ގއ. ކޮނޑޭގެ ޖަމިއްޔާއެއް ކަމަށްވާ ކިއްސަރުން އިންތިޒާމުކޮށްގެން އެ ރަށުގެ ޓީމުތަކަށް ބާއްވާ އެންމެ ވަރުގަދަ ފުޓްސަލް މުބާރާތް، ކިއްސަރު ކަޕް 2022 ފައިނަލަށް، ފޭޒާ އެފްސީ އާއި ރޭމްޕޭޖު ދަތުރުކޮށްފިއެވެ.
ހަ ޓީމަކުން މިއަހަރު ބައިވެރިވާ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ކުޅުން ނިމިފައިވަނީ ބުރާސްފަތި ދުވަހުގެ ރެއެވެ. ރޭ ކުޅެފައި ވަނީ މުބާރާތުގެ ސެމީ ފައިނަލް ދެމެޗެވެ.
ސެމީއަށް ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ދިޔައީ ފޭޒާއެވެ. ދެން އެ ގްރޫޕުން ސެމީއަށް ދިޔައީ ސްޕޯޓްސް ކްލަބު ބަފާނާއެވެ. ބަފާނާ ސެމީއަށް ދިޔައީ ހެލަނގެއްޔާ ތާވަލުގައި ހުރިހާ ގޮތަކުން އެއްވަރުވެ، ގުރު ނަގައިގެންނެވެ. ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ރޭމްޕޭޖް ސެމީއަށް ދިޔަ އިރު، އެ ގްރޫޕުގެ ދެވަނައަކީ އައިބީ ސްޓްރީޓްސްއެވެ.
ސެމީގެ ފުރަތަމަ މެޗުގައި ރޭ އައިބީ ސްޓްރީޓްސް އާއި ފޭޒާ ވާދަކުރި އިރު، އެ މެޗު 5-0 އިން ކާމިޔާބުކުރީ ފޭޒާއެވެ. މެޗުގައި ފޭޒާގެ އިބްރާހީމް ހަމްދާން (ހަމްދެ) ވަނީ ހެޓްރިކް ހަދައި މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ. އެޓީމުގެ އަނެއް ދެ ގޯލު ޖެހީ ޖިހާދު ރާމިޒާއި މުހައްމަދު ތޯހިރެވެ.
ރޭގެ ދެވަނަ ސެމީ ފެނުނީ ވަރަށް ވާދަވެރިކޮށެވެ. ތަރިންތަކެއް ފެނިގެން ދިޔަ މެޗުގައި ދެޓީމުގެ ފަރާތުންވެސް ވަރުގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ރޭމްޕޭޖުން ބަފާނާ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ރޭމްޕޭޖުގެ ގޯލުތައް އަލީ ހާފިޒު (ހާއްޕެ) އާއި އަހުމަދު ރީހާން ޖެހި އިރު، ބަފާނާއިން މެޗުގައި ޖެހި ހަމައެކަނި ގޯލު ޖެހީ މުހައްމަދު އައްޒާމެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކީ ރޭމްޕޭޖުގެ އަލީ ހާފިޒެވެ.
ކިއްސަރު ފުޓްސަލް ކަޕުގެ މެއިން ސްޕޮންސަރަކީ ހިޓާޗީ އެސްޓީއޯއެވެ. ކޯ ސްޕޮންސަރުންނަކީ މާކްޓެކް މޯލްޑިވްސް އާއި ވީބީ ބްރަދާސްގެ ކެލޯގްސް އަދި ޕްރިންޖަލްސްއެވެ. އޭގެ އިތުރުން ފެނަކަ، ސިބްކޯގެ އަލް މުދިޝް އަދި މޯލްޑިވިއަން އަކީވެސް މުބާރާތުގެ ކޯ ސްޕޮންސަރުންނެވެ.
މުބާރާތުގެ ޕްރިންޓިން ޕާޓްނަރަކީ ޕްރިންޓް ލައިނެވެ. މުބާރާތުގެ އިންތިޒާމް ޕާޓްނަރަކީ ކޮނޑޭ ކައުންސިލެވެ. ކިޓް ޕާޓްނަރަކީ މަޅި މޯލްޑިވްސްއެވެ. އަދި އެކޮމޮޑޭޝަން ޕާޓްނަރަކީ ސަން ކޮރަލް މޯލްޑިވްސްއެވެ. މުބާރާތުގެ ބެވަރެޖް ޕާޓްނަރަކީ ބާޔޯއެވެ. ކިއްސަރު ފުޓްސަލް ކަޕްގެ ޗެމްޕިއަން ޓީމަށް 35،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، ރަނަރަޕް ޓީމަށް ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައެވެ.
ކިއްސަރު ފުޓްސަލް ކަޕް 2022 ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
ކިއްސަރު ކަޕުގެ ފައިނަލް މެޗް އޮންނާނީ މިރެއެވެ.
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް