އއ. މާޅޮހު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 60 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ މަޝްރޫއު ކުރިއަށްގެންދާ ކުންފުނި، އެމްޓީސީސީން ބުނެފިއެވެ.

މާޅޮސް ބަނދަރު ތަރައްގީކުރުމުގެ މަސައްކަތްތަކާ ގުޅޭ ގޮތުން އެމްޓީސީސީން މިއަދު ބުނީ އެ ރަށު ބަނދަރުގެ ބޭރުތޮށިލުމުގެ މަސައްކަތް ފުރިހަމަކޮށްފައިވާ ކަމަށާއި ގްރޮއިން ޖެހުމުގެ މަސައްކަތް މި ހަފުތާ ތެރޭގައި ފަށާނެ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 24،335 ކިއުބިކް މީޓަރު ކޮނުމާއި 394 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 407 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން ހިމެނެއެވެ.

މީގެ އިތުރުން 56 މީޓަރުގައި ގްރޮއިންސް ޖެހުމާއި 100 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 1970 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ސަރަހައްދުގައި ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

ޖުމުލަ 56.97 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭ މަސައްކަތް ނިންމައި ހަވާލުކުރާ ގޮތަށެވެ.