ރ. އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަށް އެމްޓީސީސީން އަލަށް ގެނައި ކަޓާ ސަކްޝަން ޑްރެޖަރު، ޖައްރާފާ4 އިއްޔެ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ.
އަލިފުށީ އެއާޕޯޓު ތަރައްގީކުރުމާއި ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހުއެވެ. ޖުމުލަ 451.6 މިލިއަން ރުފިޔާއަށް މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 750 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ހަވާލުކުރާ ގޮތަށެވެ.
މި މަޝްރޫއުގެ ދަށުން 1200 މީޓަރުގެ ރަންވޭއެއް ގާއިމުކޮށް، އަލިފުށިން 50.5 ހެކްޓަރުގެ ބިން ހިއްކުމާއި ޓެކްސީވޭ، އޭޕްރަން އަދި ސާވިސް ރޯޑް ހެދުމާއި ޓާމިނަލް ބިލްޑިންއަކާއި ފަޔާ ބިލްޑިންއެއް ހެދުމާއި އަލިފާން ނިއްވާ އިކުއިޕްމަންޓް ބެހެއްޓުމާއި 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
އޭގެ އިތުރަށް ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 2871 މީޓަރު ސަރަހައްދެއްގެ ރިވެޓުމަންޓު ޖެހުމާއި 480 މީޓަރުގެ ގްރޮއިންއެއް ގާއިމުކުރުން ހިމެނެއެވެ.
މި މަޝްރޫއުގެ ދަށުން ހިއްކާ ބިމުގެ، 10 ހެކްޓަރު ރަށުގެ ތަރައްގީ އާއި ގެދޮރުވެރިކަމުގެ ބޭނުމަށް ދޫކުރާނެއެވެ. އަނެއް 40.5 ހެކްޓަރުގެ ބިން ބޭނުންކުރާނީ އެއާޕޯޓު ހެދުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު