ލައިފް ސްޓައިލް

ފޯއްވަޅިއާއިއެކު ފޯއްކިބަ! މާއެނބޫދޫ ކެފޭތަކުން ތަފާތު ސަޅި މަންޒަރެއް!

މިއީ މާލެއިންވެސް އަދި އެހެން ރަށެއްގެ ކެފޭއަކުން ވެސް އަދި ނުފެންނަ މަންޒަރެކެވެ. އެއްބަޔަކު އުޅުނީ ފޯއްވަޅި އަނބުރައިލަން ނޭނގިގެންނެވެ. އަނެއްބަޔަކު ކޮށީމަ ހުންނަނީ ހުންނާނެ ގޮތަކަށެވެ. ފަރިތަކުދީން އެކުއްޖަކު ބޭނުންވާ ސައިޒަކަށް، ބޭނުންވާ ބޯމިނެއްކައި ކޮށައިލައެވެ. ފޯއްވަޅީން ވަގުތުން ފޯއް ކޮށައިލައިގެން ދުފާލުން ގިނަ ބަޔަކަށް ވީ ސަޅި ކަމަކަށެވެ.

ދ. މާއެނބޫދޫ އަކީ މި ފަހަރުގެ އަޟްހާ އީދު އެންމެ ކުލަގަދަކޮށް ފާހަގަކުރި އެއް ރަށެވެ. ސަގާފީ ކުޅިވަރުތަކާއި ޒަމާނީ އެކި ކަހަލަ ކުޅިވަރުތައް އެރަށުގައި އޮތެވެ. މި ފަހަރުގެ އަޟްހާ އީދާ ދިމާކޮށް މާއެނބޫދޫއަށް ވަރަށް ގިނަ އަދަދެއްގެ މީހުންވެސް އެރިއެވެ. އޭގެ ތެރެއިން ކެފޭތަކަށް ދިޔަ ގިނަ ބަޔަކަށް، އަރިމަތީގައި އިހުގެ ފޯއްވަޅިއެއް ބާއްވައިލައިގެން އެ ގެންނަ ދުފުމުގެ އައިޓަމް ކަމުދިޔައެވެ.

"އަސްލު ފޯއްވަޅީން ފޯއް ކޮށާކަށް ކުރީން ނުވެސް އެނގޭ. އަބަދުވެސް މި ފެންނަނީ ކޮށާފަ ހުންނަ ފޯއް. މާލޭގެ ކެފޭތަކުގަ ކޮށަނީ ޒަމާނީ މެޝިންތަކުން. މި ކަހަލަ ދުވަސްވަރެއްގަ މާއެނބޫދޫ ކެފޭތަކުން މި ފެނުނީ ވަރަށް ސަޅި ކަމެއް. އީދު ނިމުނު އިރު މަށަށް ވެސް ފޯއްވަޅީން ފޯއް ކޮށަން ދަސްވެއްޖެ." އީދަށް މާއެނބޫދޫއަށް ގޮސް ހުރި ޒުވާނަކު ބުނެލިއެވެ.

މާއެނބޫދޫ ޖޫގޯ ބޯނާގެ އޯނަރު، މުހައްމަދު އަބްދުލް ގާދިރު (ސަފާރީ) ބުނީ ފޯއްވަޅިޔާ އެކު ފޯއްކިބަ ދިނުމުން އެ ގޮތް ގިނަ ބަޔަކަށް ކަމުދާ ކަމަށާއި މިއީ މިހާރު އެންމެންވެސް އުފަލާއެކު ބަލައިގެންފައިވާ ކަމެއް ކަމަށެވެ. މިހެން ހެދުމުން އިސްރާފުވެސް ކުޑަކުރެވޭ ކަމަށާއި ދިވެހި ވަންތައްކަންވެސް ގެނެވޭ ކަމަށެވެ. ފޯއްވަޅީން ކޮށައިގެން ދުފުމަކީ ދިވެހީން އެންމެ ކުރީއްސުރެވެސް އެކަން ކުރަމުން އައި ގޮތް ކަމަށްވާތީ، އެގޮތް ދެމެހެއްޓުމަކީވެސް މި ގޮތަށް މިކަން ކުރުމުގެ އެއް ސަބަބު ކަމަށް އޭނާ ބުންޏެވެ.

"ފޯއް ކޮށާފަ ބެހެއްޓީމަ އެޔަށް އަތްކޮއްޕައިގެން ފުނޑުކުރާ މީހުންވެސް އެބައުޅޭ. އަދި އެމީހަކު ބޭނުން ނުވިޔަސް އަތްކާތައި ހެދީމަ ދެން އައިސް ދުފާ މީހާއަށް ސިއްހީގޮތުންވެސް ރިސްކު އެބަ އޮވޭ. އަދި އޭގެ ތެރެޔަށް ކުނިބުނި ނޫނީ ޖަރާސީމު ފަދަ އެއްޗެއް އެޅުމުގެ ފުރުސަތުވެސް އެބަ އޮވޭ. މިހާރު މި ދެނީ ފޯއްވަޅިޔާ ފޯއްކިބަޔާ. ވަގުތުން ކޮށާލައިގެން ދުފާލީމަ މާބޮޑަށްވެސް ރަނގަޅު. އަނެއްކާ މިއީ މިކަމުގެ އެންމެ ދިވެހިވަންތަވެސް ގޮތް." ސަފާރީ ބުންޏެވެ.

މާއެނބޫދޫ ކޮންމެ ކެފޭއަކުންވެސް މި މަންޒަރު ފެންނަ އިރު، އެ ރަށަށް އީދުގައި ދަތުރުކުރި ގިނަ ބަޔަކު ފާހަގަކުރީ މިއީ ކެފޭތަކުން ތައާރަފުކުރުން ރަނގަޅު ކަމެއް ކަމަށެވެ. މާކުރީން ކޮށައި އެތައް ބަޔަކު އަތް އުނގުޅާފައި ހުންނަ ކޮށިފޯކަށް ވުރެ މިގޮތް ރަނގަޅު ކަމަށް އެންމެންވެސް ގަބޫލުކުރެއެވެ. މާލޭގައި ވެސް ކެފޭތަކަށް ދިއުމުން ގެންނަ ދުފާތަބަށް ބައެއް ފަހަރު ހުންނަނީ ކުނިތަކެއްހެންނެވެ. ކޮންމެ ފަހަރަކު ދުފައި ނިމުމުން ބާކީ ހުރި ފޯއްތަކާއެކު ގެންގޮސް ލަނީ ކައުންޓަރު މައްޗަށް ނުވަތަ ބަދިގެޔަށެވެ. އެހެން ހުންނަ އިރު އެޔަށް އެކި ކަހަލަ ކުނިބުނި އެޅެއެވެ. އަދި ހަމަ އެހެންމެ ދުފާން އޯޑަރު ކުރުމުން ކައުންޓަރުގައި ހުންނަ ކޮށިފޯއް ކޮތަޅު ނޫނީ ދަޅަށް އަތްކޮއްޕައިލައިފައި މުށެއް ނަގަނީ އެވެ. އެއަތް ކޮއްޕައިލި މީހާ އެންމެ ފަހުން އަތްލީ ކޮން ތަނަކަށް ކަމެއްވެސް ނޭނގެ އެވެ.

އެހެންކަމުން މާއެނބޫދޫ ކެފޭތަކުގެ ފޯއްވަޅި ދުފުމުގެ ސިސްޓަމް މާބޮޑަށްވެސް ތަފާތުވެފައި ސަޅިއެވެ.