް ކުރައްވާ ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޔޯގާއަކީ ޝިރުކެއް ކަމަށް ދަންނަ ބޭކަލުންގެ އިޖުމާއެއް ނެތް ކަމަށެވެ.

"ވަކި ބައެއްގެ ފަލްސަފާއަކީ އިސްލާމްދީނުގެ ހުކުމެއް ކަމަށް ބަލައިގަންނަން ދަތި،" ނަޝީދު ވިދާޅުވިއެވެ.

އަދާލަތުން ބުނި ގޮތުގައި ޖުމްހޫރީ އިލްމުވެރިންގެ ރައުޔަކީ ޔޯގާ ހަރާން ކަމަށެވެ. އަދި އެ ރައުޔައް ފަތުވާދެއްވި ބޭފުޅުންގެ ތެރޭގައި މިސްރުގެ ދާރުލްއިފްތާ އާއި މެލޭޝިޔާގެ ފިގުހުކޮމިޓީ އާއި ފަޟީލަތުއްޝައިހު ޑރ. ޔޫސުފް އަލްގަރްޟާވީ އާއި ފަޟީލަތުއްޝައިހު އުސްތާޒު ޑރ. އަލީ ޖުމްއާ ފަޟީލަތުއްޝައިޚު މުހައްމަދު ސާލިހު އަލްމުނައްޖިދު އަދި ފަޟީލަތުއްޝައިހު ޑރ. އަބްދުﷲ އަލްފަގީހު ފަދަ ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށް އަދާލަތު ޕާޓީން ބުންޏެވެ.

ޔޯގާ ހުއްދަކަމަށް ބުނާ އިލްމުވެރިން އެގޮތަށް ރައުޔު ނެރެފައިވަނީ ޔޯގާއަކީ ކަސްރަތެއް ނުވަތަ ކުޅިވަރެއް ކަމަށާއި ސިއްހީ ގޮތުންނާއި ހަށިގަނޑުގެ ދުޅަހެޔޮކަމުގެ ގޮތުންނާއި ނަފްސަށް ދެވޭ ފަރުވާއެއްގެ ގޮތުން ކުރާ ކަމެއް ކަމަށާއި ދީނަކާ ގުޅުމެއް ނެތިވެސް ކުރެވޭ ކަމެއްގެ ގޮތުގައި ކަމަށް ކުރެވިދާނެތީއެވެ.

ޔޯގާ ހުއްދަކަމަށް ބުނާ ރައުޔުގައި އެކި މުއައްސަސާތަކުން ނެރޭ ފަތުވާތަކާއި ލިޔެވިފައި ދިރާސާތަކާއި އިތުބާރު ހުރި އޮންލައިން ވެބްސައިޓްތަކުގައިވާ ފަތުވާތަކުގައި އެ ރައުޔު ގެނެސްފައި ވީނަމަވެސް އެ ރައުޔު ތައުތީގުކޮށް ބާޔާންކޮށްފައިނުވާ ކަމަށާއި އަދި އެ ރައުޔު ނިސްބަތްވަނީ ކޮން އިލްމްވެރިންނަށް ކަމެއް އެނގެން ނެތް ކަމަށް އަދާލަތު ޕާޓީން ބުންޏެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ހަރަކާތެއް ބާއްވަން ޔޫތް މިނިސްޓްރީން ނިންމުމުން އެކަމާ ވަރަށް ގިނަ އިލްމުވެރިން ވަނީ ދެކޮޅު ހަދައިފައެވެ. ނަމަވެސް އެ ހަރަކާތް ކުރިއަށް ގެންދަން ޔޫތް މިނިސްޓްރީން ނިންމިއެވެ.

އެހެންވެ ބަޔަކު ވަނީ ޔޯގާ ހަރަކާތް ބޭއްވި ގަލޮޅު ދަނޑަށްވަދެ ހަމަނުޖެހުން ހިންގައިފައެވެ. އެ ހަމަނުޖެހުމާއެކު ބައެއް ޔޯގާއާ މެދު އިސްލާމީ ޝަރީއާގައި ބަޔާންކުރައްވާފައިވާ ގޮތް އޮޅުންފިލުވަން ވަރަށް ގިނަ ބަޔަކު ވަނީ އެދިފައެވެ. އަދާލަތު ޕާޓީގެ ގިނަ އިލްމުވެރިންނާއި ސަލަފު ޖަމިއްޔާގެ އިލްމުވެރިން ބުނެފައިވަނީ ޔޯގާއަކީ ހަރާމް ކަމެއް ކަމަށެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން 21 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ ދޫކޮށްލައިފައެވެ.