ވިލިމާލޭގެ ކޮމިއުނިޓީ ގާޑަން އިން ދޫކޮށްފައިވާ ގޮޅީގެ ކުލި 500 ރުފިޔާއަށް ކުޑަ ކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސިޓީ ކައުންސިލުން އެގޮތަށް ނިންމާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 60 ވަނަ ރަސްމީ ޖަލްސާއިންނެވެ.

އެ ޖަލްސާގައި ގޮޅިތަކުގެ ކުލި 500 ރުފިޔާއަށް ކުޑަކުރަން ހުށަހެޅުއްވީ ހުޅުމާލެ ދާއިރާގެ ކައުންސަލަރު އިބްރާހިމް ޝުޖާއުއެވެ. ޝުޖާއުގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ ކައުންސެލަރު މުހައްމަދު ސައިފް ފާތިހުއެވެ.

އެހުށަހެޅުމާ އެއްގޮތަށް ގޮޅިތަކުގެ ކުލި 500 ރުފިޔާއަށް ކުޑަކުރަން ފާސްކުރީ ބައްދަލުވުުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ އިއްތިފާގުންނެވެ.

އެކި ބާވަތުގެ ތަރުކާރީ އާއި މާމެލާމެލީގެ ގަސް އިންދައިގެން ވިޔަފާރި ކުރެވޭގޮތަށް މާލޭ ސިޓީ ކައުންސިލުން ގާއިމުކުރި ކޮމިއުނިޓީ ގާޑަން އިން ގޮޅި ދޫކޮށްފައި ވަނީ 1000 ރުފިޔާއަށެވެ.

މި އަހަރުގެ މާރިޗްމަހު ހުޅުވި އެ ކޮމިއުނިޓީ ގާޑަން އިން 30 ފަރާތަކަށް ވަނީ ގޮޅި ދޫކޮށްފައެވެ.