ޚަބަރު

"މޯލްޑިވްސް ޕްރޯ" ބޮޑީބޯޑިން ވޯލްޑް ޓުއާގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

މުހައްމަދު ޖަމްޝަތް ވަހީދު

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އާއި އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ގުޅިގެން ބާއްވާ "މޯލްޑިވްސް ޕްރޯ 2022" އައިބީސީ ބޮޑީބޯޑިންގެ ވޯލްޑް ޓުއާގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

އައިބީސީ އާއި އެމްބީބީއޭ ގުޅިގެން ބާއްވާ މި މުބާރާތުގައި މިހާތަނަށް ދުނިޔޭގެ 13 ގައުމެއްގެ އެތުލީޓުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތް ކުރިއަށްދާނީ އަންނަ ހުކުރު ދުވަހުން ފެށިގެން އަންނަ މަހުގެ ހަތްވަނަ ދުވަހާ ހަމައަށް މާލޭގައެވެ. މިއީ ދެކުނު އޭޝިއާ ސަރަހައްދުގައި ބާއްވާ ބައިނަލްއަގުވާމީ މިފަދަ ފުރަތަމަ މުބާރާތެވެ.

ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒު ވިދާޅުވީ މޯލްޑިވްސް ޕްރޯ 2022 އައިބީސީ ވޯލްޑް ޓުއާގެ ޑިޖިޓަލް ޕާޓްނަރަކަށްވެ، މި ތާރީހީ ހަރަކާތަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ބޮޑީބޯޑިން ދަނީ ރާއްޖޭގައި ވަރަށް ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން. މި އިވެންޓް އާންމުންނާ ހަމައަށް ގެނެސްދިނުމުގައި އެމްބީބީއޭ އާއި އައިބީސީ އަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް،" އޭނާ ވިދާޅުވިއެވެ.

އައިބީސީ ވޯލްޑް ޓުއާއަކީ ދުނިޔޭގެ ބޮޑީބޯޑިން ޗެމްޕިއަންކަން ހޯދުމަށް އެ ކުޅިވަރެއްގެ އެންމެ މޮޅެތި އެތުލީޓުންނަށް އެ ގައުމެއްގެ ޑިވިޝަންތަކުގައި ޕޮއިންޓް އެއްކުރެވޭނެ ގޮތަށް އެކި ގައުމުތަކުގައި ބާއްވާ ޓުއާ އިވެންޓެކެވެ. މިއަހަރުގެ އައިބީސީ ވޯލްޑް ޓުއާގައި ހަ ޑިވިޝަނެއްގެ ޗެމްޕިއަނުންނުން ހޮވާނެއެވެ.

މި މުބާރާތް ރާއްޖެ ހިމެނޭގޮތަށް ދުނިޔޭގެ 11 ގައުމެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ޕްރޯ 2022 އަކީ އައިބީސީ ވޯލްޑް ޓުއާއިން އޭޝިއާގައި މިހާތަނަށް ބާއްވާ ފުރަތަމަ އިވެންޓެވެ.

އެމްބީބީއޭގެ ރައީސް އަބްދުالله އަރީފް ވިދާޅުވީ އަދި މި މުބާރާތުގެ ސަބަބުން މި ކުޅިވަރު ރާއްޖޭގައި އިތުރަށް ފުޅާވެ ބޮޑީބޯޑިންގެ އާ މަންޒިލެއްގެ ގޮތުގައި ރާއްޖެ އެނގިގެންދާނެ ކަމަށެވެ.