ސިޔާސީ ރޭހުގައި ދުރުރާސްތާ ކާމިޔާބީއެއް ހޯދޭނީ ތިމާގެ އަމިއްލަ މަސްލަހަތައްވުރެ ދީނާއި ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރާ މީހަކަށް ނުވަތަ ބަޔަކަށް ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އަމާޒު ކުރައްވައި އިމްރާން އެހެން ވިދާޅުވެފައިވާއިރު، އެ ޓްވީޓަށް ރައްދު ދީ ސަރުކާރާ ދެކޮޅު ފަރާތްތަކުން ވަނީ ފާޑު ކިޔައިފައެވެ.

މި ޖުލައި ފެށުނީއްސުރެ މިނިސްޓަރު ގެންދަވަނީ އެކި މައުލޫތަކަށް ޓްވީޓް ކުރައްވަމުންނެވެ. އެގޮތުން އަދާލަތު ޕާޓީ ދިފާއުކުރައްވައި ޓްވީޓްތައް ކުރައްވާފައިވާއިރު، ނުސީދާގޮތެއްގައި އެއް ޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅިގެންވެސް ވަނީ ޓްވީޓް ކުރައްވައިފައެވެ.

އަދާލަތު ޕާޓީ ދެމި އޮންނާނީ އިސްލާމް ދީނުގެ އުސޫލުތައް ނެގެހެއްޓުމަށް މީގެ ކުރިންވެސް އިމްރާން ވަނީ ވިދާޅުވެފައެވެ. ވިދާޅުވީ, އަދާލަތު ޕާޓީ އުފެއްދީ ދިވެހިރާއްޖޭގައި ފަނޑުވަމުންދިޔަ އިސްލާމް ދީނުގެ މަތިވެރި އުސޫލުތައް ނެގެހެއްޓުމަށް ކަމަށެވެ. އަދި ޕާޓީ ދެމި އޮންނާނީވެސް އެ ޒިންމާ އަދާކުރުމުގައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ހިންގާ ކޯލީޝަނުގައި އަދާލަތު ޕާޓީއަކީ މުހިއްމު ޕާޓީއެކެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވާދަ ކުރެއްވުމަށްޓަކައި، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވާއިރު، ސީދާ އެކަމަށް ނިސްބަތްކޮށް އަދާލަތު ޕާޓީން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.