ލައިފް ސްޓައިލް

އޮފީސް އަހުލާގުން ބޭރުވެ ވަޒީފާގެ އިންޓަވިއުގެ ދައުވަތު ކޮފީ މޭޒުތަކުގައި

މަރިޔަމް ޝަފާ އިބްރާހިމް

1

މިއީ ފަހަކަށް އައިސް ވަޒީފާއެއް ހޯދަން ނުކުމެއްޖެ ނަމަ ވަޒީފާގެ ބާޒާރުން އިވޭ އަޑުތަކާއި ފެންނަ މަންޒަރުތަކުގެ ވާހަކައެވެ. ލިބިފައި އޮންނަ ސެޓްފިކެޓު ނުވަތަ ތައުލީމީ ލިޔުމަށްވުރެ ލައިގެން ހުންނަ ހެދުމާއި އަޅާފައި ހުންނަ ގަހަނާއާއި ކޮށްފައި ހުންނަ މޭކަޕް އަދި މީހާގެ ސްޓައިލު ފަދަ ކަންތައް މާމުހިންމު ވާހަކައެވެ. ރަނގަޅު ވާހަކައެކެވެ. އެކިކަހަލަ ވަޒީފާތަކަށް މުހިންމު ވާނީ އެކިކަހަލަ ކަންތައްތަކެވެ.

ބައެއް ކަހަލަ ވަޒީފާތަކަކީ ގިނަ ވަގުތު އެކި މީހުންނާ ކުރިމަތިލައި ވާހަކަ ދެއްކުން، މުއާމަލާތް ކުރުން ގިނަ ވަޒީފާ ތަކެވެ. އެކިކަހަލަ ވަޒީފާތަކުގެ މަސައްކަތް އޮންނާނީ އެކި ގޮތްގޮތަށް ކަން ޔަގީނެވެ. ބައެއް ކަހަލަ މަސައްކަތްތަކުގެ ގޮތުން ގިނަ ވަގުތު އޮފީހުގެ މޭޒުދޮށުގައި އިނުމުގެ ބަދަލުގައި ތަންތަނަށް ދާން ޖެހެއެވެ. ދަތުރު ކުރަން ޖެހެއެވެ. އެކި ބަސްތަކުން ވާހަކަ ދައްކަން ވެސް ޖެހިދާނެއެވެ. މިފަދަ އެކި ކަންކަން ކޮންމެ ވަޒީފާއެއްގައިވެސް ތަފާތުކޮށް ހުންނާނެއެވެ.

އެހެންނަމަވެސް ކޮންމެ ވަޒީފާއަކަށްވެސް ބޭނުންވާ ޝަރުތުތަކެއް، ނުވަތަ ކަނޑައެޅޭ މިންގަނޑުތަކެއް ހުންނާނެއެވެ. ވަޒީފާ ބޭނުންވެގެން ހުށަހަޅާ މީހާ ލިޔުންތަކާއި ފާސްތައް ހުށަހަޅަނީ މިބުނާ މިންގަނޑުތަކަށް ފައްތާފައެވެ. އެހެންނަމަވެސް ފަހަކަށް އައިސް އެތައް މަސައްކަތަކުން ހަދާފައި ހުށަހަޅާ ސީވީގައި އޮތީ ކޯޗެއްތޯ ބަލައިނުލައި ވަޒީފާ ދޭ ފަރާތްތައްވެސް މަދެއް ނޫނެވެ.

"މިހާރު މިއުޅޭ ވަޒީފާ ލިބުނީ އެތައް ތަނަކަށް ސީވީ ހުށަހަޅައި ފަނަރަ ސޯޅައަށްވުރެ ގިނަ އިންޓަވިއުއަށްވެސް ދިޔަ ފަހުން. ހަމަ އެކައްޗެއް އަޑު އަހަން ޖެހުނީ، އިބާރާތްތައް ތަފާތު ވިޔަސް ދައްކަނީ އެއް ވާހަކައެއް. ފުރަތަމަ ވައިބާއިން ގުޅާލަނީ، ނޫނީ ވަޓްސްއަޕުން ކަހަލަ ތަނަކުން ގުޅާފައި ފޮޓޯއަށް ބުނަނީ. ސީވީގަ ހުރި ފޮޓޯއިން ނޭނގޭތީކަމަށް، މީ އެއްބަޔަކު ކަންތައް ކުރި ގޮތް. އަނެއް މެނޭޖަރަކު ގޮވާލީ ކޮފީއަށް، އަނެއް މީހާ ކެއުމަކަށް، ދެން އިންޓަވިއު ކޮބާހޭ އެހީމަ. ހިތްވަރެއް ހުރިއްޔާ ވަޒީފާ ލިބިފަ ކަމަށް ގަބޫލުކޮށްލާ! މިފަދަ ޖަވާބުވެސް ލިބިފަ އެބަހުރި."

މިއީ މިހާރު ކޮންސްޓްރަކްޝަން ކުންފުންޏެއްގެ އެޗްއާރް ގައި ވަޒީފާ އަދާ ކުރަމުން އަންނަ ޒިންމާދާރު، ޒުވާން އަންހެން މުވައްޒަފަކު އޭނާގެ ތަޖުރިބާ ހިއްސާ ކުރަމުން ދެއްކި ވާހަކައެވެ. އޭނާއާއެކު ދާދިފަހުން ވަޒީފާގެ ބާޒާރަށް ނުކުމެ ކޭޝިއަރެއްގެ ވަޒީފާ އަދާ ކުރަމުން އަންނަ އަންހެންކުއްޖަކުވެސް ހުއްޓެވެ. ކޭޝިއަރުވެސް އޭނާގެ ވަޒީފާ ހޯދުމުގެ ތަޖުރިބާ ހިއްސާކޮށްލިއެވެ.

"އެއީ ދެން މިހާރު އާއްމުކަމެއް. އާ ފެޝަނަކަށްވެސް ވެދާނެ. އެތައް ތަނަކަށް ސީވީ ހުށަހަޅާފަ، ދެން ގުޅާ މެސެޖުކޮށް ވާހަކަ ދައްކަން ފެށުމުން އިންޓަވިއު ކޮބާހޭ މިއަހާލަނީ، އަހާލާއިރަށް، އަނހާ އިންޓަވިއުދޯ؟ ކޮފީއަކަށް ޖައްސާލަންވީނު. ނޫނީ ކެއުމަކަށްވިޔަސް. މިހާލެއްގަ. މަދު ތަންތަނެއް ނޫނޭ، ކުލިނިކަކާއި މިހާރު މިއުޅޭ ފިހާރައާއި އަދިވެސް އެހެން ދެތަނަކުން ނޫނީ ހަމަ އެއްވާހަކަތަކެއް، އެކި އިބާރާތުން."

މަތީ މަގާމުގައި އެހުންނަ ފަރާތަކުން އޭނާގެ ގާތް މީހުންނާއި ދެކެފަރިތަ މީހުންނަށް އިސްކަން ދިނުމާއި އަމިއްލަ ބޭނުންތަކަށް ތިމާ ރުހޭފަދަ މީހުންނަށް ވަޒީފާ ދިނުމަކީ އަބަދުވެސް ވަމުންދާ ކަމެކެވެ. އެހެންނަމަވެސް ފަހަކަށް އައިސް އަޅުގަނޑުމެންގެ މާހައުލުން މިކަންތައް ފެންނަމުން ދަނީ ކަންބޮޑުވާން ޖެހޭ ދަރަޖައަކަށޭ ދެންނެވުމަކީ ގޯހަކަށް ނުވާނެއެވެ. އަދި ރަސްމީ ވާހަކަތަކުން ބޭރުވެ، ޒާތީ ވާހަކައާއި ނުގުޅޭ ވާހަކަތައް ދެއްކުމަކީވެސް އާންމު ކަމަކަށް ވަނީ ވެފައެވެ.

"ހަގީގަތުގައި އެގޮތަށް ކަންތައް ދިމާވަނީ ހަމައެކަނި ވެރިފަރާތުގެ ނާގާބިލުކަމަކުން ވެސް ނޫން. އެފަދައިން ގޮވައިލެވޭ ކަންތައްތަކަށް އިޖާބަވެސް ދެވޭތީ. ގޭގައި އިންނަ އަނބިމީހާއަށް ދަރިން ބެލުމާއި ގެބެލެހެއްޓުމުގެ ވަޒީފާ ދީފައި، ސެކްރެޓަރީއެއްގެ މަގާމުގައި އެހުންނަ ފަރާތަކީ ތިމާގެ އެހެނިހެން ބޭރުތެރޭގެ އަނތްބަކަށް ހަދާ ވެރިން އަބަދުވެސް ފެންނާނެ. އެހެން ވަނީ ސެކްރެޓަރީވެސް އެފުރުސަތު ދޭތީ. މިފަދަ ކަންތައްތައް މަދު ކުރެވޭނީ އަދި ހުއްޓުވޭނީ އެކަންތައްތަކަށް ބާރުދޭ ދިނުންވެސް ހުއްޓާލައިގެން."

މިއީވެސް ޒިންމާދާރު، މުވައްޒަފުންތަކެއް ގޮވައިގެން މަސައްކަތް ކުރާ ސުޕަވައިޒަރެއްގެ ހިޔާލެކެވެ. "އަޅުގަނޑަށް އެބަހުރި ޕާސަނަލީ އަމިއްލައަށް ވަޒީފާ ބޭނުންވެގެން ޒާތްްޒާތުގެ ހުށަހެޅުންތަކާ ކުރިމަތިވެފައި، އެހެންވީމަ ކަމަކީ ދެކޮޅުންވެސް އޮތް ކަމެކޭ ބުނެވޭނީ." މިއީ ވެސް ވަރަށް ބޮޑު ތެދެކެވެ. ވަޒީފާއެއް ބޭނުން ވެގެން ވެރިފަރާތަށް ފާޑުފާޑުގެ ކަންތައްތައް ހުށަހެޅުމަކީވެސް އޮންނަ ކަމެކެވެ.

ކޮންމެޔަކަސް މުޖުތަމައުގެ ކޮންމެ ފަރާތަކުންވެސް، އަމިއްލަ ކަމެއްގެ ގޮތުގައި، ކުރާ ކޮންމެ ކަމެއްގައިވެސް، ފަރުދީ ގޮތުން ތިމާގެ ޒިންމާ އޭގެ އެންމެ ތެދުވެރި، އަމާނާތްތެރި ގޮތުގައި ކުރުމަށްވުރެ ވަކި އިތުރު ހައްލެއް މިފަދަ ކަންތައްތަކުގައި ނޯންނާނެއެވެ. ކޮންމެ ކަމެއްގައިވެސް އެކަމަކަށް ކަނޑައެޅިފައިވާ ހައްދުތަކަކާއި މިންތަކެއް އޮންނާނެއެވެ. އެމިންތަކުގައި ހިފަހައްޓައިގެން އެއިމުގެ ތެރެއިން މަސައްކަތް ކުރާނަމަ އެއްވެސް މައްސަލައެއް ނުޖެހޭނެއެވެ. ވަޒީފާ ދޭ ފަރާތުން ވެސް އަދި ހޯދަން އުޅެ، ލިބިގަންނަ ފަރާތުންވެސް އަދި ހަމައެހެންމެ މަގާމުގެ ގޮތުން ތިމާއަށް އަމުރު ހިންގޭ މުވައްޒަފާއި ތިމާއަށް އަމުރު ކުރާ ވެރިޔާއާއި މިއެންމެންވެސް އެކަކު އަނެކަކަށް ކުރަން ޖެހޭ އިހުތިރާމާއި ގަދަރާއެކު، ވަޒީފާގެ މާހައުލުގައި އަބުރުވެރިކަމާއެކު އުޅޭނަމަ މިފަދަ ކަންތައްތަކަށް ފުރުސަތެއް ނޯންނާނެކަން ޔަގީނެވެ.

ވަޒީފާގެ މާހައުލުގައި ދިމާވާ މިފަދަ މައްސަލަތަކަކީ ހަމައެކަނި ވެރިފަރާތުގެ ޒިންމާތަކަށް ވާ އިހުމާލަކުން ދިމާވާ ކަންތައްތަކެއް ނޫނެވެ. އެކަމަކު މުވައްޒަފުންވެސް ތިމާމެންގެ ޒިންމާއަށް އިހުތިރާމް ކުރުމަކީ އޮންނަން ޖެހޭ ކަމެކެވެ. ސަބަބަކީ މިއީ އެއްފަރާތުގެ މައްސަލައެއް ނޫނެވެ. މިއީ ދެފަރާތުގެވެސް ޒިންމާއެކެވެ.