ދުނިޔެ

އަދުގެ ދުނިޔެ: "އަރަގަލަޔާ" އަށް ނިމުން އަންނާނީ ހަތަރުވަނަ ގޮދާވެސް ހަފޮޅުން އެތެރެކޮށްފައެވެ.

އިމާދު ލަތީފު

އަހަރެންނަކީ ރާޖަޕަކްސާއިންގެ އަޅެއް ނޫނެވެ. އަހަރެންނަކީ ރައްޔިތުންގެ މިތުރެކެވެ. ޚާދިމެކެވެ. މިއީ ސްރީލަންކާގެ ރައީސްކަމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ރަނިލް ވިކްރަމަސިންހާ ބުދަދުވަހު އިންތިޚާބުކުރުމަށްފަހު ބުރާސްފަތިދުވަހު މަގާމުގެ ހުވާކުރައްވައި ރައްޔިތުންނާ މުޚާތަބު ކުރައްވަމުން ދެއްކެވި ވާހަކަފުޅުގެ ޚުލާސާ ތަންކޮޅެކެވެ. ރަނިލް ވިކްރަމަސިންހާއަކީ ސްރީލަންކާގެ ތާރީޚުގައި އެގައުމުގެ 8 ވަނަ ރައީސެވެ. ރައީސްކަމަށް ރަނިލް އައްޔަން ކުރެވިފައިވަނީ ވެރިކަމުން އިސްތިއުފާ ދެއްވި ގޮޓާބަޔާ ރާޖަޕަކްސާގެ ދައުރު ނިމެންދެނެވެ. ރާޖަޕަކްސާ ގައުމު ދޫކުރައްވައި ސިންގަޕޫރަށް ވަޑައިގެން މަގާމުން އިސްތިއުފާ ދެއްވީ ރައްޔިތުން އޭނާއާ ދެކޮޅަށް އުތުރިއަރަން ފެށުމުން އެހެން އެއްވެސް ގޮތެއްނެތި މަޖްބޫރުވެގެންނެވެ.

އުމުރުފުޅުން 73 އަހަރުވީ ރަނިލްއަކީވެސް ރައްޔިތުން ރުހޭ ބޭފުޅަކަށް ނުވެއެވެ. އެހެންވީމާ ރަނިލްގެ އިސްތިއުފާއަށްވެސް ރައްޔިތުން ދަނީ އެދެމުންނެވެ. ގޮވަމުންނެވެ. އެކަމަށް އެދި މުޒާހަރާވެސް ދަނީ ކުރަމުންނެވެ. ރައްޔިތުން ގަބޫލުކުރާ ގޮތުގައި ރަނިލްއަކީ ރާޖަޕަކްސާއިންގެ މިތުރެކެވެ. ގޮނޑިކޮއްކޮއެކެވެ. ވެރިކަމަށް ވަޑައިގެންނެވީ ރާޖަޕަކްސާއިންގެ ހިމާޔަތުގައެވެ. މި ތުހުމަތުތަކާ ގުޅިގެން ރަނިލް ވިދާޅުވީ ރާޖަޕަކްސާއިންގެ ޒަމާންވީ މިތުރަކަށް އޭނާ ވާހުށީ ކޮންފަދަޔަކުން ހެއްޔެވެ. ތިޔައީ ކޮންކަހަލަ ވާހަކައެއް ހެއްޔެވެ. އޭނާގެ ސިޔާސީ ހަޔާތުގައި މިހާތަނަށް ހޭދަކުރި ކޮންމެ ދުވަހަކީ ރާޖަޕަކްސާއިންނާ ދެކޮޅު ހެދުމުގައި ފާއިތުވެގެންދިޔަ ދުވަހެކެވެ. މިކަން މުޅި ސްރީލަންކާ ދަންނާނެއެވެ. އަދި ކިޔެއްތަ، މުޅި ދުނިޔެވެސް ދަންނާނެއެވެ.

ސިޔާސީ ދާއިރާއަކީ ބައެއްފަހަރު ހަތުރުންނާވެސް ގުޅިގެން ގައުމުގެ މަސްލަހަތަށްޓަކައި މަސައްކަތްކުރަންޖެހޭ ދާއިރާއެއްކަން ފާހަގަ ކުރައްވަމުން ރަނިލް ވިދާޅުވީ ކުރީގެ ރައީސާ ޗަންދުރިކާ ކުމާރަތުންގާއަކީ އޭނާގެ މިތުރެއް ނޫންކަން އެންމެންވެސް ދަންނާނެ ކަމުގައެވެ. އެކަމަކު ކުމާރަތުންގާގެ ދައުރުގައި ބޮޑުވަޒީރުކަން ކުރީމެވެ. ރައީސް ނިސްބަތްވަނީ އެހެން ޕާޓީއަކަށެވެ. އޭނާ ނިސްބަތްވަނީ އަދި އެހެން ޕާޓީއަކަށެވެ. އެހެން ޕާޓީއަކަށް ނިސްބަތްވާ ރައީސަކާ ގުޅިގެން މަސައްކަތް ކުރުމުގެ މާނަޔަކީ ރައީސްގެ މިތުރަކަށް ވުމެއް ނޫނެވެ. އެގޮތުން ގޮޓާބަޔާ ރާޖަޕަކްސާގެ ރައީސްކަމުގައި ބޮޑުވަޒީރުކަން ކުރުމަކީ ރާޖަޕަކްސާއިންގެ ޚާދިމަކަށްވާންޖެހޭ ހުއްޖަތެއް ނޫންކަމަށާއި ރާޖަޕަކްސާއިންނަށް އިޚުލާސްތެރިވާންޖެހޭ ސަބަބެއްވެސް ނޫންކަމަށް ރަނިލް ވިދާޅުވިއެވެ.

ރައްޔިތުންގެ ވާހަކަތައް އަޑުއަހައި ރައްޔިތުން ބޭނުންވާ ބަދަލުތައް ގެންނަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރަނިލް ވަނީ އަނެއްކާވެސް ދެއްވައިފައެވެ. އޭނާ ވިދާޅުވިއެވެ. ރައީސްގެ ބާރުތައް ހަނިކޮށް ގާނޫނު ހަދާ މަޖިލީސް ބާރުވެރިކުރާނަމެވެ. އެކަން ލަސްކުރުމެއްވެސް ނެތެވެ. އެއީ އެންމެ ފުރަތަމަ ކަންތަކެވެ. އެކަން އެގޮތަށް ކުރީމާ އޭނާއަކީ ބަހާއި އަމަލު ސީދާކުރަން ދަންނަ އަދި ރައްޔިތުންގެ މިތުރެއްކަން އެތެރެއާއި ބޭރުގެ އެންމެންވެސް ގަބޫލުކުރާނޭ ކަމަށް ވިދާޅުވިއެވެ. ރައީސްކަމުގައި ހުންނެވިއަސް އަދި ނުހުންނެވިއަސް އޭނާއަކީ ޔުނައިޓެޑް ނެޝަނަލް ޕާޓީގެ ލީޑަރުކަމަށްވާތީ އެ ޕާޓީ ވަރުގަދަކޮށް ހަރުދަނާ ކުރުމަކީ ކުރާނޭ ކަމެއްކަމަށާއި އެކަން ކުރާނީ ދައުލަތް ގުރުބާންކޮށްގެން ނޫންކަމަށްވެސް ވިދާޅުވިއެވެ.

ރައްޔިތުން މިހާރު ހިންގަމުން ގެންދާ ހަރަކާތްތައް މަޝްހޫރުވެފައި ވަނީ އަރަގަލަޔާގެ ނަމުންނެވެ. އަރަގަލަޔާއަކީ ސީދާ ހަރަކާތެވެ. އިންތިފާޟާއެވެ. ޖުލައި ނުވަ ވަނަ ދުވަހު ރައްޔިތުން ރިޔާސީ ކިއްލާއަށްވެސް ވަދެގަތީ އަރަގަލަޔާގެ ތެރެއިންނެވެ. ދައުލަތުގެ އެހެނިހެން އިމާރާތްތައް ހިފައި ރަނިލްގެ އަމިއްލަފުޅު ގެޔެއްގައި ހުޅުޖަހައި އަންދައިލީވެސް އަރަގަލަޔާގެ ތެރެއިންނެވެ. އެހެންވީމާ އަރަގަލަޔާ ވެފައިވަނީ ރަނިލްއަށް ވަރަށް ހިތި އެއްޗަކަށެވެ. އެކަމާ ގުޅޭގޮތުން ވިދާޅުވިއެވެ. މީސްމީހުންގެ ގެދޮރުގައި ހުޅުޖަހައި ދައުލަތުގެ އިމާރާތްތައް ހިފައި ވީރާނާކޮށް ސަރުކާރު ވައްޓައިލުމަކީ ނިޒާމާ ދެކޮޅު ކަމެކެވެ. ނިޒާމާއި ދެކޮޅު ކަންކަމަކީ ހުއްދަނޫން ކަންކަމެވެ. އެއީ ޑިމޮކްރަސީއާ ފައިހަމަވާ ކަންކަމެއްވެސް ނޫނެވެ. އެހެންވީމާ އަރަގަލަޔާއަކީ އައިރުގާނޫނީ ހަރަކާތެކެވެ. އެކަން ޖެހޭނީ ހުއްޓުވާށެވެ.

ކޮންމެއަކަސް އައު ރައީސް ރަނިލް ވިކްރަމަސިންހާގެ ބަސްމަގު މިވަގުތުހުރީ މަތީގައި ބަޔާންކުރެވުނު ގޮތަށެވެ. ރާގަށެވެ. އިސްތިއުފާ ދެއްވުމުގެ ވިސްނުންފުޅެއް ނެތެވެ. ވެރިކަމާ ދުރަށް ވަޑައިގަތުމުގެ ނިޔަތެއް ފިކުރެއް ނެތެވެ. އަނެއްކޮޅުން ރައްޔިތުންވެސް އެތިބީ އަރަގަލަޔާއަށް ނިމުން ގެނެސް ގޭގެއަށްވަދެ ހިމޭންކަން އިޚުތިޔާރު ކުރާގޮތަކަށް ނޫނެވެ. އަރަގަލަޔާއަކީ އޮޑިއެއް ކަމަށްވާނަމަ މިހާތަނަށް ތިން ގޮދާ އޮތީ އޭގެ ހަފޮޅުން އެތެރެކޮށްފައެވެ. އެންމެ ފުރަތަމަ މާލީވަޒީރު ބަސިލް ރާޖަޕަކްސާއެވެ. ދެން ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާއެވެ. އެއަށްފަހު ރައީސް ގޮޓާބަޔާ ރާޖަޕަކްސާއެވެ. ރައްޔިތުންގެ ޝުއޫރުތަކަށް ވިސްނައިލާއިރު އަރަގަލަޔާ އޮޑީގެ ހަފޮޅުން އެތެރެއަށް ހަތަރުވަނަ ގޮދާ ގެނެސްފައި ނޫނީ މިފަހަރު އޮޑި ދީލައިލާނެ ކަމަށް ނުބެލެވެއެވެ.