ޚަބަރު

ސްޓެލްކޯއިން ވިލިމާލޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފަށަނީ

ސްޓެލްކޯގެ މުވައްޒަފުންނަށް ވިލިމާލޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ތާޖުއްދީން ސްކޫލު ހޯލުގައި ސްޓެލްކޯގެ މުވައްޒަފުންނަށް ރޭ ބޭއްވި ބައްދަލުވުމުގައި ޝަރީފު ވިދާޅުވީ, އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޯޑުގެ ހުއްދަ ހޯދުމުގެ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"މިފަހަރު ހައުސިން އަޅުގަނޑުމެން އަމާޒުކުރާނީ ވިލިނގިއްޔަށް. ވިލިނގިލީގައި ހައުސިން ޕްރޮޖެކްޓެއް ފެއްޓޭތޯ މަސައްކަތް ކުރަމުން މިދަނީ. ހަމަ އަޅުގަނޑުމެންގެ ސްޓާފުންނަށް," ޝަރީފު ވިދާޅުވިއެވެ.

އެ މަޝްރޫއުގެ އިތުރު ތަފުސީލެއް އޭނާ ނުދެއްވައެވެ. ނަމަވެސް އެ ބައްދަލުވުމުގައި ޝަރީފު ވަނީ, ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސްޓެލްކޯގެ މުވައްޒަފުންނަށް ހެދި ފްލެޓްތަކަށް ވަދެވޭނެ ތާރީހާއި މަހު ކުލީގެ ގޮތުގައި ދައްކަންޖެހޭ އަދަދު އިއުލާންކުރައްވައިފައެވެ.

އެގޮތުން އެ ފްލެޓްތަކުގައި އަންނަ އޮގަސްޓް މަހުގެ ހަވަނަ ދުވަހުން ފެށިގެން ދިރިއުޅެވޭނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

އެއް ކޮޓަރީގެ އެޕާޓްމަންޓަށް މަހަކު 5،622 ރުފިޔާއާއި މެއިންޓަނަންސް ފީ އަށް މަހަކު 1،000 ރުފިޔާ ނެގުމަށް ނިންމާފައިވާ އިރު, ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް މަހަކު 10،652 ރުފިޔާ އާއި މެއިންޓަނަންސް ފީ އަށް 1،300 ރުފިޔާ ނެގުމަށް ވަނީ ނިންމައިފައެވެ. ފްލެޓްތަކަށް ކުލި ނަގަން ފަށާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ފަހުންނެވެ.