މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ އާރުޓީއެލް ހައި ސްޕީޑު ފެރީ، ހދ. މަކުނުދުއަށް ދިއުމުން އެ ރަށުން ފުރިޔަނުދީ މިއަދު ހިފަހައްޓައިފިއެވެ.
އެ ހާދިސާގެ މައުލޫމާތު "ވަން" އަށް ދެއްވަމުން މަކުނުދޫ ކައުންސިލްގެ މެމްބަރު އަބްދުﷲ ޝަރީފު ވިދާޅުވީ، އެ ރަށު މީހުންގެ އެންމެ ކަންބޮޑުވުމަކީ ކޮންމެ ދުވަހަކު ވެސް މަކުނުދޫއިން ފަށާ ފެރީ، ވައިކަރަދޫގައި ބަނދަރު ކޮށްފައި އޮތުމެވެ. އަދި ދަތުރު ނިންމުމަށްފަހު މަކުނުދޫއިން ވައިކަރަދުއަށް އަދި ދަތުރު ފެށުމަށް ވައިކަރަދޫއިން މަކުނުދޫއިން ކުރާ ހުސް ދަތުރުގައި މީހުން ގެންދެވޭނެ އެއްވެސް އިންތިޒާމެއް ހަމަޖައްސާފައި ނެތުމުން ކަމަށެވެ.
"ވައިކަރަދޫއަށް ކޮންމެ ދުވަހަކު މީހުން ހުސްކޮށްފައި ކޮންމެ ދުވަހަކު މި އަންނަނީ މަކުނުދޫއަށް، އަނެއްކާ ހެނދުނު މަކުނުދޫއިން ފުރާއިރު އެއްވެސް ބަޔަކު ނުގެންދާނެ. ފަޅުވެރިން ބުނަނީ ޝެޑިއުލްގައި ނެތީމައި މީހުން ގޮވައިގެން ދަތުރު ނުކުރެވޭނެކަމަށް." އަބްދުﷲ ޝަރީފު ވިދާޅުވިއެވެ.
އަބްދުﷲ ޝަރީފު ވިދާޅުވީ، މަކުނުދޫ ރައްޔިތުން އިހުތިޖާޖުކޮށް ފެރީ ހިފެހެއްޓީ މަކުނުދޫއިން ފުރައިގެން ވައިކަރަދުއަށް ކުރާ ދަތުރު ޝެޑިއުލްގައި ހިމަނައި މީހުން ގޮވައިގެން ދަތުރުކުރުމަށް ގޮވާލައި ކަމަށެވެ.
"މިރަށުގައި އެބައުޅޭ ނޭކުރެންދޫ އާއިލާއެއް ކުޑަކުދިންނާއެކު. އެ މީހުން ފެރީއަށް އަރައި ނުފައިބާ ތިބީ އެންމެ ފުރަތަމަ. ދެން ރަށު މީހުންގެ ކަންބޮޑުވުންވެސް ހުރި މައްސަލައަކަށްވުމުން އެ މީހުން ވެސް އެކަމުގައި ބައިވެރިވީ" އަބްދުﷲ ޝަރީފު ވިދާޅުވިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެމްޓީސީސީއާ ވާހަކަ ދައްކައިގެން ފެރީ ޝެޑިއުލް މައްސަލަ ހައްލުކުރަން ކައުންސިލުން މަސައްކަތް ކުރަމުންދާ ކަމަށް އަބްދުﷲ ޝަރީފު ވިދާޅުވިއެވެ.
މަކުނުދޫއަކީ ހދ. ގައި ވަކިން އޮންނަ ރަށެއްކަމަށްވުމުން ޝެޑިއުލަށް ބަދަލުގެނެސް ފަސޭހަގޮތަކަށް ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު