މިނިވަން ދުވަސް

ދިވެހިރާއްޖޭގެ މިނިވަންދުވަސް: ދެ އަހަރެއްގެ މާޗް ނަވާވީހުގައިވެސް މިނިވަންދުވަސް ފާހަގަކުރިއެވެ.

އިމާދު ލަތީފު

މިއަދަކީ ޖުލައި ސައްބީހެވެ. ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަންދުވަހެވެ. މިނިވަންދުވަހޭ މިކިޔަނީ އިނގިރޭސިންގެ ހިމާޔަތުގެ ކަސްތޮޅުން ނެއްޓި ފުރިހަމަ ސިޔާސީ އަދި ޚާރިޖީ މިނިވަންކަމެއް ދިނުމުގެ އެގްރިމަންޓުގައި އިނގިރޭސީންނާއެކު ސޮއިކުރި ދުވަހަށެވެ. އެދުވަހަކީ 26 ޖުލައި 1965 އެވެ. ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި އެދުވަހު މި އެގްރިމަންޓުގައި ސޮއިކުރުމުން ދުނިޔޭގެ މިނިވަން ގައުމުތަކުގެ ސަފުގައި ދިވެހިރާއްޖެ އޮތީ ހިމެނިފައެވެ. ބޭނުން ގައުމަކާއެކު ބޭނުން ވައްތަރެއްގެ ގުޅުން ގާއިމުކޮށް ބޭނުންހާ ކަމެއް ކުރުމުގެ ހައްގާއި މިނިވަންކަން އޮތީ ލިބިފައެވެ. މި އެގްރިމަންޓުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ ބޮޑުވަޒީރު ވެލާނާގޭ އިބްރާހިމް ނާސިރެވެ. އެހެންވީމާ މިނިވަންކަމުގެ ބަތޮލެއްގެ ދަރަޖަ ދެވިފައިވާ ބޭފުޅަކީ ނާސިރެވެ.

ކުރިން މިދެންނެވި ތާރީޚުން ފެށިގެން 1976 ވަނަ އަހަރުގެ ޖުލައި ސައްބީސްވަނަ ދުވަހާ ހަމަޔަށް މެދުނުކެނޑި މިނިވަންދުވަސް ފާހަގަކުރަމުން އައީ ޖުލައި ސައްބީހުގައެވެ. އެހެންނަމަވެސް ދެ އަހަރެއްގައި އެހެން ދުވަހެއް މިނިވަންދުވަހުގެ ގޮތުގައި ވަނީ ފާހަގަ ކޮށްފައެވެ. އެ ދެއަހަރަކީ އިބްރާހިމް ނާސިރުގެ ވެރިކަމުގެ އެންމެފަހު ދެއަހަރެވެ. މިނިވަން ދުވަސް 1977 އަދި 1978 ގައި ފާހަގަކުރީ މާޗް ނަވާވީހުގައެވެ. ކުއްލިއަކަށް މިނިވަންދުވަސް ބަދަލުވީ ކީއްވެގެން ބާވައެވެ. އެއީ ކޮންކަމެއް ކުރެވުނު ދުވަހެއް ބާވައެވެ. އެދުވަހަކީ އައްޑުއަތޮޅު ގަމުން އިނގިރޭސި ސިފައިން ފައިބައި ދިވެހި ދައުލަތާއި އަލުން ހަވާލުކުރި ދުވަހެވެ. މިކަމަކީ މިހާރުގެ ޒުވާން ކުދީންނަށް އެނގިފައި ނެތުން އެކަށީގެންވާ ކަމެކެވެ.

ގަމުން އިނގިރޭސިން ފޭބުން އެހާ މުހިންމުވީ ކީއްވެގެންބާވައެވެ. އިނގިރޭސި އެތިބި ތިބުމެއްގެ ސަބަބުން ދިވެހިރާއްޖޭގެ ކަނޑާއި ފަޅާއި ހިކިފަސްތަނުގެ ތެރޭން ހުރިހާ ތަނަކަށް ދިވެހި ދައުލަތުގެ ސިޔާދަތު ފެތުރިފައެއް ނެތެވެ. އައްޑޫ ގަމުގައި އިނގިރޭސިން ތިބީ 1960 ވަނަ އަހަރުގެ ފެބްރުއަރީ ސާދައިގައި ކުރެވުނު އެގްރިމަންޓަކަށް ފަހު އެރަށް ކުއްޔަށް ހިފައިގެންނެވެ. އޯލްޕޯޓް އެގްރިމަންޓުގެ ނަމުން މަޝްހޫރުވެފައިވާ މި އެގްރިމަންޓެއް ކުރެވުނީ ދިވެހިރާއްޖެ މިނިވަންވުމުގެ ހައަހަރު ކުރިންނެވެ. އިނގިރޭސިން އައްޑޫގައި ދެމިތިބިއިރު ދިވެހި ދައުލަތުގެ މުސްތަގިއްލުކަން ގެއްލިގެންދާ ކިތަންމެ ކަމެއް ކުރިއެވެ. އެމީހުން ތިބީ ހަމައެކަނި ގަމުގައެއް ނޫނެވެ. ހިތަދޫގެ ދެކުނުން މާމެންދޫއޭ ކިޔުނު ސަރަހައްދުވެސް އޮތީ އިނގިރޭސިންނަށެވެ.

އަތޮޅުގެ އެތެރެވަރީގެ މައްޗަށާއި ވައިގެ ސަރަހައްދަށްވެސް އޮތީ އިނގިރޭސިންގެ ބާރެވެ. އޯލްޕޯޓު އެގްރިމަންޓުގައި އޮތީ އެހެންނެވެ. ގަމާއި މާމެންދޫ އަދި އައްޑޫ އެތެރެވަރީގައި އިނގިރޭސިން ކޮށްފައި ނުކުރާކަމެއް ދިވެހި ސަރުކާރަށް އެންގުމެއްވެސް ނޯވެއެވެ. އެކަން ނިމި ދިވެހި ދައުލަތުގެ ބާރު އެތަންތަނުގެ މައްޗަށް އަލުން ހިނގާން ފެށީމާ ދިވެހިރާއްޖޭގެ ފުރިހަމަ މިނިވަން ދުވަހަކީ މާޗް ނަވާވީސްކަމުގައި ނާސިރު ހެއްދެވީއެވެ. މިގޮތުން ފާހަގަ ކުރި ފުރަތަމަ މިނިވަން ދުވަހު މައުމޫން އަބްދުލަގައްޔޫމޭ ކިޔުނު ބޭފުޅަކު ޓްރާންސްޕޯޓް މިނިސްޓަރުކަމަށް އައްޔަން ކުރެވި ވަޒީރުކަމުގެ ހުވައި ކުރެއްވިއެވެ. އަދި ދެވަނަ މިނިވަން ދުވަހު މުޅި ސަރަހައްދުގައި ވެސް ނެތްކަހަލަ ތަރައްގީގެ މަޝްރޫއެއް ހުޅުވުނެވެ.

ކުރިން މިދެންނެވި ޒަމާނީ ބޮޑު މަޝްރޫއަކީ ނަވާވީސް މާޗް 1978 ގައި ހުޅުވުނު ޓީވީ މޯލްޑިވްސްއެވެ. އޭރު މިސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ސްރީލަންކާ، ނޭޕާލް އަދި ބޫޓާނުގައި ވެސް ޓީވީ ސްޓޭޝަނެއް ނެތެވެ. ބަންގްލަދޭޝްގައި ޓީވީ ހުއްޓެއްކަމަކު ކުލަކޮށް ދައްކާ ސްޓޭޝަނެއް ނެތެވެ. މިޒާތުގެ ކަންކަމުން ކިތަންމެ ކުލަގަދަކޮށް ކިތަންމެ ފުރިހަމަޔަށް ނާސިރު އެދުވަސް ފާހަގަ ކުރެއްވިއަސް ނާސިރުގެ ވެރިކަން ހަމަނިމުމާއެކު އެކަމަށް ފާޑުކިޔައި ނާސިރުގެ ހުއްޖަތު ބާތިލްކުރުމުގެ އޮއިވަރެއް ފެށިއްޖެއެވެ. ބައެއް މީހުން ބުންޏެވެ. ޖޫންޖުލައި އަކީ އާއްމުގޮތެއްގައި ވިއްސާރަ ދުވަސްވަރަކަށްވާތީ ސިފައިންގެ ރޫޓު މާޗުތަކާއި ޕެރޭޑު ބާއްވަން އުނދަގޫވާތީ މޫސުން ރީތި ދުވަސްވަރެއްގައި އެކަން ކުރަންވެގެން މިނިވަން ދުވަސް މާޗް ނަވާވީހަށް ބަދަލު ކުރީއެވެ.

ކުރީއްސުރެވެސް ރާއްޖޭގައި ގައުމީ ދުވަހަކާއި މިނިވަން ދުވަހެއް އައީ ފާހަގަ ކުރަމުންނެވެ. ގައުމީ ދުވަހަކީ ރަބީއުލްއައްވަލު މަހުގެ އެއްވަނަ ދުވަހެވެ. އެއީ ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ދަށުން އުތީމު މުހައްމަދު ތަކުރުފާނު ދިވެހިރާއްޖެ ސަލާމަތް ކުރެއްވި ދުވަހެވެ. ވަކި ހިސާބަކުން ނާސިރު ހެއްދެވި ގޮތަކީ މިނިވަން ދުވަހާއި ގައުމީ ދުވަސް އެއްދުވަހަކަށް ހެއްދެވީއެވެ. ނާސިރުގެ ވެރިކަން ނިމި މައުމޫނުގެ ވެރިކަން ފެށުމާއެކު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ފުރަތަމަ ބިލަކީ މިނިވަން ދުވަހާއި ގައުމީ ދުވަސް ވަކިކޮށް ގައުމީ ދުވަހަކީ ރަބީއުލްއައްވަލު މަހުގެ އެއްވަނަ ދުވަސް ކަމަށާއި މިނިވަން ދުވަހަކީ ޖުލައި ސައްބީސްކަމުގައި ހެދުމުގެ ބިލެވެ. މިނިވަން ދުވަސް މާޗް ނަވާވީހުގައި ފާހަގަ ނުކުރަން ނިންމައި ގާނޫނަކުން އެއީ ޖުލައި ސައްބީސް ކަމަށް އެކަށައެޅުމުގެ ބިލެވެ.