ޚަބަރު

ގްރީން ޓެކްސްއިން ލިބުނު އާމްދަނީ 611 މިލިއަން ރުފިޔާއަށް

މުހައްމަދު ޖަމްޝަތް ވަހީދު

މިއަހަރުގެ މިހާތަނަށް ގްރީން ޓެކްސްގެ ގޮތުގައި ދަައުލަތަށް 611 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ(މީރާ) އިން ހާމަކޮށްފިއެވެ.

މިއަހަރަށް ލަފާކުރި ބަޖެޓުގައި ގްރީން ޓެކުހަށް 823.7 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ނަމަވެސް ޓޫރިޒަމާ ބެހޭ ގާނޫނަށް މި ފަހުން ގެނައި އިސްލާހުގައި ނުބައި ތާރީހެއް ޖެހިފައި އޮތުމުން، ޖުލައި މަހުން ފެށިގެން ގްރީން ޓެކްސް ނެގުން ގާނޫނީ ގޮތުން ވަނީ މެދުކެނޑިފައެވެ. މިދިޔަ ޖޫން މަހުގެ 30 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، މިދިޔަ މަހުގެ ތިންވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވި، ޓޫރިޒަމާބެހޭ ގާނޫނަށް ގެނައި 11 ވަނަ އިސްލާހުގައި ބުނެފައިވަނީ ގްރީން ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ.

އެ އިސްލާހާ ގުޅިގެން ގްރީން ޓެކްސް ނެގުން މެދުކެނޑިފައިވާތީ އެ މައްސަލަ ހައްލުކުރަން ގާނޫނު އިސްލާހު ކުރާ ބިލުގެ މަސައްކަތް ނިންމުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން ސަރުކާރުން ވަނީ ތައްޔާރުވެފައެވެ.

ސަރުކާރުގެ އޮފިސަރަކު "ވަން" އަށް އިއްޔެ ބުނީ، މަޖިލީހުގެ ޖަލްސާތައް ފެށުމާއެކު އެ ބިލު މަޖިލީހުގެ ތަޅުމުގައި އޮންނާނެ ކަމަށެވެ. އަދި އެކަމުގެ ތައްޔާރީތައް ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.

މިހާރު އެ ގާނޫނުގައި އޮތް ގޮތުން މިދިޔަ ޖުލައި މަހުން ފެށިގެން މިއަހަރުގެ ބާކީ އޮތް މުއްދަތުގައި ގްރީން ޓެކުހެއް ނުނެގޭނެއެވެ. ޖޫން މަހުގެ ގްރީން ޓެކްސް ދެއްކުމުގެ ސުންގަޑި ހަމަވީ ޖުލައި 28 ގައެވެ. ނަމަވެސް މީރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ ފުރަތަމަ ހަފުތާގައިވެސް ގްރީން ޓެކްސް ވަނީ ބަލައިގެންފައެވެ. މީރާއިން ބުނީ އެ މުއްދަތުގައި ބަލައިގެންފައިވަނީ މިއަހަރުގެ ޖޫން މަހަށް ދައްކަންޖެހޭ ގްރީން ޓެކްސް ކަމަށެވެ.

އެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް ގްރީން ޓެކުހަށް 611 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ގްރީން ޓެކުހުން ލިބުނު އާމްދަނީއަށްވުރެ 184 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ގްރީން ފަންޑަށް ލިބުނީ 427 މިލިއަން ރުފިޔާއެވެ.

މީރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ޖުލައި މަހު ގްރީން ޓެކުހުގެ ގޮތުގައި ލިބުނީ 86 މިލިއަން ރުފިޔާއެވެ. އަދި ޖޫން މަހު ލިބުނީ 70.8 މިިލިއަން ރުފިޔާއެވެ. މިއީ މިއަހަރު ގްރީން ޓެކުހުގެ އާމްދަނީ އެންމެ މަދުވި ދެ މަހެވެ.

މި އަހަރުގެ ފާއިތުވި މަސްތަކުގެ ގްރީން ފަންޑް ރިޕޯޓުތަކަށް ބަލާއިރު ފާއިތުވި ދެމަސް ފިޔަވައި ދެން އެންމެ މަދުން ގްރީން ޓެކްސް ލިބުނު އޭޕްރީލް މަހުވެސް 87 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބުނެވެ. މިއަހަރު އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވަނީ މާޗު މަހުއެވެ. އެއީ 106 މިލިއަން ރުފިޔާއެވެ. މެއި މަހު ގްރީން ޓެކްސްގެ ގޮތުގައި 97 މިލިއަން ރުފިޔާ ލިބުނު އިރު ފެބްރުއަރީ މަހު 91 މިލިއަން ރުފިޔާ އަދި ޖެނުއަރީ މަހު 95 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި ޖޫން މަހުގެ ގްރީން ފަންޑު ރިޕޯޓު ދައްކާގޮތުން ހދ އަތޮޅު ފިޔަވައި އެވްރެޖުކޮށް ހުރިހާ އަތޮޅަކުންވެސް ޖޫން މަހު ގްރީން ފަންޑަށް ލިބުނު އާމްދަނީ މަދެވެ. އެގޮތުން ހއ އަތޮޅުން މެއި މަހު ގްރީން ފަންޑަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ލިބުނު އިރު، ޖޫން މަހު ލިބުނީ ފަސް ލައްކަ ރުފިޔާއެވެ. އަދި މެއި މަހާ އަޅައި ބަލާއިރު ކ. އަތޮޅުންވެސް ޖޫން މަހު ލިބުނު އަދަދު 5.8 މިލިއަން ރުފިޔާ މަދެވެ.

މިނިސްޓްރީން ބުނީ ސަރުކާރުން ފަށާފައިވާ 38 ޕްރޮޖެކްޓަކަށް ޖޫން މަހުގެ ނިޔަލަށް ގްރީން ފަންޑުން 409 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. ގްރީން ޓެކުހުގެ އާމްދަނީން މިވަގުތު އެންމެ ބޮޑު ޕްރޮޖެކްޓެއް ހިންގަނީ ހއ. ހަންޏާމީދޫގައެވެ. އެރަށުގެ ފެނުގެ ނިޒާމު ގާއިމުކުރަން ހަތް މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ފިނޭންސުން ވަނީ ބުނެފައެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ޖޫން މަހުގެ ނިޔަލަށް ގްރީން ފަންޑުގައި ބާކީ ހުރީ 847 މިލިއަން ރުފިޔާއެެވެ. ޖުލައި މަހު ލިބުނު އާމްދަނީއާއެކު އެ އަދަދު 903 މިލިއަނަށް އަރާނެއެވެ. ނަމަވެސް ޖުލައި މަހުގެ ގްރީން ފަންޑު ރިޕޯޓު އަދި އާއްމު ނުކުރާތީ އެ މުއްދަތުގައި ގްރީން ފަންޑުން ހަރަދު ކުރި އަދަދެއް ނޭނގެއެވެ.

ގްރީން ޓެކްސް ނަގަން އެންމެ ފުރަތަމަ ފެށީ 2015 ވަނަ އަހަރު ރިސޯޓުތަކާއި ހޮޓާތަކުގެ އިތުރުން ސަފާރީތަކުގައި ތިބޭ ބޭރުގެ ޓޫރިސްޓުންގެ އަތުންނެވެ. 2016 ވަނަ އަހަރު ގްރީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނެސް ވަނީ، ދިވެހިންނާއި ރެސިޑެންޓް ވިސާގައި ރާއްޖޭގައި ތިބޭ ބޭރު މީހުން ފިޔަވައި އެހެން ބިދޭސީންގެ އަތުން ދުވާލަކަށް ހަ ޑޮލަރުގެ މަގުން ގެސްޓު ހައުސްތަކުންވެސް ގްރީން ޓެކްސް ނަގަން ފަށައިފައެވެ.