ދުނިޔެ

ޕޯސްޓް އޮފީހުގެ މައްޗަށް ޓްރައިބިއުނަލްގައި ޕޯސްޓްމަނަކު ކުރިހޯދައިފި

އިނގިރޭސިވިލާތުގެ ޕޯސްޓް އޮފީހާ ދެކޮޅަށް އެތާގެ ކުރީގެ މުވައްޒަފަކު ކުރި ދައުވާ ވަޒީފާޔާ ބެހޭ ޓްރައިބިއުނަލުގައި އޭނާ ކާމިޔާބުކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ވެލަސީ ރާމޯސް ނަމަކަށް ކިޔުނު ޕޯސްޓްމަނަކު ވަޒީފާއިން ވަކިކުރީ ބަހަންޖެހޭ 130 ޕާރުސަލް ނުބަހައި ގެޔަށް ގެންގޮސް ބެހެއްޓުމާއި އޭނާގެ އޮފްދުވަހު އޭނާއަށް ފަސޭހަ ވަގުތެއްގައި އެ ޕާރުސަލްތައް ބެހިކަން ފަޅާއެރުމުންނެވެ. އެކަން ފަޅާއެރީ ޕޯސްޓް އޮފީހުގައި މަސައްކަތްކުރާ އެހެން ބަޔަކަށް ރާމޯސްގެ އޮފްދުވަހު އޭނާ ޕޯސްޓް ބަހަން އުޅެނިކޮށް ފެނިގެންނެވެ.

މި މައްސަލައިގައި ރާމޯސް ވަޒީފާއިން ވަކިކުރުމާ ގުޅިގެން އޭނާ ވަނީ މިއީ ބޭއިންސާފުން ވަކިކުރި ކުރުމެއް ކަމަށް ބުނެ ޓްރައިބިއުނަލަށް މައްސަލަ ވައްދައިފައެވެ. މިކަން ތަހުގީގުކޮށް ބަލައިފައި ޓްރައިބިއުނަލުން ބުނެފައިވަނީ ވަޒީފާއިން ރާމޯސް ވަކިކޮށްފައިވަނީ އޭނާގެ ސިއްހަތަށް ރިއާޔަތް ކުރުމެއްނެތި ކަމަށާއި ޕޯސްޓް އޮފީހަށް ރާމޯސްގެ ސިއްހީ މައްސަލަތަކުގެ މައުލޫމާތު ވަރަށް ރަނގަޅަށް އެނގޭނޭ ކަމުގައެވެ.

ޕާރުސަލްތައް ގެޔަށް ގެންދިޔައީ އެދުވަހު ބަލިވެގެން މަސައްކަތުގައި އުޅެވެން ނެތިގެންކަން ސާފުވާ ކަމަށާއި އޭނާއާ ދޭތެރޭ ޕޯސްޓް އޮފީހުން އަމަލުކޮށްފައިވަނީ އިޖުރާއަތްތައް ފުރިހަމަނުކޮށްކަންވެސް ފާހަގަކޮށްފައިވެއެވެ. އޭގެތެރޭގައި ނޯޓިސް ދިނުމަކާ ނުލައި ކަނޑާލުންވެސް ހިމެނެއެވެ. އެހެންވީމާ ޕޯސްޓް އޮފީހުގެ ފަރާތުން އެކަށީގެންވާ ބަދަލެއް ރާމޯސްއަށް ދިނުމާއެކު ވަޒީފާވެސް އަނބުރާ ރުޖޫއަކޮށް އޭނާއާ ދޭތެރޭ ފިޔަވަޅެއް އަޅަންޖެހޭނަމަ އިޖުރާއަތްތަކާ އެއްގޮތަށް އެކަންކުރުމަށް އަންގާ ކަމަށްވެސް ބުނެފައިވެއެވެ.