ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް

ވިކްޓްރީ އާއި ނިއުގެ "ރަސްވާދަ" މިރޭ، ފުޓުބޯޅަ ފޯރީގެ އެނބުރި އައުމެއް!

ދިވެހި ފުޓުބޯޅައިގެ އެންމެ ބޮޑު ވާދަވެރިކަން މިރޭ ގައުމީ ދަނޑުން ފެންނާނެއެވެ. "ރަސްވާދަ" އެވެ. "ރަސްވާދަ" އަކީ ނިއު ރޭޑިއަންޓްއާއި ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ވާދަވެރިކަމަށް ދެވިފައިވާ ހާއްސަ ނަމެކެވެ. ހާއްސަކޮށް ދެ ކްލަބުގެވެސް ފުޓުބޯޅައިގެ ވާދަވެރިކަމަށް "ރަސްވާދަ"އިގެ ނަން ދެވިފައިވެއެވެ. ގަދަ ދެބާރު މިވަގުތު އޮތީ ދެވަނަ ޑިވިޝަނުގައި ނަމަވެސް، މިރޭ ކުޅެވޭނީ ފުޓުބޯޅައިގެ ވާދަވެރި މެޗެކެވެ.

މިއީ 2018 ވަނަ އަހަރު އޮކްޓޫބަރު މަހު 30 ވަަނަ ދުވަހަށްފަހު ނިއުއާއި ވިކްޓަރީ ކުރިމަތިލާ ފުރަތަމަ ފަހަރެވެ. ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު އެ މެޗުގައި، ނިއު ވަނީ މިހާރުގެވެސް ކޯޗު، ސޮބާހް މުހައްމަދު (ސޮބާ)ގެ ކޯޗުކަމުގައި 3-1 އިން ވިކްޓަރީ ބަލިކޮށްފައެވެ. މިހާރު ނިއުއިން ސޮބާއާއެކު ނުކުތް އިރު، ވިކްޓަރީ ނުކުތީ ލަންކާގެ ތަޖުރިބާކާރު ކޯޗު ޕަކީރު އަލީގެ ކޯޗުކަމުގައެވެ.

ދެ ކްލަބުވެސް ސަސްޕެންޝަނުން ސަލާމަތްވެ، އަނެއްކާވެސް މިސްރާބު އުހަށް

އެތަކެއް ކުޅުންތެރިންނެއްގެ ހިތާއި ގުޅިފައިވާ ދެ ކްލަބެއްގެ ވާހަކައެވެ. އެ ގުޅުން ގުޅުނީ ޖޯޝަށް، ކްލަބުގެ ބެޖަށް ކުޅުނު މެޗުތަކުންނެވެ. ސަޕޯޓަރުންނަށްޓަކައި އުފުލައިލަ ދިން ޓްރޮފީތަކުންނެވެ. ތަރީންނާއި، ލެޖެންޑުން ދިވެހި ފުޓުބޯޅައަށް ގެނައި ވިކްޓްރީއާއި ނިއުގެ ކާމިޔާބީތައްވެސް ގިނައެވެ. އުފެއްދި ޖީލުތަކުގެ ރަމްޒަކީ އެ ތަށިތަކެވެ.

ވިކްޓްރީގެ ކާމިޔާބީއަށް ނަޒަރެއް ހިންގައިލަމާ ހިނގާށެވެ. ދިހަ ފަހަރެއްގެ މަތިން އޭޝިއާ ލެވެލްގައިވެސް ރާއްޖެ ތަމްސީލުކޮށްފައިވާ ވިކްޓްރީ ވަނީ ޑޮމެސްޓިކް ޓްރެބަލް ދެ ފަހަރަށް ކާމިޔާބުކޮށްފައެވެ. އެއީ 2000 އަދި 2001 ވަނަ އަހަރުގައެވެ. ވިކްޓަރީ ވަނީ ރާއްޖޭގެ ޑޮމެސްޓިކް 33 ތަށި ހޯދުމުގެ އިތުރުން 1989 ވަނަ އަހަރުގެ ޕޮމިސް ކަޕުވެސް ކާމިޔާބުކޮށްފައެވެ.

ގައުމީ ލީގުވެސް 23 ފަހަރަށް ކާމިޔާބުކުރި ވިކްޓަރީއަށް ފުޓުބޯޅައިގެ ރާސްތާ ބަނަވާން ފެށީ 2013 ވަނަ އަހަރު ކްލަބަށް އައި ކުއްލި ލޮޅުމަކާ އެކުގައެވެ. އެ ސީޒަންގެ ރެލިގޭޝަން ޕްލޭ އޮފްގައި ލީގު ނިންމާލި ވިކްޓަރީ ދެވަނަ ޑިވިޝަނަށް ނުގޮސް ސަލާމަތްވީ ކިރިޔާއެވެ. އޭގެ ފަހުން ކޮންމެ ސީޒަނަކަށްވެސް ވިކްޓަރީ ތައްޔާރުވިތަން ފެނުނީ ދުރު ރާސްތާ ޕްލޭނެއް ނެތިއެވެ.

އޭގެ ފަހުން 2019/2020 ލީގު މެޗުތަކަށްވެސް ވިކްޓްރީއަށް ރަނގަޅަށް ހާޒިރު ވެވިފައެއް ނުވެއެވެ. އޭގެ އިތުރުން ކުޅުންތެރިންނާއި ކޯޗުންނަށް ދޭން ޖެހޭ މުސާރަ ނުލިބިގެން އެ ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަތައްވެސް އޮތެވެ. އެއާއެކު ކްލަބް ލައިސަންސްއާ ގުޅޭ ގޮތުން ހަމަކުރަން ޖެހޭ ލިޔެކިޔުންތައް ހަމަކޮށްފައިނުވާތީއާވެސް އެކު، ސަސްޕެންޑްވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.

ނިއުގެ ކާމިޔާބީތައް އަދި މާ ހިތްގައިމެވެ. އޭއެފްސީ ކަޕްގައި ރާއްޖޭގެ ފަހުރެވެ. ގިނަ ފަހަރެއްގެ މަތިން އެ މުބާރާތުގައި ރާއްޖެ ތަމްސީލުކޮށް އެ ކްލަބުން ވަނީ 2005 ވަނަ އަހަރު މުބާރާތުގެ ސެމީ ފައިނަލާއި ހަމައަށްވެސް ގޮސްފައެވެ. ރާއްޖޭގެ އެންމެ ގިނަ ތަށި ހޯދި ނިއުއަކީ، އެކަން ކުރެވުނު ހަމައެކަނި ދިވެހި ޓީމެވެ. ހަ ފަހަރަށް ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރި ނިއުއިން 2012 ވަނަ އަހަރު ލީގު ނެގީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ. 12 ފަހަރު އެފްއޭ ކަޕް، ތިން ފަހަރު ޕޮމިސް ކަޕް ކާމިޔާބުކުރި ނިއު ވަނީ 12 ފަހަރަށް ޕްރެސިޑެންޓްސް ކަޕްވެސް ނަގައިފައެވެ.

އެތައް ލައްކައެއްގެ ދަރަންޏާއެކު އެ ކްލަބު ސަސްޕެންޑް ކުރީ 2019 ވަނަ އަހަރުއެވެ.

ސަސްޕެންޝަންތަކާއެކު އެ ދެ ކްލަބު ނަން ފުޓުބޯޅައިގެ ތެރެއިން ފުހެވި ދިޔައީ ފުޓުބޯޅައިގެ އެތެރޭ ސިޔާސީ ކަންކަމާ ވިދިގެން ކަމަށް ގިނަ ބަޔަކު ތުހުމަތުތައް ކުރިއެވެ. އެފްއޭއެމްގެ އެކްސްކޯގެ ކަންކަމަށް ނިއުއާއި ވިކްޓްރީ ފާޑު ކިޔާތީ، އެ ދެ ކްލަބަށް އަދަބު ދިން ކަމަށް އެތައް ބަޔަކު އަންނަނީ ބުނަމުންނެވެ. ހާއްސަކޮށް، ދެ ކްލަބުންވެސް އެފްއޭއެމްގެ ވެރިންގެ އިތުބާރު ނެތްކަމުގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަކަށް މަސައްކަތް ކުރިކަން ފެންނަން އެބަ އޮތެވެ. އެ ވާހަކަތައް އޭރު ގަދަ ނަމަވެސް، މިހާރު ދެ ކްލަބުވެސް ތިބީ އެފްއޭއެމްއާއެކުވެސް ކުރިއަށް ދާށެވެ.

ދެވަނަ ޑިވިޝަނުން އުހަށް ގޮސް، ދެ ކްލަބު ބޭނުން ވަނީވެސް ފުރަތަމަ ޑިވިޝަނަށް ކްލަބު ގެންދިޔުމަށެވެ. އެ ދަތުރު އޮތީ ފެށިފައިވެސް މެއެވެ.

މެޗު ހާއްސަ، ވާދަވެރިވާނެ!

ދެވަނަ ޑިވިޝަނުގެ މެޗެއް ނަމަވެސް، މިރޭގެ މެޗު ހާއްސަ އަދި ފޯރި ގަދަވާނެއެވެ. ވާދަވެރިވެސް ވާނެއެވެ. ފުރަތަމަ ޑިވިޝަނަށް ދެ ކްލަބުން ކުރާ ދަތުރަށްވެސް ވާތީއެވެ.

"ކޮންމެ ގޮތެއްވިޔަސް ފޯރިގަދަވާނެ. ނިއުއާއި ވިކްޓަރީގެ ސަޕޯޓަރުން ޔަގީނުންވެސް އެ ދެޓީމު ކުޅޭ ކަމަށްވާނަމަ ވަންނާނެ. އެއީ ސަޕޯޓަރުން އެންމެ ގިނަ ދެޓީމު. މިހާތަނަށް ދެވަނަ ޑިވިޝަނުގައިވެސް އެ ދެޓީމުން ކުޅުނު މެޗުތަކުން އެކަން ސާބިތުވެގެން ހިނގައްޖެ. ނިއުއިން އެންމެފަހުން ކުޅުނު މެޗުގައިވެސް ނިއުގެ ފަޅި އެއްކޮށް އޮތީ ފުރިފަ. އަދި މިރޭ ހަމަ ވިކްޓަރީގެ ސަޕޯޓަރުންވެސް މިރޭގެ މެޗަށް ޔަގީނުންވެސް ވަންނާނެ. މީޑިއާގެ ސަމާލުކަމަށް ބަލާއިރުވެސް މިރޭގެ މެޗަށް ވަރަށް ބޮޑަށް ސަމާލުކަން ދޭނެ. އެހެންވީމަ ހަގީގަތަށް ބުނާ ކަމަށްވާނަމަ، ވިކްޓަރީއާއި ނިއުއަކީވެސް ދިވެހި ފުޓުބޯޅައަށް ބޭނުންވާނެ ދެ ޓީމު. ވިކްޓަރީ ޖާޒީގައިވެސް ނުވަ ސީޒަން ކުޅުނު ސޮބާ "ވަން"އަށް ބުންޏެވެ.

ނިއުގެ ކޯޗުކަމުގައި ސޮބާއަށް މިރޭގެ މެޗު ހާއްސަ ވަނީވެސް ދެ ކްލަބަށްވެސް ކުޅުނު ކުޅުންތެރިއަކަށްވާތީއެވެ. އަދި ދިވެހި ފުޓުބޯޅައިގައިވެސް އޭނާއަކީ މުހިއްމު ކުޅުންތެރިއަކަށްވީ އިރު، ގައުމީ ދަނޑުން ފޯރި ފެނިގެންދާ ކޮންމެ މެޗެއްވެސް ސޮބާއަށް ހާއްސަވެއެވެ.

ނިއު އާއި ވިކްޓަރީގެ މައި ޓާގެޓަކީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވުމެވެ. އަށް ޓީމުގެ މެދުގައި އެ ގްރޫޕްގެ މެޗުތައް ފެށި ނަމަވެސް މިހާރު، އެ ގްރޫޕް ވަނީ ހަތް ޓީމަށް ވެފަ އެވެ. އެއީ ކްލަބް ލައިސަންސިންގެ ކަންކަން ކްލަބް އޯވަންއޯ އިން ފުރިހަމަ ނުކުރާތީ އެ ކްލަބް މުބާރާތުން ވަކިވުމުންނެވެ. އެހެން ކަމުން ކޮންމެ ޓީމަކަށް ގްރޫޕްގައި ކުޅެން ލިބޭނީ ހަ މެޗެވެ.

މިރޭ، ވިކްޓަރީ އާއި ނިއުގެ މެޗަށް ފަހު މިއިން ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ ތިން މެޗެވެ. އެހެންކަމުން، ފަހު މެޗުތަކަށްދާއިރު، ޓީމު ރަނގަޅު ޓްރެކުގައި ބާއްވައި، ސަޕޯޓަރުންގެ ފޯރިގަދަކޮށްލަން މިރޭގެ މެޗު ވިކްޓަރީ އާއި ނިއު އަށް ވެސް މުހިންމުވާނެ އެވެ.

ސޮބާ ބުނީ މިހާރު މުޅި ފޯކަސް ހުރީ މިރޭގެ މެޗުން މޮޅުވެ ކޮލިފިކޭޝަނަށް ފުރުސަތު ފަހި ކުރުން ކަމަށާއި، ޓެކްޓިކަލީ ބުނެވެން އޮތް ވާހަކައަކީ މޮޅުވާން ކުރެވުނު މަސައްކަތް ޓީމުން ފަހު ވަގުތާ ހަމައަށް ކުރާނެ ކަމުގެ ވާހަކަ ކަމަށެވެ.

ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާން ކުރަން ޖެހޭ މަސައްކަތަށް ބަލާއިރު، ވިކްޓަރީ އާއި ނިއު އަށް އޮތް ފުރަތަމަ މަރުހަލާއަކީ ދެ ވަނަ ޑިވިޝަން ފައިނަލަށް ދިއުމެވެ.

އަނެއްކޮޅުން ވިކްޓަރީގެ ކޯޗު ޕަކީރު އަލީގެ އަމާޒަކީ އެ ކްލަބު އޮންނަން ޖެހޭ ހިސާބަށް ގެންދިޔުން ކަމަށް ފުރަތަމަ ދުވަހުން ފެށިގެންވެސް އޭނާ އަންނަނީ ފާހަގަކުރަމުންނެވެ. މިރޭ 9:00 ގައި ގަލޮޅު ދަނޑުން ފަޅުކަން ފިލާނެކަން ޔަގީނެވެ. ނިއުއާއި ވިކްޓަރީގެ ކުރިމަތިލުން ޔަގީނުންވެސް ފޯރިގަދަވާނެއެވެ.