ކުނި އުކާލުމުގެ ހިދުމަތަށް ފަސޭހައިން ރަޖިސްޓްރީވެވޭ ގޮތަށް ވެމްކޯއިން "ޑޯ ސްޓެޕް ޕްލަސް" ތައާރަފުކޮށްފިއެވެ.
ވެމްކޯއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެ ކޯޕަރޭޝަނުން ފޯރުކޮށްދެމުން އަންނަ ކުނި އުކާލުމުގެ ހިދުމަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ގޭބިސީތައް ރަޖިސްޓްރީކުރުމުގެ އުސޫލު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ބަދަލުކޮށްފައިވާ ކަމަށެވެ. އެ ބަދަލާއެކު އެހެނިހެން ޔުޓިލިޓީ ހިދުމަތްތަކޭ އެއްގޮތަށް، ކުނި އުކާލުމުގެ ހިދުމަތަކީވެސް އިމާރާތެއްގެ ވެރިފަރާތުގެ ނަމުގައި ރަޖިސްޓްރީކުރެވޭ ހިދުމަތަކަށް ބަދަލުކޮށްފައިވާ ކަމަށް ބުންޏެވެ.
ވެމްކޯއިން ބުނި ގޮތުގައި އެ ބަދަލުގެ ސަބަބުން ހިދުމަތް ރަޖިސްޓްރީކުރަން ބައެއް ކަސްޓަމަރުންނަށް ދަތިތަކެއް ކުރިމަތިވެ ޝަކުވާ ލިބިފައިވާކަމަށެވެ. އެގޮތުން ރަޖިސްޓްރީކުރުމަށް އިމާރާތުގެ ވެރިފަރާތުން އެއްބާރުލުން ނުދިނުމާއި ނުވަތަ އެފަރާތްތަކުން ރަށުން ބޭރުގައި ދިރިއުޅުމުގެ ސަބަބުން ވެމްކޯގައި ރަޖިސްޓްރީ ނުކުރެވި ގިނަ އަދަދެއްގެ ގޭބިސީ އެބަހުރި ކަމަށްވެސް ބުންޏެވެ.
"މިފަދަ ކަސްޓަމަރުން ވެމްކޯގެ ކުނި އުކާލުމުގެ ހިދުމަތަށް ގުޅިވަޑައިގަތުމަށް އިތުރު ލުއިފަސޭހަކުރުމުގެ ގޮތުން "ޑޯ ސްޓެޕް ޕްލަސް"ގެ ނަމުގައި ގޭބިސީތަކަށް ހާއްސަ އާ ހިދުމަތެއް ތައާރަފްކުރަން މިވަނީ ނިންމާފައެވެ." ވެމްކޯގެ ބަޔާނުގައިވެއެވެ.
ވެމްކޯގެ "ޑޯ ސްޓެޕް ޕްލަސް"ގެ ހިދުމަތް ދޭނީ ޑިޕޮސިޓެއް ދެއްކުމަށްފަހު، ކުނި އުކާލުމުގެ ހިދުމަތަށް ރަޖިސްޓްރީ ކުރުމުންނެވެ.
- ރަޖިސްޓްރީކުރަން ބޭނުންވާ މީހާގެ އައިޑީކާޑު/ ޕާސްޕޯޓް
- ރަޖިސްޓްރީކުރަން ތިން މަސް ދުވަހުގެ ކުނި އުކާލުމުގެ ހިދުމަތުގެ ފީ (ނޮން ރިފަންޑަބަލް ފީއެއް)
- 50 ރުފިޔާގެ އިދާރީ ފީއެއް
ވެމްކޯއިން އިތުރަށް ބުނީ ކުރިން އިއުލާނުގައިވާ ގޮތަށް، އިމާރާތުގެ ވެރިފަރާތުން ކުނި އުކާލުމުގެ ހިދުމަތް އަމިއްލަ ނަމަށް ބަދަލުކުރުމަށް އެދިއްޖެ ނަމަ، އެ އިމާރާތުގައި ދިރިއުޅޭ އަމިއްލަ ފަރުދުންގެ އެކައުންޓްތައް ކެންސަލް ކުރެވޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު